ކުރު ވާހަކަ: ސިއްރެއް ބުނަންހޭ މަށަށް ހާދަ ރީއްޗޭ !!!

"ސިއްރެއް ބުނަންހޭ؟ މަށަށް ހާދަ ރީއްޗޭ." , މި ބަސްތައް އައިލީންގެ ކަންފަތުގައި ޖެހުމުން އައިލީންއަށް ފަހަތަށް އެނބުރި ބަލާލެވުނެވެ. އަޑުގެ ތާޒާކަމުންނެވެ. އެ އަޑުގައި ދަންނަ ފާޑެއް ޖަހާތީއެވެ. އަދި އެ އަޑު އިވުމުން އައިލީންގެ ގައިން ހީބިހި ނަގައިގަތެވެ.

ފަހަތަށް އެބުރި ބަލާލި އިރު އައިލީންއަށް އެ ޖާދުވީ އަޑުގެ ވެރިޔާއާ ހަތަރު ކަޅި ހަމަކުރެވުނެވެ. އިޝާން ވެސް ކިޔަވަނީ އައިލީންއާއި އެކު އެއް ކޮލެޖެއްގައެވެ. އައިލީން ކިޔަވަމުން ދަނީ އާކިޓެކްޗަރ އެވެ. އަދި އިޝާން ކިޔަވަނީ މެރިން އިންޖިނިޔަރިންއެވެ.

"ސިއްރު ކަމުދިޔަތަ؟ އިޝާން އަނެއްކާވެސް އައިލީން ކައިރީ އަހާލިއެވެ. އިޝާންގެ މޫނުމަތިން ފެންނަމުންދިޔައީ އުފާވެރި ކަމެވެ. އަޅާލުމާއި ލޯތްބާއި ކުލުނު އެ ދެލޮލުން ފާޅުވެގެން ދިޔައެވެ. އައިލީންއަށް އަބަދުވެސް އިޝާން ކަމުދެއެވެ. އެ ސާދާ ކަމެވެ. ވާހަކަ ދެއްކުމުގައި އެހުންނަ ހަރުދަނާ ކަމާއި ކެރުމެވެ. މުޅި ކޮލެޖް އެންމެން ދަންނަ އެކުވެރި އިޝާންއެވެ. އެ އިޝާން ލޯބި ހުށަހަޅަމުން ދިޔައީ މި އައިލީންއަށެވެ. މަޑުމައިތިރި ލަދުރަކި އައިލީންއަށެވެ.

 

އައިލީންއަށް އެވަގުތު ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފަ ގަބުކައިފައެވެ. މި ޒުވާނާ އައިލީންދެކެ ލޯބިވާނެބާވައެވެ؟. ދެ ރަޙްމަތްތެރިން ކަމުގައި ދެކެމުން އައި ދެމީހުންގެ ގުޅުން ލޯތްބަށް ބަދަލުވާނޭ ބާވައެވެ؟

 

ކޮލެޖުގެ އެކިއެކި ހަފްލާތަކުގެ ތެރެއިން މަދު މަދުން ފެނި, އެކަކު އަނެކަކަށް ހީލާ ބަލާލާ ބަލާލުން އަދި އެކުވެރިކަން ބަދަލުވެގެން ދިޔައީ ގަޑި ދެ ގަޑި އިރުގެ ފޯން ކޯލްތަކަކަށެވެ. އެއަށްފަހު މެސެޖު ކުރުމާއި ހުސް ވަގުތުތަކުގައި ކޮފީ މޭޒުތަކުން ނާއި ޕާރކް ތަކުން ބައްދަލު ކުރުމުގައެވެ.

ހިތް މިޔޮތީ ދޭހިތުން ނަގާފާ ކަލާއަށް ކަމަށް ބުނެ, އެކުގައި ދެ އަހަރު އުޅުމަށް ފަހު އައިލީންއާ އިޝާން ކައިވެނި ކުރިއެވެ. މާމުއި ހަނދުވަރުގެ ދުވަސްތައް ގުނަންފެށުނެވެ. އުފާވެރިކަމާއި އެކަކު އަނެކަކު ދަސްކުރުމުގައެވެ. އާއިލާ މީހުނާއި ގާތް ތިމާގެ މީހުންނާ ދެމަފިރިންގެ ހައިސައްޔަތުން ބައްދަލުކުރުމުގައެވެ.

އައިލީންގެ ރީތި ކަމަށް އިޝާން ވަރަށް ފަޚުރުވެރިވެއެވެ. އިޝާންގެ އަނތްބެއްގެ ގޮތުގައި ރީތި އަންހެން ކުއްޖެއް ލިބުމުން އެކަމާ އިޝާން އިންތިހާއަށް އުފާވެއެވެ. އައިލީން ފެންނަ ކޮންމެ ފަހަރަކު ރީތި ޅެން ބައިތަކުން އިޝާން އައިލީންއަށް ތަޢުރީފްކުރެއެވެ. އައިލީންއާއި އެކު އުޅޭއިރު މީހުންގެ ތަޢުރީފް އިޝާންއަށް ލިބެއެވެ. ރަޙްމަތްތެރިންގެ ހަސަދައިގެ ލޯތައް އިޝާންއަށް ކުރިމަތިވެއެވެ. ފަރުވާލެއް ނެތެވެ. އެ ރީތި ރީތި އައިލީންއަކީ އިޝާންގެ އަންހެނުންނެވެ. އިޝާންގެ މިލްކެކެވެ.

