2030ގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީގެ %15 ހިއްސާކުރާނީ ޑިޖިޓަލް އިޤްތިސާދު: ރައީސް

2030 ގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީގެ %15 ހިއްސާކުރާނީ ޑިޖިޓަލް އިޤްތިސާދު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. ގެ 79 ވަނަ އާންމު ޖަލްސާގައި ރާއްޖެ ތަމްސީލުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ޑިޖިޓަލް އިޤްތިސާދު ކުރިއެރުވުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން 2030 ގެ ނިޔަލަށް ޑިޖިޓަލް އިޤްތިސާދު ގައުމުގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާ ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ތަޞައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި، މުއައްސަސާތަކަށް އިޞްލާޙީ ބަދަލުތައް ގެނެސް، ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށް، އައި.ސީ.ޓީގެ ވިއުގައާއި ޑިޖިޓަލް ލިޓަރަސީ އިތުރަށް ހަރުދަނާކުރެއްވުމަށް ރާއްވަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، އާ ޞިނާޢަތްތައް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވަނީ ހަރުދަނާ މާލީ ދާއިރާއެއް ބިނާކުރުމަށާއި އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ބޭންކެއް އުފައްދަވާފައިވާކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން، ދައުލަތުގެ މަޤާމުތަކުގައި އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވުމުގެ އިތުރުން އެ މަނިކުފާނުގެ ސަރުކާރުގައި ޒުވާނުންގެ ބޭނުންތައް ސީދާ ދެނެގަތުމަށްޓަކައި އުފެއްދެވި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މަޢުލޫމާތުވެސް ހިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ބިނާކުރަނިވި ގޮތްތަކަށް މަސައްކަތް ކުރުމާއި ރާއްޖޭގެ މައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ފުޅާކުރުމުގެ ތެރެއިން އެކަމަށް އިތުރު ބާރެއް އެޅިގެންދާނެކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *