ބީއެމްއެލްއިން ދެ ލައްކަ ރުފިޔާ ދޭ ޖަމުޢިއްޔާތައް ހޮވައިފި

ބޭންކް އޮފް މޯލްޑިވްސްގެ ބެންކު ފަންޑުން މިއަހަރު އެހީދޭނެ ޖަމުޢިއްޔާތައް ކަނޑައަޅުއްވައިފިއެވެ.
ބީއެމްއެލްގެ ބެންކު ފަންޑަކީ ޖަމުޢިއްޔާތައް ބާރުވެރިކުރުމަށާއި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ މަޤްޞަދުގައި ތައާރަފްކުރައްވާފައިވާ ފަންޑެކެވެ.
'ބޭންކް ފަންޑް’އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މާލެއާއި އަތޮޅުތެރޭގެ ރަށްރަށަށް ނިސްބަތްވާ އަދި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށެވެ. އަދި ފަންޑު ހޯދުމަށް ހުޅުވާލާފައިވަނީ ތިމާވެއްޓާއި ގުޅުންހުރި ޕްރޮޖެކްޓްތަކާއި ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހިންގާ ޕްރޮޖެކްޓްތަކެއް ކަމަަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ. މިގޮތުން ބޭންކް ފަންޑުން ކޮންމެ އަހަރަކު ފަސް މަޝްޜޫއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްއިން ވިދާޅުވީ މިއަހަރު ބޭންކް ފަންޑުން އެހީތެރިކަން ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅި ޖަމުޢިއްޔާތަކުގެ ތެރެއިން ފަންޑިން ފޯރުކޮށްދޭނެ 5 ޖަމުޢިއްޔާއެއް ކަނޑައަޅުއްވާފައިވާކަމަށެވެ.

މި އަހަރުގެ ބޭންކް ފަންޑު ލިބޭ ފަސް ޖަމުޢިއްޔާއަކީ:

  • މުރަކަ ފާމް: ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބ. ދަރަވަންދޫގައި މުރަކަ އާލާކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް
  • ޗިލްޑްރަން އޮފް މޯލްޑިވްސް: ތިމާވެއްޓާ މެދު ޝައުގުވެރިކަން އުފައްދައި، ހޭލުންތެރިކޮށް އިލްމީ މައުލޫމާތު ފޯރުކޮށްދޭން ވިލިނގިލީގައި ލައިބްރަރީއެއް ގާއިމުކުރުމަށް
  • ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން: ކާބޯތަކެތީގެ ރައްކާތެރިކަމާ ދެމެހެއްޓެނިވި ދަނޑުވެރިމުގެ އާދަތަކާއެކު ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގުމަށް
  • ވޭމަންޑޫ ޒުވާނުންގެ ގުޅުން: ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ތ. ވޭމަންޑޫ ސުކޫލުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސެންސަރީ އަދި ލޮކޭޝަނަލް ތަމްރީނުތަކަށް ޓްރެއިނިން ރޫމެއް ގާއިމުކުރުމަށް
  • ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ޓެކްނޮލޮޖީ އަދި ކުޅިވަރުގެ ޒަރިއްޔާއިން ޒުވާނުން ބާރުވެރިކުރުމަށް ށ. ފުނަދޫ ސުކޫލުގައި މީޑިއާ އަދި ކުޅިވަރު ވެބްތަކެއް ތަރައްގީ ކުރުމަށް

މި ފަންޑާ ގުޅޭ ގޮތުން، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އައިޝަތު ނޫރައްދީން ވިދާޅުވީ، ބޭންކް ފަންޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެޔޮ ބަދަލުތަކެއް ގެނައުމަށް ޖަމިއްޔާތަކާއެކު ކުރާ މަސައްކަތުގެ ފުރިހަމަ މިސާލެއް ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *