މުސްލިމް އަންހެން ޝަހްސިއްޔަތުގެެ ތެރޭގައި ވަރަށް ހުނަރުވެރި އަންހެން ކަނބަލުން ދުނިޔެއަށް ބޮޑެތި ޚިދުމަތް ކޮށްދީފައި ވެއެވެ. އެގޮތުން މި ސިލްސިލާގައި މިއަދު ފާހަގަ ކޮށްލާނީ އިމާރާތް ކުރުމުގެ ދާއިރާގައި ދުނިޔޭގެ ތަސައްވުރު ބަދަލުކޮށްލި މަޝްހޫރު ޒާހާ ހަދީދްއަށެވެ.
31 އޮކްޓޫބަރ 1950 ގައި އިރާގުގެ ވެރިރަށް ބަޣުދާދަށް އުފަންވެވަޑައިގަތް ޒާހާ ހަދީދް އަކީ 20 ވަނަ ގަރުނުގައި އިމާރާތް ކުރުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދެއްވި މަޝްހޫރު އަންހެން ބޭފުޅެކެވެ. އޭނާ ފަރުމާ ކުރައްވާ އިމާރާތްތަކީ, އިމާރާތް ކުރުމުގެ ފަންނަށް ހައިރާންކަން ގެނެސްދިން ތަފާތު އިމާރާތް ތަކެކެވެ. ޒާހާގެ އުފެއްދުންތެރި ތަފާތު މަސައްކަތްތައް ވަރަށް ގިނައެވެ. އަދި އެއީ އޭނާގެ ފަރުމާތަކަށް ދުނިޔޭގެ އެކިކަންކޮޅު ތަކުން އެކިއެކި ވަނަތަކާއި އެވޯޑްތަކާއި އިނާމުތައް ލިބިވަޑައިގެންފައިވާ ފަރުމާތަކެކެވެ.

ޒަހާގެ ބައްޕަ މުޙައްމަދު އަލް ހައްޖު ހުސައިން ހަދީދް އަކީ އިރާގުގެ ނެޝަނަލް ޑިމޮކްރަޓިކް ޕާޓީގެ ކޯ ފައުންޑަރ އެވެ. މަންމަ ވަޖީހާ އަކީ އާޓިސްޓެކެވެ. ބޭބެއަކީ އެކައުންޓެއްގެ އިތުރުން އަރަބި ޤައުމުތަކަށް މަޝްހޫރު ލިޔުންތެރިއެކެވެ. ޒާހާ ކުޑައިރު އިނގިރޭސި ވިލާތާއި ސްވިޒްލެންޑްގެ ބޯޑިން ސްކޫލްތަކުގައި ތަޢުލީމް ހާޞިލް ކުރައްވާފައެވެ. 1980 ވަނައަހަރު އޭނާގެ ފުރަތަމަ އާކިޓެކްޗަރ ފާމް އިނގިރޭސިވިލާތުގައި ހެދިއިރު އޭނާއަކީ އިގިރޭސިވިލާތުގެ ރަށްވެއްސެކެވެ. އަދި މިއީ ހާވާޑް ގުރެޖުއޭޓް ސްކޫލާއި، ކެމްބްރިޖް ޔުނިވަރސިޓީއާއި އަދި ޔުނިވަސިޓީ އޮފް ޗިކާގޯގައި ލެކްޗަރަރ އެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ވަރަށް ޅައުމުރުގައި އިމާރާތް ކުރުމުގެ ދާއިރާއިން މީހުންގެ ސަމާލުކަން ލިބުނު ފަރާތެކެވެ.

ހަމައެކަނި ކޮމްޕިއުޓަރ ޓެކްނޮލޮޖީއަށް ބަރޯސާވުމުގެ ބަދަލުގައި ޒާހާގެ އަތުގެ ކުރެހުމަށް މޮޑެލް ހެއްދެވުމަށްފަހު އިމާރާތް އަސްލު ހުންނާނެގޮތް ތައްޔާރު ކުރައްވައެވެ. ޒާހާގެ މަސައްކަތުގައި އޭނާގެ ސިކުނޑީގެ ވިސްނުމަށް ތަޢުލީމާއި، ބުރަމަސައްކަތާއި، ޓެކްނޮލޮޖީ ގުޅުވާޅުލެއްވުމަށްފަހު އިމާރާތްތަކަށް ޒަމާނީގޮތްތައް ގެނުވައެވެ.

ޒާހާއަށް 21 އަށްވުރެ ގިނަ އެވޯޑް ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން ލިބިވަޑައިގެންފައި ވެއެވެ. ޒާހާ ވަނީ 40 އަށްވުރެ ގިނަ ޕްރޮޖެކްޓް ނިންމާލައްވާފައެވެ. އަވަހާރަވުމުގެ ކުރިން ނުނިމި ހުރި 16 ޕްރޮޖެކްޓެއް އޭނާގެ މަސައްކަތްތަކުގެ ތެރޭގައި ވެއެވެ. އޭނާގެ ކޮންމެ މަސައްކަތަކީ ފަންނުވެރި ހުނަރުވެރި މިޒަމާނުގެ އިމާރާތްކުރުމުގެ ވައްޓަފާޅި ބަދަލުކޮށްލި މަސައްކަތެކެވެ. 2016 ވަނައަހަރު ޒާހާ އަވަހާރަވެފައިވަނީ ހިތް ހުއްޓުމުގެ ސަބަބުންނެވެ.
