މައްލާ ޅަތުއްތުއަކީ ޤައުމީ ޚިދުމަތުގެ ނަމޫނާ ޝަޚްސިއްޔަތެއް – ރައީސް

ކުޅިވަރު ކުރިއެރުވުމުގައި ބައި ޤަރުނަށްވުރެ ގިނަދުވަހު ޤައުމަށް ޚިދުމަތްކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު އަވަހާރަވުމާ ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މައްލާ ޅަތުއްތު، އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވީ މީސް މީޑިއާ މެދުވެރިކުރައްވައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ޤައުމީ ހިތްވަރުދިނުމުގެ އިނާމާ، ޤައުމީ ޝަރަފްވެރިކަމުގެ އިނާމާ، އަދި ދައުލަތަށް ދިގުމުއްދަތަކު ޚިދުމަތްކުރެއްވުމުގެ އިނާމާ، ކުޅިވަރުގެ ލައިފް އެޗީވްމަންޓް އެވޯޑްވެސް ޙާޞިލްކުރައްވާފައިވާ މައްލާ ޅަތުއްތު އަކީ ޤަައުމީ ޚިދުމަތުގެ ނަމޫނާ ޝަޚްޝިއްޔަތެއްކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި މައްލާ ޅަތުއްތު އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ބޮޑު އުނިކަމެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މައްލާ ޅަތުއްތު ހޯއްދަވާފައިވާ ކާމިޔާބީތައް އެމަނިކުފާނުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިއެވެ.

މައްލާ ޅަތުއްތުއަކީ ކުޅިވަރުގެ ރޮނގުން 1990 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 2021 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި 2018 ވަނަ އަހަރު، އެފް.އޭ.އެމް.ގެ "ޕްރެޒިޑެންޝަލް އެވޯޑް" ވެސް މައްލާ ޅަތުއްތުއަށް ވަނީ ލިބިވަޑައިގެންފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރު މައްލާ ޅަތުއްތުއަށް ވަނީ ކުޅިވަރުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ލިބިވަޑައިގެންފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *