ކައިވެނި ރޫޅިގެން ހިތާމަކުރަންޖެހޭ އަންހެނުން ގިނަވާ އެންމެ ބޮޑު ސަބަބު

ކޮންމެ ކަމެއް ޙާޞިލްކުރަންވެސް ގަދައަޅައި މަސައްކަތްކުރާށެވެ! ނަމަވެސް ނަތީޖާއަށް އަށް ފުންމައި ނުގަންނާށެވެ! ކެތްތެރިވެލާށެވެ! ކޮންމެ ކަމެއްވެސް ހިންމަވައި ދެއްވަވާނީ އެކަމަކަށް އޮތް އެންމެ ރަނގަޅު ވަގުތުގައިކަން ޔަޤީންކުރާށެވެ. މިއީ ކީރިތި ޤުރްއާނުންނާއި ނަބަވީ އިރުޝާދުން، ޙަދީޘްފުޅުތަކުން ފެންނަން އޮތް މަގެވެ. ޢިލްމްވެރިން މިފަދަ ބަސްފުޅުތައް ވިދާޅުވަނީ އެސަބަބަށްޓަކައެވެ.

މިފަދަ ބަސްތައް ބުނެވެނީ ހަމައެކަނި ދިރިއުޅުމަށް ކުރާ މަސައްކަތުގައެއް ނޫނެވެ. ކައިވެނިކުރަން ކުރާ މަސައްކަތުގައިވެސް އޮތީ ހަމަ މިއުޞޫލެވެ. ހަމަ މިގޮތެވެ!

މިހާރަކަށް އައިސް ކައިވެނި ރޫޅުމުގެ މައްސަލަތައް ކުރިމަތިވުން ގިނަވެ އެކަކަށް، ޚާއްޞަކޮށް ގިނަ އަންހެނުންނަށް ހިތާމަތައް ކުރިމަތިވަނީ މި ކަންކަމަށް ވިސްނައިނުލެވޭތީއެވެ. ލޯބިވެރިޔާ އާއި އަވަހަށް ކައިވެނިކުރުމުގެ ދަހިވެތިކަމުގައި ތިމާގެ ޢިއްފަތްތެރިކަން ކައިވެނީގެ ބޭރުން ޤުރްބާންކުރާތީއެވެ. އެއިގެ އަގު ވަޒަންނުކޮށް އެއީ އެއްވެސް އެއްޗެއް ނޫންކަމަށް ބަލައި ދޫކޮށްލާތީއެވެ.

ލޯބިވާށެވެ! ނަމަވެސް ކައިވެނީގެ ކުރިން ލޯބިވުން ބާއްވަންވާނީ ހަމައެކަނި ހިތުގައެވެ. އެއީ ހިތާއި ގުނަވަންތަކުން ކުރާ ކަމަކަށް ހަދަންވާނީ ކައިވެންޏަށްފަހުގައެވެ. ލޯބިވެއްޖެނަމަ އޮތީ ކައިވެނި އަވަސްކުރުމެވެ. ކައިވެނި އަވަސްކުރަން ބޭނުންކަން ހާމަކުރަންވީ ދުލުންނެވެ. ޖިންސީ ގުނަވަންތަކަކުން ނޫނެވެ.

އަބަދުވެސް ހަނދާނުގައި ބާއްވަންވީ ދުލާއި ޖިންސީ ގުނަވަން ޙިމާޔަތްކޮށް ރައްކައުތެރިކޮށްފި މީހަކު ސުވަރުގެ ވެއްދެވުމަށް ތިމަން ރަސޫލާ ﷺ ޖާމިނުވެވަޑައިގަންނަވާނެކަމަށް ކުރައްވަވާފައި އޮތް ޙަދީޘްފުޅެވެ. ޤަބޫލުކުރަންވީ ޖިންސީ ގިނަވަން ހުއްދަނޫން ގޮތުގައި ބޭނުންކޮށްފިނަމަ މި ޙަދީޘްފުޅުން ލިބެން އޮތް ނިޢްމަތް ތިމާއަށް ގެއްލިގެންދާނެކަމެވެ.

ވީމާ ކައިވެނި ރޫޅުނު ނަމަވެސް މިޙަދީޘްފުޅުގައިވާ ބޮޑު ރަޙްމަތް ލިބުމަށް ޝައުޤުވެރިވާންވާނެއެވެ! ދުނިޔެއަށް ފޮނުއްވުނު މަޤްޞަދަކީވެސް ސުވަރުގެ ހޯދަން މަސައްކަތްކުރުމެވެ. ވީމާ އެކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް އަންހެނަކުވިޔަސް ފިރިހެނަކުވިޔަސް ކޮށްގެން ނުވާނެއެވެ.

އަދި ކީއްހެއްޔެވެ؟ ލޯބިވެރިޔާ ގެއްލިގެން ހިތާމަކުރަންޖެހޭ އަންހެނުންގެ 90 އިންސައްތަ އަންހެނުންނަކީ ލޯބީގެ މަސްތުގައި އެކަނބަލުންގެ ޢިއްފަތްތެރިކަން ޤުރްބާންކޮށްފައިވާ އަންހެނުންކަން ފާހަގަކުރެވެއެވެ.

ދުޢާއަކީ އަހަރެމެންނަނަކީ ކުރާ ކޮންމެ ކަމަކީވެސް ސުވަރުގެ ލިބުން އެދިގެން ކުރާ މަސައްކަތެއްކަމުގައި ލެއްވެވުމެވެ. އާމީން

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *