ޑޮކްޓަރީ ދަރިމައިކުރުމުގެ ތެރެއިން ރަހިމު ކުއްޔަށް ހިފުން 3

(16 މާރިޗު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދެވަނަކަމަކީ ކަނޑައެޅިގެންވާ ރަހިމަކުން ދަރިން ހޯދުމުގެ ޙައްޤާއި މިރަހިމުގެ ވެރިޔާއާއިއެކު ޖިންސީ އަރާމު ހޯދުމާއި ގުޅިފައިވުމެވެ. އެހެންކަމުން ދަރިން ހޯދުމުގެ ޙައްޤަކީ ދެމަފިރިންގެ ގުޅިފައިވާ ޙައްޤުތަކުގެތެރޭގައި ހިމެނޭ ކަމެކެވެ.

އެމީހަކަށް ޖިންސީ އަރާމު ހޯދުން ޙައްޤު ނުވާ އަންހެނެއް މާބަނޑުކުރުވުމުގެ ޙައްޤު ލިބިގެންނުވާކަމުގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅު މާނައިގަވެއެވެ. ދަރިލައްވާނީ ތަންމައްޗަށެވެ." މި ވާހަކަދެކެވޭ މައްސަލައަށް ބަލާއިރު އަންހެންމީހާގެ ރަހިމުގެ ތެރޭގައި އިންދުނު ބިހަކީ އޭނާއާއިއެކު ޖިންސީގުޅުން ހިންގުން ހުއްދަނޫން ފިރިހެނެއްގެ މަނިން ގަރުބަގެންފައިވާ ބިހެކެވެ. އެހެންކަމުން މި ފިރިހެން މީހާގެ ސަބަބުން އެއަންހެންމީހާ މާބަނޑުވުމަކީ ހުއްދަކަމެއް ނޫނެވެ.

ތިންވަނަ ކަމަކީ ރަޙިމަކީ ދިނުމާއި އަތުލުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗެއް ނޫނެވެ. އެއީ  ހަމައެކަނި ފިރިމީހާގެ ޙައްޤެކެވެ. އަދި ހަދިޔާއެއްވެސް ނުކުރެވޭނެއެވެ. ހަމަ އެފަދައިން އަނބިމީހާއަށްވެސް އޭނާގެ ނަފްސު އޭނާގެ ފިރިމީހާ ނޫން މީހަކަށް ހުއްދަކޮށްދިނުމަކީ މަނާކަމެކެވެ. ފިރިމީހާ ނޫން އެހެން މީހެއްގެ ނުޠުފާއެއް         ރަހިމުތެރެއަށް ލުމަކީ ހުއްދަކަމެއް ކަމުގައިނުވާތީ އެރަޙިމު ކުއްޔަށް ދިނުމަކީ ނުވަތަ އެހެން މީހަކަށް ހިލޭ ދިނުމަކީ ހުއްދަކަމެއް ނޫނެވެ.

ހަތަރުވަނަ ކަމަކީ މީސްތަކުންގެ މެދުގައި އަރާރުން އުފައްދާ ކޮންމެ ކަމަކީ ޝަރުޢުގައި މަނާކަމެކެވެ. ގަންނަމީހާއާއި ހަވާލުނުކުރެވޭ ފަދަ އެއްޗެއް ވިއްކުންވެސް މަނާވާނެއެވެ. އަދި ގަންނަ މީހާއަށް ލިބިނުގަނެވޭ ފަދަ އެއްޗެއް ވިއްކުމަކީ މަނާކަމެކެވެ. އޭގެ ނިމުން އޮތްގޮތް ނޭނގޭ ވިއްކުމެއް ހިމެނޭ އަޤުދަކީ ޞައްޙަ ޢަޤުދެއް ނޫނެވެ.

އަދި ދަރިފުޅާއި ބެހޭ މާއްދީ ޙައްޤުތަކުގައި  (ވާރުތަ މުދާ ފަދަ) އަރާރުން އުފެދުމަކީވެސް ވަރަށް ގާތްކަމެކެވެ.

ފަސްވަނަ ކަމަކީ ނަސަބު އޮޅިދާނެ ކަމެއް ކުރުމަކީ ޙަރާމް ކަމެކެވެ. އިސްލާމް ދީނުގެ ހުކުމްތަކަކީ އިންސާނާގެ ނަސަބަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދޭ ހުކުމްތަކެކެވެ. ބަދަލު މަންމައަކީ އެހެން މީހަކާއި އިނދެގެން އުޅޭ މީހެއްނަމަ އެއަންހެނާގެ ފިރިމީހާއާއި އެކު ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ނުވަތަ އިންދުނު ގަރުބަގަންނަވާފައިވާ ބިސް އެއަންހެނާގެ ބަނޑުތެރޭގައި ނުހެދުމުގެ ސަބަބުން ނުވަތަ ޙަޤީޤީ ދަރިއަކަށް ބަލިވެއިނުމުގެ ސަބަބުން ނަސަބު އޮޅުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

ހަވަނަ ކަމަކީ ދަރިންގެ ޙައްޤުތައް ގެއްލުމާއި ދަރިންނަށް އަޅާލުމާއި ދުރުހެލިވުމެވެ.         ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ބަދަލު މަންމަ އަކީ މީހަކާއި އިދެގެން ނޫޅޭ މީހެއްނަމަ ދަރިފުޅު ނިސްބަތް ވާނީ ބިހުގެ ވެރި އަންހެނާގެ ފިރިމީހާއަށެވެ. އެހެންވީމާ މިކުއްޖާއަށް އެފިރިހެންމީހާގެ ތަރިކައިން ބައި ލިބޭނެއެވެ.

