އިންސާނާ ޚަލުޤުކުރައްވައި މި ބިންމަތީ ޚަލީފާވެރި ކުރެއްވީ މާތްﷲއަށް އަޅުކަންކުރުމަށެވެ. އެކަލާނގެއަށް ހެނދުނާ ހަވީރު ތަސްބީޙަ ކިޔުމަށެވެ. سورة الأحزاب 42 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَسَبِّحُوهُ بُكْرَةً وَأَصِيلًا މާނައީ "އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް تسبيح ކިޔައި އުޅޭށެވެ!" މިއީ މި ކައުނުގެ ޙަޤީޤަތެވެ. މާތްﷲ މި ބިންމަތީ ލައްވާފައިވާ ކޮންމެ އެއްޗެއްމެ އެކަލާނގެއަށް އިޚްލާސްތެރިކަމާއެކު ތަސްބީހަކިޔައި އަޅުކަންކުރެއެވެ. سورة الحديد ފުރަތަމަ އާޔަތުގައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. سَبَّحَ لِلَّـهِ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ މާނައީ "އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް، اللَّه އަށް تسبيح ކިޔައިފިއެވެ." سورة الحشر 24 ވަނަ އާޔަތުގައި އެވާހަކަ ތަކުރާރު ކުރައްވާ ވަޙީކުރައްވާފައިވެއެވެ. يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ މާނައީ "އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެއަށް تسبيح ދަންނަވަތެވެ."
މިއީ މި ކާއިނާތުގެ ޙަޤީޤަތެވެ. އިންސާނާގެ އުނިވިސްނުމުން އެކަން ވަޒަން ނުކުރެވުނު ކަމުގައިވީނަމަވެސް އެއީ ދުނިޔޭގެ ޠަބީއަތެވެ. ހުރިހާ ދިރުމެއް ޚަލުޤުކުރެއްވި ޚާލިޤުވަންތަ އިލާހުގެ ނިޔާކުރެއްވުމެވެ. އެލާނގެ ހެއްދެވި ހުރިހާ ތަކެއްޗެއްމެ އެކަލާނގެއަށް އަޅުކަންކުރެއެވެ. އިޚްލާސްތެރިކަމާއެކު ކާއިނާތުގެ ވެރި ރަށްބަށް ތަސްބީހަ ދަންނަވައެވެ. سورة النور 41 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. أَلَمْ تَرَ أَنَّ اللَّـهَ يُسَبِّحُ لَهُ مَن فِي السَّمَاوَاتِ وَالْأَرْضِ وَالطَّيْرُ صَافَّاتٍ ۖ كُلٌّ قَدْ عَلِمَ صَلَاتَهُ وَتَسْبِيحَهُ ۗ وَاللَّـهُ عَلِيمٌ بِمَا يَفْعَلُونَ މާނައީ " ހަމަކަށަވަރުން، اللَّه އަށް، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު، އަދި ދޫނިސޫފާސޫފިތައް އެ ތަކެތީގެ ފިޔަތައް ދަމާލައިގެން އުދުހިއުދުހި ތިބޭހިނދު، އެކަލާނގެއަށް تسبيح ކިޔަކިޔައި ތިބޭކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟ ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ އަޅުކަމާއި، އެ އެއްޗެއްގެ تسبيح އެނގިފައިވެއެވެ. اللَّه އީ، އެއުރެން ކުރާ ކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ތިބާ ވިސްނާލަ ބަލާށެވެ. މި ކާއިނާތުގައި ލައްވާފައިވާ ކޮންމެ ދިރުމަކަށްމެ، އެ އެއްޗަކަށް އެކަލާނގެއަށް އަޅުކަންކުރަންޖެހޭ ކަމާއި އަދި އެކަލާނގެއަށް ތަސްބީހަ ދަންނަވަންޖެހޭކަން އެނގެއެވެ. އެގޮތުގައި އެ ވާޖިބު އަދާކުރަމުންވެސް ދެއެވެ. އެއީ ގަސްގަހާއިގެހި ކަމުގައި ވީނަމަވެސް ފަރުބަދައެއްކަމަށް ވީނަމަވެސް މެއެވެ. ނުވަތަ މި ބިންމަތީ ލައްވާފައިވާ ފަނިފަކުސާތައްކަމުގައި ވީނަމަވެސްވެއެވެ. މާތްﷲ ހައްދަވައި މި ބިންމަތީ ލައްވާފައިވާ ކޮންމެ އެއްޗެއްވެސް މާތްﷲއަށް އަޅުކަން ކުރެއެވެ. އެކަންވަނީ ހުރިހާތަކެއްޗެއްގެ މިލްކުވެރި ފަރާތުން އިންސާނާއަށް އަންގަވާ ދެއްވާފައެވެ. سورة الإسراء 44 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُ كَانَ حَلِيمًا غَفُورًا މާނައީ "ހަތް އުޑާއި، ބިމާއި، އެތަންތާނގައިވާހާ ބަޔަކު، އެކަލާނގެއަށް تسبيح ކިޔަތެވެ. އަދި އެކަލާނގެއަށް حمد އާއެކުގައި، تسبيح ނުކިޔާ އެއްވެސް އެއްޗެއް ނުވެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް އެތަކެތީގެ تسبيح އެއް ނުވިސްނެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حليم ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ."
