ނަސްރުﷲ އަވަހާރަކޮށްލާފައިވާކަން ކަށަވަރުކޮށްދީފި

ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިސްރާއީލުން ދިން ހަމަލާތަކަށް ފަހު ހިޒްބުاللهގެ ލީޑަރު ޙަސަން ނަޞްރުالله އަވަހާރަކޮށްލައިފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ

ހިޒްބުﷲ އިން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި އެގޮތަށް ބުނީ، ނަޞްރުﷲ އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލު ސިފައިން ބުނެފައިވަނިކޮށެވެ.

އިސްރާއީލުން އަވަހާރަކޮށްލަފާނެ ކަމުގެ ބިރު އޮތުމުން އާންމު ތަންތަނުން ނުފެންނަތާ އަހަރުތަކެއް ވެފައިވާ ނަޞްރުالله އަކީ މެދުއިރުމަތީގެ އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ޝަހުސިއްޔަތެވެ.

ނަސްރަﷲ އަވަހާރަކޮށްލަން ދިން ހަމަލާގައި އެތައް ސަތޭކަ ބަޔަކު ޒަހަމްވިއެވެ. އެ ހަމަލާގައި ހަތަރު ރެޒިޑެންޝަލް އިމާރާތެއް ބިމާހަމަކޮށްލިއިރު، މަރުވި އާންމުންގެ އަދަދު ކަށަވަރުކޮށް އެނގޭނެ ގޮތެއް ނެތެވެ. އެ ހަމަލާ ދިނުމަށް އިސްރާއީލުން ބޭނުންކުރީ ކުރިން ބޭނުންނުކުރާ 2000 ކިލޯގެ ބަންކަރު ގޮއްވަން ބޭނުންކުރާ ބާވަތުގެ ބާރުގަދަ ބޮމެކެވެ.

އާންމުން ދިރިއުޅޭ ސަރަހައްދެއްގެ ތެރެއަށް އެއްވެސް ރަހުމެއް ނެތި ދިން އެ ހަމަލާއަކީ ނިރުބަވެރިކަމުގެ އަމަލެއްގެ ގޮތުގައި ލުބުނާނާއިި އިރާނުގެ ސަރުކާރުތަކުން ވަނީ ސިފަކޮށްފައެވެ.

ނަސްރަﷲ އަވަހާރަކޮށްލުމާ ގުޅިގެން އިރާނުން ބުނެފައި ވަނީ ޖިހާދު ކުރާ ޖަމާއަތްތަކުގެ ލީޑަރުން ޝަހީދުކޮށްލިޔަސް އަބަދުވެސް އެހެން ލީޑަރަކު ފާޅުވާނެ ކަމަށެވެ. 1992 ވަނަ އަހަރު އޭރުގެ ހިޒްބުﷲ ލީޑަރު، އައްބާސް އަލް މުސާވީ އަވަހާރަކޮށްލީ އިސްރާއީލުން ދިން ހަމަލާއެއްގައެވެ. ނަސްރުﷲ ހިޒްބުﷲއާއި ހަވާލުވީ، އައްބާސް އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.

ނަޞްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން ލުބުނާނުން އިސްރާއީލަށް ދެން ދޭނީ ކިހާވަރެއްގެ ރައްދެއްކަން ސާފު ނުވާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހިޒްބުﷲއާ ގާތް މީހަކާ ހަވާލާދީ އަލް އަހްރަމް ނޫހުން ބުނީ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ނަޞްރުاللهއާ ގުޅުން ކެނޑިފައިވާ ކަމަށެވެ.

ބެއިރޫތުގެ ދެކުނަށް މިވަގުތު ވެސް ވައިގެ ހަމަލާތައް ދޭއިރު، މިއަދުވެސް ހެނދުނުން ފެށިގެން އިސްރާއީލުން އަންނަނީ ލުބުނާނަށް ހަމަލާ ދެމުންނެވެ.

ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 800 މީހުން ވަނީ މަރުވެފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *