ދިވެހިރާއްޖެ މިނިވަން ޤައުމެއްތަ!؟

ލެޕްޓޮޕްކައިރީގައި އިށީން އިރު އެތައްބައިވަރު ޚިޔާލު ތަކެއްގެ ތެރެއިން ، ހިތާހިތާ ކުރެވެމުން ދިޔަ ސުއާލަކީ، ދިވެހިރާއްޖެ އަަކީ މިނިވަން ޤައުމެއް ހެއްޔެވެ؟ މި ވިސްނުމުގައި އިނދެ މީސް މީޑިއާއަށް ވަން އިރު، އެކި މީހުންގެ ލިއުންތަކުގައި އެކި ގޮތްގޮތަށް ބުނެފައިވާ ވާހަކަ އަކީ، ޢާއްމުކޮށް ކިޔާނަމުންނަމަ ، ބާންގާޅީ އަކު، އެތައް ދުވަސްތަކެއް ވަންދެން ބުޅާމަހުން ، ބާގަރ، ސޭންޑްވިޗް ފަދަ ތަކެތި ހަދާ ދިވެހީންނަށް ކާންދެމުންދާ ވާހަކަ އެވެ. މިކަން މީސްމީޑިއާއަށް ތިލަކޮށްލި ވާހަކައެވެ. މިލިއުންތައް ކިޔަން އިންއިރު ހުޅުވާފައި ހުރިޓީވީ ޗެނަލުން ޕްރޮގްރާމް ބަދަލު ވެއްޖެއެވެ.

ދޫފަރިތަކަމާއި އެކު ދިވެހި ހުށަހެޅުންތެރިޔާ ހުށަ ހަޅައިދެމުން ދިޔައީ ކުރިއަށް އޮތް ހިންދީ ލަވަޕްރޮގްރާމްގެ މޮޅުކަމުގެ ވާހަކައެވެ. އެ ފެށުނީ އެވެ. އެވަގުތު  އެހެން ޗެނަލް އަކަށް ބަދަލު ކޮށްލީމެވެ. ސަހަލެއް ނޫނެވެ. ހިންދީ ފިލްމުސްޓާރެއްގެ މުޅި ޙަޔާތް، ދަތްއުނގުޅާ ބޭހަށް ދަންދެން ކިޔާދެނީ އެވެ. ދިވެހި ޕްރޮގްރާމެއް ހުށަހެޅުމަށްވުރެ  މި ޕްރޮގްރާމަށް ދިވެހި ހުށަހެޅުންތެރިޔާގެ ދޫހެލުން ފަރިތައެވެ.

އެކުވެރިއެއްގެ ފޯނެއް އަތުވެއްޖެ އެވެ. އެންމެ އާދަކޮށް ބުނާނަމަ ކޮފީއަކަށް ދާންވީ އެވެ. ސައި ހޮޓަލަކަށް ވަދެ މޭޒު ދޮށުގައި އިށީން ތަނާ ޚިދުމަތްދޭން ބަންގާޅުގެ ވެއިޓަރަކު އައެވެ. އޭނާގެ ގާތު ގެންނަންވީ އެއްޗެތިބުނުމުން، ގެންނަންވީ ހެދިކާނެގުމަށް ހެދިކާހުރި ކޮށިގަނޑަށް ދިއުމަށް އެންގި އެވެ. ކިޔަމަންވެ އެއުޞޫލުގެ މަތިން، ހެދިކާ އެއްހިފައިގެން އައިސް، މޭޒުދޮށުގައި އިށީންތަނުން ކައިރީގައި ހުރި މޭޒުގައި ދެކެވޭ ވާހަކަ އަކީ، ޒަވާޖީ ޙަޔާތެއްގައި ދިގުމުއްދަތެއް ހޭދަކޮށްފައިތިބި، ކާފަ މާމަ ކިޔާފައިވާ އެމީހުންގެ ރައްޓެހި ފިރިހެނެއްގެ އަންހެނުންނަށް " ބަންގާޅީ" އަކު ދެކެ ލޯބިވެވި އެކަމުން އޭނާއަށް ސަލާމަތް ނުވެވިގެން އުޅޭ ވާހަކަ އެވެ. 50 އަހަރަށްވުރެ މަތިވެފައި ވަނިކޮށް މި އުފެދުނު ލޯބީގެ ބާރުގަދަ ވާހަކަ އެވެ. މިވާހަކައިގެ ތެރެއިން ކުރިފަޅާ، ދިވެހިރާއްޖޭގައި މަސައްކަތް ކުރަންއައިސް އުޅޭ "ބަންގާޅުން" ، ބޭރުގެ މީހުން ޤައުމުގެ ވިޔަފާރި ތަކަށް، ހައްދާ ދަނޑު ތަކަށް، މަސްއޮޑިފަހަރުގެ މަސްވެރީންނަށް ވެ އެމީހުންގެ ބާރުގެ ދަށުން ގަނެވިއްކުން ހިނގާ ވާހަކައެވެ. މިކަންކަމުގެ ކޮންޓްރޯލް އެމީހުންގެ އަތްމަތީގައި އޮންނަ ވާހަކަ އެވެ. މިކަހަލަ އެތައް ވާހަކައެކެވެ.