ތިބާ ވިސްނާލަބަލާށެވެ. މި ކާއިނާތުގައި މާތްﷲ ލައްވާފައިވާ ހުރިހާ ތަކެއްޗެއް އެކަލާނގެއަށް އަޅުކަންކުރަނީ ކީއްވެހެއްޔެވެ؟ ނިކަމެތި ކަމާއެކު ތަސްބީހަ ކިޔަނީ ކީއްވެހެއްޔެވެ؟ ތިބާއަށް އެކަލާނގެ ދެއްވި މަތިވެރި ބުއްދީގެ ބޭނުންކޮށްބަލާށެވެ. މާތްﷲ އީ ހުރިހާ ތަކެއްޗެއްގެ ވެރި އިލާހެއެވެ. ކިތަންމެ ކުޑައެއްޗެއްވިއަސް އެލާނގެ ޚަލުޤުކުރައްވައި ހައްދަވާފައިވާނަމަ އެ އެއްޗެއް އެކަލާނގެއަށް ޙަމްދާއެކު ތަސްބީޙަކިޔައެވެ. އެއީ ރަސްވަންތަ އިލާޙުކަންދަނެގެންނެވެ. އެއީ އެންމެ ބިޔަ ފަރުބަދަތަކާއި އެކަލާނގެ ލެއްވި ވިދުވަރާ ގުގުރިކަމުގައި ވީނަމަވެސް މެއެވެ. سورة سبإ 10 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާ އަންގަވާފައި ވެއެވެ. وَلَقَدْ آتَيْنَا دَاوُودَ مِنَّا فَضْلًا ۖ يَا جِبَالُ أَوِّبِي مَعَهُ وَالطَّيْرَ ۖ وَأَلَنَّا لَهُ الْحَدِيدَ މާނައީ "އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނަށް ތިމަންރަސްކަލާނގެ حضرة ން فضل ވަންތަކަން (އެބަހީ: ނަބީކަމާއި ފޮތް) ދެއްވީމެވެ. (އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ.) އޭ ފަރުބަދަތަކާއެވެ! އެކަލޭގެފާނާއެކު ތިޔަ ފަރުބަދަތައް تسبيح ކިޔާށެވެ! އަދި ދޫނިސޫފާސޫތްޕާ އެކުގައެވެ. އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ދަގަނޑު، މަޑުއެއްޗަކަށް ހެއްދެވީމެވެ." އަދިވެސް سورة الرعد ގެ 13 ވަނަ އާޔަތު ވަޙީކުރައްވާފައިވެއެވެ وَيُسَبِّحُ الرَّعْدُ بِحَمْدِهِ މާނައީ "އަދި ގުގުރިވެސް އެކަލާނގެއަށް حمد އާއެކު تسبيح ކިޔަތެވެ."
މިއީ ކައުނުގެ ޙަޤީޤަތެވެ. މި ކާއިނާތުގައި ލައްވާފައިވާ ކޮންމެ އެއްޗެއްގެ ޠަބީއަތެވެ. އަޅުގަނޑުމެނަށް އެކަން އިޙްސާސް ނުވަނީ ކީއްވެތޯއެވެ. މި ބިންމަތީ ޚަލީފާވެރިކުރައްވައި އެހެން ހުރިހާ ދިރުންތަކެއް އަޅުގަނޑުމެންނަށް ޚިދުމަތްކުރަން ލައްވާފައިވާއިރުވެސް އެ ބޮޑު ނިޢުމަތާމެދު ޝުކުރުވެރި ވެވޭތޯއެވެ. ޚާލިޤުވަންތަ އިލާހަށް ތަސްބީޙަ ކިޔައި އަޅުވެތިވެވޭތޯއެވެ. ތިބާ ވިސްނާލަބަލާށެވެ.
