ވިލާ ކޮލެޖަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ޓްރެންޑް ސެޓްކުރާ ކޮލެޖެއް ކަމަށާއި އެ ކޮލެޖުން އިނގިރޭސިވިލާތާއި މެލޭޝިއާގެ ޔުނިވަރސީޓީތަކުގައި ހިންގާ ކޯސްތައް ރާއްޖޭގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދެމުން އަންނަ ކަމަށާއި މީގެ ސަބަބުން ދަރިވަރުން އަތުން ދާ ޚަރަދު ކުޑަވެފައި ރާއްޖޭން ބޭރަށްދާ ބޭރު ފައިސާވެސް މަދުވެގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.
ނާޡިމް މިހެން ވިދާޅުވީ ވިލާ ކޮލެޖުގެ "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް" ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ނާޡިމް ވިދާޅުވީ މަތީ ތަޢުލީމުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ރާއްޖޭގައި ހިންގާ ބޭރު ކޯސްތައް ބޭރު ޤައުމުތަކުން ކިޔެވުމަށް ސްކޮލަރޝިޕް ދިނުމުގައި ދެވަނަ ވިސްނުމެއް ވެސް ގެންގުޅެންޖެހޭ ކަމަށެވެ. މީގެ ސަބަބުން ދަރިވަރުން އަތުން ދާ ޚަރަދު ކުޑަވެފައި ރާއްޖޭން ބޭރަށްދާ ބޭރު ފައިސާވެސް މަދުވެގެންދާ ކަމަށް ވިދާޅުވިއެވެ.
ނާޡިމް ވިދާޅުވީ ބޭރު ޤައުމުތަކުގެ ކޯސްތައް ރާއްޖޭގައި ތިބެގެން ހެދުމުގެ ފުރުޞަތު އޮތްއިރު މަތީ ތަޢުލީމުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި އެފަދަ ކޯސްތައް ބޭރު ޤައުމުތަކުގައި ކިޔެވުމަށް ސްކޮލަރޝިޕް ދިނުމުގައި ދެވަނަ ވިސްނުމެއް ގެންގުޅެންޖެހޭ ކަމަށެވެ. އަދި މިފަދަ ސިޔާސަތުތައް ކަނޑައެޅުއްވުމުގައި ސިޔާސީ ބޭފުޅުންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މަތީ ތަޢުލީމުގެ ސިޔާސަތުތަކާއެއްޗެހި ބައްޓަންކުރުމުގައި ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން ބޭރު ޤައުމުތަކުގެ ފާސްތަކަށް ކިޔެވުމުގެ ފުރުސަތު އޮންނަ ކޯސްތަކަށް ރާއްޖޭން ބޭރަށް ސްކޮލަރޝިޕް ދިނުމުގެ ވިސްނުމާދޭތެރޭވެސް އަޅުގަނޑުމެން ދެވަނަ ވިސްނުމަކަށް ދާންޖެހޭ. ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރސިޓީތައް ތަރައްގީވެގެންދާނީ އަޅުގަނޑުމެން ރާއްޖޭގެ ޔުނިވަރސިޓީތަކަށް ފަންޑުކުރުމުގައި އަދި ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމްތަކަށް ފައިސާ ދިނުމުގައި މިކަހަލަ ކަންތައްތަކާދޭތެރޭ އަޅުގަނޑުމެން ޕްރޯ އެކްޓިވް ސިޔާސަތެއް ގެންގުޅެގެން،" މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.
ވިލާ ކޮލެޖުގެ ތަފާތު ކޯސްތަކުން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ މަސައްކަތުގެ މާހައުލަކީ ވާދަވެރިތަނަކަށްވި ނަމަވެސް ކާމިޔާބީއަށް އެދޭނަމަ ވާދަކުރަންޖެހޭނީ އަމިއްލަ ނަފުސާ ކަމަށެވެ.