އަނެއްކާވެސް ވިސްނުމުގައި ކޮށާލީ ޤައުމުގެމިނިވަން ކަމުގެ ވާހަކައެވެ. ސިޔާސީ މައިދާން އެކަހެރިކޮށް ބޭއްވުމަށްފަހު، ފަރުދީ ގޮތުން ވެސް ދިވެހި ރައްޔިތުންގެ މިނިވަންކަން ގެއްލިފައިވާ ކަމުގެ އިހްސާސް ކުރެވުނެވެ. ފަރުދީ މިނިވަން ކަމެއްނެތި ސިޔާސީ މިނިވަން ކަމެއް ޤައުމެއްގައެއް ނޯންނާނެއެވެ.   ޤައުމަށް އައިސް އުޅޭ މަސައްކަތު މީހުން، ދިވެހީންގެ މައްޗަށް ބާރުގަދަކޮށް ފިއެވެ. އެއްދިމާއަކުން ނޫނެވެ. ވަށައިގެން ދިވެހީންތިބީ ، ދިވެހީންނަށް ބޭރުގެމީހުން ހަދާނެ ގޮތެއްހެދޭ ހާލަތުގައެވެ. ދިވެހި ދިދަ ވިހުރުވުނަސް ބޭރުގެ މީހުން ދިވެހީންއަޅުވެތި ކޮށްފިއެވެ. ހަނގުރާމަޔަކާ ނުލައެވެ.  ހިތަށް އެރި އެވެ. ކޮން ބައެއްގެ އިހުމާލެއް ބާވައެވެ. އެއްނަޒަރަކުން ބަލާއިރު ދިވެހީން އަޅުވެތިކަން މި އިޚްތިޔާރު ކުރަނީ އަމިއްލަ އަށެވެ.

އިހުމާލުގެ ވާހަކަ ބޭއްވުމަށްފަހު، ޤައުމުގެ ހަމަޖެހޭ ދިވެހީންނަށް ، މައިންބަފައިންނަށް، ޒުވާނުން ނަށް ގޮވާލަމެވެ. ހޭލާށެވެ. ތެދުވާށެވެ. އެންމެ ފުރަތަމަ ގެއްލެމުންދާ ތިބާގެފަރުދީ މިނިވަންކަން ލިބިގަތުމުގެ މަސައްކަތް ފަށާށެވެ.  ގޭގެ މަސައްކަތްތައް ނޯކިރީން ލައްވާ ނުކުރުވާ، އެ މަސައްކަތްތައް އަމިއްލަ އަތުން ކުރަން ފަށާށެވެ. ފާޚާނާ ސާފުކުރުން ވިޔަސް ފަންކާ ސާފުކުރުން ވިޔަސް ނޭފަތް ސާފުކުރުން ވިޔަސް ތިބާގެ ދެއަތުން ކުރާށެވެ. ކައްކަން ނޭނގޭނަމަ ކުރު ކޯހެއް ހަދައިގެން ނަމަވެސް ގޭގައި ކައްކާ ކައި ހަދާ މީހަކަށް ވާށެވެ. ގޭގައި ފިހާރައެއް ހުރިނަމަ، މައިންބަފައިިންނަށް އެހީތެރިވެ، ފިހާރައިގެ ސޭޓުުކަންވެސް ކުރާށެވެ. މިނެކިރާ މީހާއަށްވެސް ވާށެވެ. މިއީ އަހުރެމެންގެ ކާބަފައިން އުޅުނު ގޮތެވެ.

މިއަދު އަތުން ބީވެގެން މިއުޅެނީ، ތިބާގެ މަސްއޫލިއްޔަތު ނުއުފުލުމެވެ. ޒިންމާ އަދާނުކުރުމެވެ. އާއިލީ ދިރިއުޅުމާއި، މައިންބަފައިންނަށް އެހީތެރިކަން ފޯރުކޮށް ނުދިނުމެވެ. ފަތިހު ތެދުވެ ހީވާގިކަމާއެކު ދުވަހުގެ ދިރިއުޅުމުގެ މަސައްކަތުގެ ތެރެއަށް  ނުވަނުމެވެ.  ތިބާގެ ދިރިއުޅުމުގެ މަސްއޫލިިޔަތު އުފުލާށެވެ. މަސްއޫލިއްޔަތު އުފުލުމަކީ މިނިވަން ކަމެވެ. ނޫންނަމަ ތިބާގެ މިިނިވަން ކަމާއި ޤައުމުގެ މިނިވަންކަން ގެއްލި ތިބާއަށް އަތްނުުފޯރާ ހިސާބަށް ހިގާދާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *