ހިޖުރައިން 11 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ12 ވީ ހޯމަ ދުވަހު، ފަތިސް ނަމާދުގެ ޖަމާޢަތުގައި މުސްލިމުންގެ އިމާމަކަށް އަބޫބަކުރުއްޞިއްދީޤު (ރަޟިޔަ ﷲ ޢަންހު) ހުންނެވިއެވެ. އެވަގުތު ރަސޫލުﷲ صلى الله عليه وسلم ގެކޮޅުގެ ދޮރުކޮޅުގެ ފަރުދާ ހިއްލަވާލެއްވުމަށްފަހު، މީސްތަކުންނަށް ބައްލަވާލައްވައި، ހިނިވަރުނަ ކުރައްވާ ޙާލުކޮޅުގައި އެފަރުދާ ދޫކޮށްލައްވައި، ގެކޮޅުގެ އެތެރެއަށް ވަދެ ވަޑައިގެންނެވިއެވެ.
އެ ވަގުތު ރަސޫލުﷲ صلى الله عليه وسلم ހިނިވަރުނަ ކުރެއްވީ ކީއްވެގެންތޯ، ވިސްނާލަމާތޯއެވެ! ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި، ލޮބުވެތި ނަބިއްޔާ ހިނިވަރުނަ ކުރެއްވީ، އެކަލޭގެފާނުގެ އުއްމަތުގެމީހުން ނަމާދުގެ ޖަމާޢަތުގައި ބަދަހި ސަފުތަކެއްގައި ވަނިކޮށް ފެނިވަޑައިގަތުމުންނެވެ. އެހެނީ، ނަމާދަކީ، އިސްލާމް ދީން އެއެއްޗެއްގެ މައްޗަށް ބިނާވެގެންވާ ދީނުގެ ތަނބެވެ. އަޅާއާއި، ކާފިރުކަމާ ދެމެދުގައިވާ ހުރަހެވެ. އެ ދޫކޮށްލައިފި މީހާ ދީން މުގުރާލައިފިއެވެ. އެ ޤާއިމުކޮށްފި މީހާ ދީން ޤާއިމުކޮށްފިއެވެ. ރެއާއި ދުވާލު 5 ފަހަރު ތަކުރާރުވާގޮތަށް ފަރުޟު ކުރެއްވިގެންވާ އަޅުކަމެކެވެ. އެނަމާދާ މެދު ވާރިދުވެގެން އައިސްފައިވާ އަޘަރުތަކާމެދު، ގިނަ މީހުންވަނީ ޣާފިލުވެގެންނެވެ. އެނަމާދުގެ ޤަދަރާމެދު ގިނަ މީހުންވަނީ ޣާފިލުވެގެންނެވެ. އޭގެ ޙުކުމްތަކާއި، ޙިކުމަތްތަކާއި، އެނަމާދަށް ދޭންޖެހޭ ސަމާލުކަމާމެދު ގިނަ މީހުންވަނީ ޣާފިލުވެގެންނެވެ.
ނަމާދަކީ، އޭގެ ސަބަބުން އަހަރެމެންގެ ފާފަތައް ﷲ تعالى ފުއްސަވައިދެއްވާނޭ ކަމެކެވެ. އޭގެ މިސާލެއް ބަޔާން ކުރައްވަމުން، ލޮބުވެތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ގޭގެ ދޮރުމަތީގައި، ސާފު ފެންގަނޑެއް އޮވެފައި، އެއިން ކޮންމެ ދުވަހަކު 5 ފަހަރު ފެންވަރާ ކަމުގައި ވާނަމަ، އެމީހެއްގެ ހަށިގަނޑުގައި އެއްވެސް ކަހަލަ މިލައެއް ހުންނާނެ ހެއްޔެވެ؟" ޞަޙާބީން ދެންނެވިއެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް މިލައެއް ނުހުންނާނެއެވެ. ޙަދީޘްކުރެއްވިއެވެ. "ފަހެ އެއީ ފަރުޟު ފަސްނަމާދުގެ މިސާލެވެ. އޭގެ ސަބަބުން ﷲ سبحانه وتعالى ފާފަތައް ފުއްސަވައި ދެއްވައެވެ."
ނަމާދަކީ، ހިތަށް ހަމަޖެހުން ލިބޭ އަޅު ކަމެކެވެ. ކަންބޮޑުވުމާއި ހާސްވުންފަދަ ކަންކަމުން ސަލާމަތް ކޮށްދޭ އަޅު ކަމެކެވެ. އެހެންކަމުން ރަސޫލުﷲ صلى الله عليه وسلم ކަންބޮޑުވެ ވަޑައިގަންނަވާ ކޮންމެ ފަހަރެއްގައިމެ، ނަމާދު ކުރެއްވުމަށް އަވަސްވެ ވަޑައިގަންނަވާ ކަމުގައި ވާރިދުވެފައި ވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ. "ނަމާދަކީ، ތިމަން ކަލޭގެފާނުގެ ލޯފުޅުގެ ފިނިކަންކަމުގައި ލެއްވިގެން ވެއެވެ." އެހެން ނުވާންވީ ކީއްވެތޯއެވެ. ނަމާދަކީ އަޅާއާއި، އޭނާ ހައްދަވައި ގެންގުޅުއްވާ އިލާހާ ދެމެދުގެ ގުޅުމުގެ ރަމްޒެވެ.
ހުކުރު ޚުތުބާ
