ރާއްޖޭގައި ބޭއްވި ސެންޓްރަލް އޭޝިޔާ ވޮލީބޯލް އެސޯސިއޭޝަން (ކަވާ) ވިމެންސް ވޮލީބޯލް ޗެލެންޖު ކަޕްގެ ފައިނަލްގައި ރޭ ރާއްޖެއާއި ކްރިގިސްތާނު ބައްދަލުކުރި މެޗު، ކްރިގިސްތާނުން ކާމިޔާބުކޮށްފިއެވެ
ފައިނަލްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. އެ ގޮތުން 25-17އިން މެޗުގެ ފުރަތަމަ ސެޓު ނެގީ ކްރިގިސްތާނުންނެވެ. ދެވަނަ ސެޓު 26-24 އިން ރާއްޖެއިން ނެގިއިރު، ތިންވަނަ ސެޓު 25-22އިން ނެގީ ކްރިގިސްތާނުންނެވެ.
ފައިނަލްގެ ފަހު ސެޓު ކްރިގިސްތާނުން ނެގީ 9-15އިންނެވެ.
ކާވާ ވިމެންސް ވޮލީ ބޯލް ޗެލެންޖު 2024″ ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ޗެމްޕިއަން ޓީމަށް ރަން މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަދި ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
މާލޭ ސޯޝަލް ސެންޓަރުގައި ހޯސްޓުކުރި ކަވާ ވިމެންސް ވޮލީބޯލް ޗެލެންޖުގެ ފައިނަލް މެޗުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޅުންތެރިންނަށް ހިތްވަރުދިންކަން ފާހަގަ ކުރެވެއެވެ.
ގައުމީ ޓީމަށް ހިތްވަރު ދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައިވަނީ، ގައުމީ ޓީމުގެ ހިތްވަރާއި އަޒުމާއިމެދު ފަޚުރުވެރިވެ، ސާބަސް ދެއްވާ ކަމަށެވެ. އަދި އެ ޓީމަށް އިތުރު ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
ކަވާ ވިމެންސް ވޮލީބޯލް ޗެލެންޖު ކަޕްގެ ފައިނަލުން ބަލިވިޔަސް، މި މުބާރާތުގައި ރާއްޖޭގެ އަންހެން ވޮލީބޯލް ޓީމުގެ މޮޅު ކުޅުން ފެނި ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ.
ދިވެހި ޤައުމީ ވޮލީޓީމް ކާވާ އަންހެން ވޮޅީ ބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅުނު މިއީ ދެވަނަ ފަހަރެވެ. މި ސެޕްޓެމްބަރު މަހުގެ 6 އިން 11 އަށް ކުރިއަށްދިޔަ މި މުބާރާތުގައި ވާދަކުރީ ދިވެހިރާއްޖެ، އަފްޣާނިސްތާން، ކިރްގިސްތާން އަދި ތަޖިކިސްތާނެވެ.
