ގިނަ ބާރުތަކަކާއެކު އެމްއެފްޑީއޭ އަލުން އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު 6/2024)ގެ 8ވަނަ މާއްދާގެ (ހ)ގެ ދަށުން "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" މިއަދު ގާއިމުކުރައްވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ. މިކަން އިޢުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި 2024/17 ނަންބަރު ދެންނެވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގާއިމުކުރެއްވުމާ ގުޅިގެން، މިހައިތަނަށް މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މިއަދުން ފެށިގެން ވަނީ އުވައިލައްވާފައެވެ.

ދައުލަތުގެ އިދާރާތަކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހަމަޖައްސަވައިފައިވާ ނަންބަރު 182 ކަމަށްވެސް ދެންނެވެމުގައިވެއެވެ.

އެގޮތުން ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމާއި، އެމްއެފްޑީއޭގެ މިންގަނޑުތަކަށް ސާފުތާހިރުކަން ނުހުންނަ ތަންތަން ބަންދުކުރުމުގެ ބާރު މީގެކުރިން އޮތީ ވަރަށް ބޮޑަށް ހަނިކުރެވިފައެވެ. އަދި ވިޔަފާރިއެއްގެގޮތުގައި ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނާއި ކެފޭ ހޮޓާ އަދި ރެސްޓޯރެންޓްތައް ބެލުން ފިޔަވާ ފުޅާދާއިރާއެއްގައި ކާބޯތަކެތި ހަދައިގެން ވިއްކަމުންދިޔަ ދިޔުން ބެލޭނެ ބާރެއް ނިޒާމު އޮތްގޮތުން މީގެކުރިން އެމްއެފްޑީއޭއަކަށް ނެތެވެ.

މިހާތަނަށް އެމްއެފްޑީއޭން އަމަލުކުރަމުން އަންނަ ގޮތަކީ ރާއްޖެ އެތެރެކުރާ ބާވަތްތަކުގެ ތެރެއިން ރައްކާތެރި ނޫން ބާވަތެއް ފާހަގަ ކުރެވުމުން އާންމުންގެ ސަމާލުކަމަށް އެކަން ގެނައުމެވެ. އަދި އެ ބާވަތްތައް އެތެރެކޮށް ނުވިއްކުމަށް އެންގުމެވެ. ނަމަވެސް އެގޮތަށް އަންގާ އެންގުންތައް ތަންފީޒު ކުރުމުގެ ޤާނޫނީ ބާރުވެރިވެރިކަމެއް ނޯވެއެވެ. ނަމަވެސް އަލަށް އަމަލުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން މިހާރު އެގޮތަށް އަންގާ އެންގުމާއެކު ބާޒާރުން ތަކެތި ނެގުމަށް ރީކޯލް ނޯޓިސް ނެރެ، އެއަށް ޢަމަލުނުކުރުމަކީ ޤާނޫނީ ކުށެއްގެ ގޮތުގައި ކަނޑައަޅައި 10،000ރ. އާއި 1،000،000ރ. ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އެއޮތޯރިޓީއަށް ވަނީ ލިބިފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *