އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ. މިއީ ދިވެހި ތާރީހުގައި ވެސް އެ ހިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ ފަހަރެވެ.
ހއ. ހޯރަފުށީގައި އެ ކަމަށް ޓަކައި ރަސްމީކޮށް ބޭއްވި ހަފްލާގައި ބަންކަރިންގެ ޚިދުމަތް ފައްޓަވައިދެއްވީ ތިލަދުންމަތީ އުތުރުބުރީގެ ފަސް ދާއިރާއެއްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.
އެއީ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާއާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއާއި، އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރުގެ އިތުރުން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ އެ ކަމަށް ބޭނުންކުރާ ބޯޓުތަކަށް ދިން ޚާއްސަ ވޯޓާ ސެލިއުޓަކުންނެވެ.
ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހީމް ވިދާޅުވި ގޮތުގައި މުސްތަގުބަލުގައި ޒަމާނީ ފެންވަރުގެ ޚިދުމަތްތައް ގާއިމްކޮށް ޚިދުމަތް ދިނުމަކީ އެންމެ އިސްކަމެއް ދެއްވާނެ އެއް ކަންތަކެވެ.
އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ އިގްތިޞާދު އިތުރަށް ފުޅާކޮށް، ބޭރުގެ ފައިސާ ރާއްޖެއަށް ވައްދާނެ ގޮތްތައް ހޯއްދަވާނެ ކަމަށް ޝިމާދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޚިދުމަތާއެކު ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ވެސް މަންފާކުރާނެ ކަމަށް ވިދާޅުވިއެވެ.
މި ތަނުން ފޯރުކޮށްދޭ ހިދުމަތްތައް:
- ޕައިލަޓޭޖް
- ބަންކަރިން
- ކްރޫ ޗޭންޖު
- ޝިޕް ޓު ޝިޕް ސާވިސް
- ސްޕީޑް ބޯޓް ސާވިސް
- ފްރެޝް ވޯޓާ ސަޕްލައި
- ޕްރޮވިޝަންސް ސަޕްލައި
- ލުބްރިކޭޓިންގ- ހައިޑްރޯލިކް އޮއިލް ސާވިސް
- ޑޮކިންގ ސާވިސް
- މެއިންޓަނެންސް ސާވިސް
- އަންޑާވޯޓާ ސާވިސް
- ޓަގް ސާވިސް
- މެރިން ސަލްވޭޖް
- ކަލެކްޝަން އޮފް ޝިޕް ވޭޖް
- ސޭފް އެންކަރޭޖް
- ސީ މާޝަލް ސާވިސް
- އިމަޖެންސީ އިވަކުއޭޝަން
އެމްޕީއެލްއިން މި ހިދުމަތްތައް ދިނުމަށްޓަކައި މިހާރު އެކަމަށް ހާއްސަ ވެބްސައިޓެއްވެސް ވަނީ ތައާރަފްކޮށްފައެވެ. އަދި އެކަމަށް ހާއްސަކޮށް ހޮޓްލައިން ނަންބަރެއް ވެސް ވަނީ ތައާރަފްކޮށްފައެވެ. ހޮޓްލައިން ނަންބަރަކީ 3329339 އެވެ. އަދި [email protected] މެދުވެރިކޮށް މައުލޫމާތު ހޯދޭނެއެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް ތަނުގައި އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓު ބަނދަރަކާއި އޮންޝޯ ބަންކަރިން ފެސިލިޓީއެއް ތަރައްގީ ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އަދި އުލިގަމުގައި ޔޮޓް މެރީނާ އާއި ހއ. އިހަވަންދޫގައި ޑޮކް ޔާޑެއްވެސް ގާއިމުކުރާނެއެވެ.