އަދި އޭނާގެ ފަރާތުގެ މީހުންނާއި ތިމާގެކަންވެސް އޮންނާނެއެވެ. ބަދަލު މަންމައަކީ މީހަކާއި އިނަދެގެން އުޅޭ މީހެއްނަމަ ލިބުނުކުއްޖާ ލޭގެ ތަޙްލީލުކޮށް އެއީ ކާކުގެ ދަރިއެއް ތޯ ބަލާނީއެވެ. މިގޮތަށް ބެލުމަށްފަހު އެކުއްޖާ ނިސްބަތް ކުރާނީ ސާބިތުވާ މީހާއަށެވެ. މިގޮތަށް ފަތުވާ ދެއްވާ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ޒިނޭގެ ސަބަބުން ލިބޭދަރި ޒިނޭކުރި ފިރިހެނާއަށް ނިސްބަތްކުރެވޭނެއެވެ. ދަންނަބޭކަލުން ވިދާޅުވާގޮތުގައި މި އަންހެންމީހާގެ ފިރިމީހާ އެއީ އޭނާގެ ދަރިއެއް ކަމަށް ބުނެފިނަމަ އެކުއްޖާވާނީ އޭނާގެ ދަރިއަކަށެވެ. ސަބަބަކީ ކީރިތި ރަސޫލާގެ ޒަމާނުގައި ޢުތުބަތް ބިން އަބީ ވައްޤާޞާ އަބްދު ބުން ޒަމްޢާ ދެމެދުގައި ކުއްޖަކާހެދި އަރާރުން އުފެދުނެވެ. މިކުއްޖާ ވިހާފައިވަނީ އަބްދު ބުން ޒަމްޢާގެ ބައްޕަގެ މިލްކުގައިވާ ޖާރިޢާއެކެވެ. މިކުއްޖާ ވައްތަރުވަނީ ޢުޠުބާއަށް ކަމުގައިވިޔަސް ރަސޫލުﷲގެފާނު މިކުއްޖާ ދެއްވީ އިބްނު ޒަމްޢާ އަށެވެ. އަދި އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ.  ދަރިލައްވާނީ ތަންމައްޗަށެވެ.  މިބަސްފުޅުން އެނގެނީ އެކުއްޖާ ނިސްބަތްވާނީ ފިރިމީހާއަށް ކަމެވެ.

ދެއްކިފައިވާ ހުރިހާ ވާހަކަ ތަކަކާއި އަދި ގެނެސްދީފައިވާ ދަލީލުތަކުގެ އަސްލަކީ އަޅުގަނޑު ބުނެދެން ބޭނުންވި ވާހަކަ އަކީ ދެތުކަން ހާމަކޮށްދިނުމެވެ. އެއީ ރަހިމު ކުއްޔަށް ހިފުން ނުވަތަ ބަދަލު މަންމައިން އިސްލާމީ ޝަރީޢަތުގައި ހުއްދަ ނޫން ކަމަށް  ބުނުމެވެ. އެގޮތުން ރަހިމު ކުއްޔަށް ހިފުން ހަރާމްވި ސަބަބަކަށް ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި  މަނީގެ ވެރިފަރާތާއި ރަހިމުގެ ވެރިފަރަތާއި ދެމެދު ކައިވެނީގެ ގުޅުން ނެތުމާއި  ދަރިންނަށް ޝަރްޢީ ސިފަލިބެނީ ކައިވެނީގެ ގުޅުމުގެ ތެރެއިން ކަމާއި ރަހިމު ކުއްޔަށް ހިފައިގެން ބަނޑުބޮޑު ވުމަކީ ޝަރްޢީ ބަނޑުބޮޑުވުމެއް ނޫން ކަމާއި،  މިކަމުގެ ދަލީލު ކީރިތި ޤުރުޢާންގެ އައް ނަހްލު ސޫރަތުގެ 72 ވަނަ އާޔަތުން އެގެން އޮތުމުންނާއި، ދަރިން ހޯދުމުގެ ހައްޤާއި ޖިންސީ އަރާމު ހުއްދަވުމާއި ގުޅިފައިވުމުގެ އިތުރުން ރަހިމަކީ ދިނުމާއި އަތުލުމުގެ ޤާބިލްކަން ލިބިފައިވާ އެއްޗެއްކަމުގައި ނުވުމެވެ. އަދި އެހެންމެ އިލްމުވެރިން ހަރާމްކަމަށް އިއްތިފާޤުވާ ހާލަތްތައް ބަޔާން ކޮށްދެއްވާ ފައިވާ ސަބަބު ތަކަށް އަލި އަޅުވާލެވިފައިވާނެއެވެ. ރަހިމް ކުއްޔަށް ހިފުމަކީ ކޮބައިކަމާއި އަދުގެ ދުނިޔޭގައި މިކަންކުރަމުން އަންނަގޮތާއި އަދި އިސްލާމީ ޝަރީޢަތުގައި މިކަން ހަރާމްވެގެންވަނީ ކީއްވެކަން އިލްމުވެރިންގެ ރަޢުޔު ތަކާއިއެކު ގެނެސްދެވިފައި ވާނެއެވެ. މި ހުރިހާ ކަމެއް ބުނެދިނުމަށްފަހުވެސް ބުނެވެނީ އިސްލާމީ ޝަރީޢަތުގައި ބަދަލު މަންމައިން ނުވަތަ ރަހިމު ކުއްޔަށް ހިފުމަކީ ހުއްދަ ނޫން ނުވަތަ ޙަރާމްކަމެއްކަމެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *