ވޯލްޑް ކަޕް – މެޗަށް ނިކުތުމުގެ ކުރިން ވެސް ވޯލްޑް ކަޕަށް ކޮލިފައި ވެފައިވާ އާޖެންޓީނާ އާއި ގުރޫޕުގެ ފުލުގައި އޮތް ވެނެޒުއޭލާ ބައްދަލު ކުރި މެޗުން އާޖެންޓީނާ ތިނެއް ސުމަކުން ފަސޭހަ ކަމާ އެކު މޮޅުވެއްޖެއެވެ. ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ރޮޑްރިގޯ ތަނަވަސް ކޮށްދިން ފުރުސަތުން، ނިކޮލަސް ގޮންޒާލޭޒް ކާމިޔާބު ކުރި ލަނޑުން ލީޑު ލިބުނު ނަމަވެސް އިތުރު ދެ ލަނޑު ކާމިޔާބު ކުރެވިފައި ވަނީ ދެވަނަ ހާފުގައެވެ. ރޮޑްރިގޯ މޮޅު ކުޅުމެއް ދެއްކި މި މެޗުގައި ދެވަނަ ފުރުސަތެއް ހޯދައިދީ ޑިމަރިއާ 79 ވަނަ މިނެޓުގައި މެޗުގެ ދެވަނަ ގޯލު ޖަހިއެވެ. އަދި ޑިމަރިއާ ގޯލް ޖެހުމުގެ ފަހުން 82 ވަނަ މިނެޓުގައި ތަނަވަސް ކުރި ފުރުސަތުން މެސީ މެޗުގެ ތިން ވަނަ ގޯލު ޖެހިއެވެ. ޕީއެސްޖީ ގައި މެސީއަށް ނުކުޅެވޭ ކަމަށް ބުނެ ފާޑުކިޔާ މީހުންނަށް މި މެޗުގައި ވަނީ މޮޅު ކުޅުމަކާއި އެކު ރައްދު ދިފައެވެ. އަދި މެސީގެ ކުޅުމާއި ދޭތެރޭ މީޑިއާގައި ތައުރީފު ކުރާ މީހުން ބުނާގޮތުން ޕީއެސްޖީ ގައި މެސީގެ ކުޅުން ނުފެންނަނީ ކުލަބު ކުލަބުގެ ކޯޗު ކުޅުވާ ސިސްޓަމުގެ ސަބަބުން ކަން ވަނީ ފާހަގަ ކޮށް ފައެވެ.
އާޖެންޓިނާ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވުމާއި އެކު އެންމެ ފަހުން ވެނެޒުއޭލާ އާއި ދެކޮޅަށް ކުޅުނު ނުވަ މެޗުގެ ތެރެއިން މިވަނީ ފަސް މެޗުން މޮޅުވެ ދެ މެޗުން އެއްވަރުވެ އަދި ދެމެޗުން ބަލިވެފައެވެ.