 

ދުވަސްތައް ފާއިތުވަމުން ގޮސް އައިލީންއާއި އިޝާންގެ ކައިވެންޏަށް އެއް އަހަރު ފުރުނެވެ. އުފާވެރި އެއް އަހަރެވެ. އެކަކު އަނެކަކަށް އިޙްތިރާމް ކުރެއެވެ. ލޯބި އާލާ ކޮށް ދިރުވަން މަސައްކަތް ކުރެއެވެ. އައިލީން އަކީ އިޝާންގެ އަނބިމީހާ ކަމަށް ވީކަމުގައި ވިޔަސް, އިޝާންއަށް އަދިވެސް އެއީ ކޮލެޖުން ފެނުނު ލޫޅާފަތި އެންމެންގެ ލޯތައް ދަމައިގަންނަ ޖާދުވީ އަންހެން ކުއްޖާއެވެ.

 

ސިއްރެއް ބުނަންހޭ މަށަށް ހާދަ ރީއްޗޭ؟ އިޝާން އައިލީންއަށް ކައިވެންޏަށް އެއް އަހަރު ފުރުނު ހަފްލާގެ ތެރެއިން ބުނެލިއެވެ.

"ސިއްރެއް ބުނަންހޭ, އިޝާން ބައްޕައަކަށް ވަނީ." އައިލީން އުފަލާއެކު ބުނެލިއެވެ. އިޝާންއަށް ލިބުނީ ކުއްލި ސިހުމެކެވެ. އުފާވެރި ސިހުމެކެވެ.

"އައިލީން, އައިލީން, އައިލީން, އިޝާންގެ ލޯބި ލޯބި އައިލީން, ތިޔަ ދިނީ ހާދަ ބޮޑު ހަދިޔާއެކެވެ"

 

އައިލީން ވިހެއީ ފިރިހެން ކުއްޖެކެވެ. މާބަނޑު އިރުގައި ހަށިގަނޑަށް އެތައް ބަދަލު ތަކެއް އައެވެ. ކުއްޖެއް ލިބުމަށްފަހުގައި ކުރިން ހަށިގަނޑަށް ބެލޭ ވަރަކަށް ނުބެލެއެވެ. އަބަދުމެ ކުއްޖާގެ ކަންކަމުގައި އައިލީން ޝާމިލް ވެގެން އުޅުނެވެ. ވަޒީފާއިން އެއް އަހަރުގެ ޗުއްޓީއެއް ނެގުމަށް ފަހުގައި ގޭގެ ހުރިހާ ކަންކަމާއި އައިލީން ހަވާލުވިއެވެ.

 

އެކުގައި ވަގުތު ހޭދަކުރުން މަދުވެ, ދެމީހުންގެ ގުޅުން ހީނަރުވާން ފެށިއެވެ. ކުރިން އިޝާންގެ މޫނުމަތިން ފެންނަ ލޯތްބާއި ކުލުނު މަޑު މަޑުން ފަޑުވާން ފަށައިފިއެވެ. އޮފީހުގައި ވޭތުކުރާ ވަގުތުތައް ދިގުވެ, ގެއަށް ވަނުން މަދުވާން ފަށައިފިއެވެ.

 

އައިލީންއަށް ވަށައިގެން ފެންނަމުންދިޔައީ އެކަނިވެރި ކަމެވެ. ތުއްތު ކުއްޖެއްގެ ޒިންމާތައް އެކަނިމާއެކަނި ނެގުމުގެ އިތުރުން ވިހާ ގަދަވާންވެސް ވަގުތު ނަގާނެ ނޫންތޯއެވެ. ގޭގެ ބުރަ މަސައްކަތް ތަކާއި ހުރިހާ ކަމެއްގެ ޒިންމާ ނަގަނީ އައިލީންއެވެ.

 

ރޭގަނޑުގެ ވަގުތު ތަކުގައި ކުއްޖާއާއިއެކު އައިލީންއަށް ނިދެއެވެ. ރީތި ވެލާނޭ ހިތްވަރެއް ނުހުރެއެވެ. ރީތި ހެދުމެއް ގަނެލާ ހިތެއް ނުވެއެވެ. ރައްޓެހި ރަޙްމަތް ތެރިއަކާއި ބައްދަލު ކުރާކަށް ނޭދެވުނެވެ. އައިލީނަށް ލިބެމުން އައި ފިރިއެއްގެ ލޯބި އެއްކޮށް ހެން ނެތި ގޮއްސިއެވެ. ވާހަކަ ދެއްކުމުގައި ރުންކުރު ވެއްޖެއެވެ. ހޭދަކުރާ ވަގުތުތައް މަދު ވެއްޖެއެވެ. އަޅާލުމާއި ލޯބި އެންމެ ބޭނުން ވި ވަގުތު އައިލީން އަކަށް އެ ލޯތްބެއް ނުލިބުނެވެ.

 

ކުއްޖެއް އުފަން ވަނީ މަންމައަކަށާއި ބައްޕައަކަށެވެ. މާބަނޑު އިރުގެ އުނދަގޫތަކާއި ވޭން އަދި ވިހެއުމުގެ ވޭން ވެސް މި ތަހައްމަލް ކުރަނީ އަންހެން މީހާއެވެ. ހަށިގަނޑަށް އެތަކެއް ބަދަލު ތަކެކެވެ. ނަފްސާނީ ގޮތުން މާބަނޑު އިރުގަޔާއި ވިހެއުމަށް ފަހު އެތައް އުނދަގޫތަކެކެވެ. ވިހެއުމަށް ފަހު ކުއްޖާއަށް ގާތުން ކިރު ދިނުމުގައި ހަށިގަނޑުގައި އަޅާ ވޭންތަކަށް ދެވެނީ ބީރު ކަންފަތެކެވެ. ކުއްޖާ ނިދީމަ ނޫނީ އަރާމެއް ކޮށްނުލެވެއެވެ. އެ ވަގުތު ތަކުގައި ދެން ކުރަން ހުރި ކަންކަން ކޮށްލަންޖެހެއެވެ.

 

މުޖުތަމައިން ލިބެނީ ބަދު ބަސްތަކެވެ.

"އައިލީން މިހާރު ހާދަ ފަލައޭ,

"އައިލީންގެ ސިފަ ގެއްލިއްޖެ",

"ތިހެން ހުރީމަ އިޝާން ފޫހިވެގެން އެހެން ކުއްޖަކު ހޯދަފާނެ",

"އަދިވެސް ހަމަ ހީވަނީ މާބަނޑު މީހެއް ހެން",

 

އައިލީންއަށް ވެސް އައިލީންގެ ހަށިގަނޑުގެ ރީތި ކަން އަދި ނަލަކަން މުހިންމެވެ. ނަވަމެސް ކުއްޖާގެ އެންމެ މުހިންމު ވަގުތު ކަމަށް ވާ ހަމަސް ދުވަހު ކުއްޖާއަށް ރަނގަޅަށް ގާތުން ކިރު ދޭން އައިލީން ބޭނުންވެއެވެ. އައިލީންގެ ލޯބިވާ ފިރިމީހާ އިޝާންގެ ލޯތްބާއި އަޅާލުން އައިލީން އިންތިހާއަށް ބޭނުންވިއެވެ. އިޝާން އެ ބުނެލި ސިއްރު މި ވަގުތު އައިލީންއަށް ވީ ވޭނަކަށެވެ. އިޝާން ލޯބިވީ ރީތިކަމަށެވެ. ތާ އަބަދަށް އެކުއެކީގައި އުޅުމަކަށް ނޫނެވެ. އުފަލާއި ހިތާމައިގައި އަދި ދުޅަހެޔޮ ކަމުގަޔާއި ބަލިމަޑުކަމުގައި އެކީގައި ވާކަށް ނޫނެވެ.

 

ސިއްރެއް ބުނަންހޭ! ލޯބި މި ލަފްޒު މި އީ ހާދަ ހެއްވާ މަޖާ ލަފްޒެކެވެ. ބައެއް މީހުން ލޯބި ސިފަ ކުރަނީ ރީތި ކަމަށެވެ. އަނެއްބައި މީހުން ކުޑަ ވަގުތު ކޮޅެއްގެ އަރާމަށެވެ. އަދި ފައިސާ އަށެވެ. ބޭރު ފުށުގެ ރީތި ކަމަކީ ބަދަލުވާނޭ އެއްޗެކެވެ. ކައިވެންޏަކަށް ފަހު ލޯބި މި ލަފްޒު ގެ މާނަ ފުޅާވާން އެބަޖެހެއެވެ. ލޯތްބަކީ އަޅާލުމާއި ކުލުނެވެ. އިޙްތިރާމް ކުރުމާއި އެކަކު އަނެކަކަށް ރައްކާތެރިކަން ދިނުމެވެ.

 

މީ އައިލީންގެ ވާހަކަ އެވެ. ލޯތްބަކީ ފޮނި އުންމީދުތަކެވެ. އުފާވެރި ވަގުތު ތަކެކެވެ. ލޯތްބަކީ ހިތި ކަނު އެއްޗެކޭވެސް ބުނެ އުޅެއެވެ.

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިހާރު މުޖުތަމައުގެ ކަންހިނގަމުން އަންނަގޮތް ވަރަށް ގުޅޭ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *