ކީރިތި ޤުރްއާނަކީވެސް ލިޔެވިފައިވާ ފޮތެއްގެ ސިފައިގައި ފެންނަން އޮތް ނަމަވެސް ކީރިތި ޤުރްއާނުގައި ވަނީ ﷲ ތަޢާލާގެ ބަސްފުޅުތަކެވެ. ﷲ ތަޢާލާގެ އެންގެވުންތަކެވެ. އެކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ބަލައި ކިޔައި ހޯދާށެވެ!
ހުރިހާ މައްސަލަތަކެއްވެސް އުފެދެމުން މިއަންނަނީ އަހަރެމެން ކީރިތި ޤުރްއާނާއި ދުރުހެލިވުމުންނެވެ. ކިޔައި މާނަ އޮޅުން ނުފިލުވާތީއެވެ. ކީރިތި ޤުރްއާނާއި ބީރައްޓެހިކަން ބޮޑުވުމުންނެވެ. ކީރިތި ޤުރްއާނަށް މާތްކޮށް ހިތުމަކީ ގޭގައި ބޭއްވުން ކަމަށް ދެކެވޭތީއެވެ.
ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް މިހާރަކަށް އައިސް މީސްތަކުން އަވަސްވެގަންނަނީ ކޮންމެވެސް އިލްމުވެރިއެއްގެ، ޕްރޮފެސަރެއްގެ ނުވަތަ ތަޖުރިބާކާރެއްގެ ބަސް ހޯދުމަށެވެ. ކީރިތި ޤުރްއާނާއި ދިމާއަށް ދެވެނީ ގޮތް ހުސްވެ ދެން އެހެން ގޮތެއް ނެތުމުންނެވެ. ގިނަ ފަހަރަށް ދިމާވާ ގޮތަކީ ކުރިން ލިބުނު މަޢުލޫމާތާއި ކީރިތި ޤުރްއާނުގައި އޮންނަ ގޮތާއި ދިމާނުވުމުން އެކަން ވެގެންދަނީ ވަރަށް ބޮޑު މައްސަލައަކަށެވެ. ބައެއް މީހުންނަށް ވަރަށް ބޮޑެތި އޮޅުންތައް އަރައި ޝައްކުތައްވެސް އުފެދެއެވެ.
ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗެއް އުފެއްދެވީ ﷲ ތަޢާލާއެވެ. އެތަކެއްޗަށް ދިރުން ދެއްވަވަނީ ﷲ ތަޢާލާއެވެ. ދުނިޔޭގައި ހިނގިހައި ކަމަކާއި ހިނގަމުންދާހައި ކަމަކާއި ހިނގާނެހައި ކަމެއް އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ﷲ ތަޢާލާ މިންވަރު ނުކުރައްވަވާ ގޮތަކަށް އެއްވެސް ކަމެއް ހިނގާފައެއް ނުވެއެވެ. އަދި ނުވެސް ހިނގާނެއެވެ. ވީމާ ދުނިޔެއާއި އަހަރެމެންގެ ހަޔާތާއި ބެހޭ އެންމެހައި ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ވީމާ ހަޔާތުގެ ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް އަދި ކޮންމެ ކަމަކާއި ގުޅިގެންވެސް ކަންބޮޑުވާންޖެހޭ ޒާތުގެ އެއްވެސް ކަމެއް މެދުވެރިވެއްޖެ ނަމަ ފުރަތަމަވެސް ކުރަންޖެހޭނެ ކަމަކީ އަވަހަށް ކީރިތި ޤުރްއާން ބެލުމެވެ. ކީރިތި ޤުރްއާނުން އޮޅުން ނުފިލިނަމަ ހޯދަން ޖެހޭނީ ދީނީ ޢިލްމުވެރިއެއްގެ ބަހެވެ. އެހެން ފަރާތްތަކުގެ ބަސް ހޯދުމަކީ އެންމެފަހުން ކުރަންޖެހޭނެ ކަންތަކެވެ.
މީސްތަކުންނަށް އައިސްފައިވާ ބަދަލުތަކާއެކު މިކަންކަން މިހާރު މިވަނީ މުޅިންހެން ބަދަލުވެފައެވެ. ފުރަތަމަ ކުރަންޖެހޭ ކަންތައް ކުރަނީ އެންމެފަހުންނެވެ. ނަތީޖާއަކީ އެއްވެސް ކަމެއްގެ އެންމެ ރަނގަޅު ގޮތް އޮޅުން ނުފިލުމެވެ. ހިތުގައި ޝައްކުތައް އުފެދުމެވެ.
އަހަރެމެން އުޅެންވީ ގޮތާއި އަމަލުކުރަންޖެހޭ ގޮތުގެ ޙުކުމްތައް ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަނީ ވަރަށް ފުރިހައަށް ބަޔާން ކުރައްވަވައިފައެވެ.
ކަންކަން އޮޅުންފިލުވުމަށް ޕްރޮފެސަރުންނާ ތަޖުރިބާކާރުންގެ ބަސް ހޯދުމުގެ ކުރިން ކީރިތި ޤުރްއާން ބަލާނަމަ މައްސަލަތައް ދާނީ ފުރިހަމައަށް ޙައްލުވަމުންނެވެ. އަދި ޙައްލުވަމުން ދާނީ އެންމެ ރަނގަޅު ގޮތުގައެވެ. ދުނިޔެއާއި އާޚިރަތުގައިވެސް ފައިދާކުރާނެ ގޮތަށެވެ.
އެކަމުގެ ކުޑަ މިސާލެއް ބުނެދެން ހެއްޔެވެ؟ ބައެއް މީހުންނަށް ހީވެފައި އޮންނަނީ ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުތަކަކީ ކޮންމެހެން އަމަލުކުރަންޖެހޭނެ އެއްޗެއް ނޫން ކަމަށެވެ. ސުންނަތަށް ނުވަތަ މިވެނި ސުންނަތަކަށް ތަބަޢަވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މިވެނި އެވެނި ޙަދީޘްފުޅަކަށް އަމަލުކުރަންޖެހޭނެތޯ އެބަ ސުވާލު އުފައްދައެވެ. އެކަމާއިބެހޭ ގޮތުން އެކިއެކި މީސްމީހުންނާއި ސުވާލުކުރެއެވެ.
އަހަރެމެން ވަރަށް ގިނައިން ކިޔަވައި އުޅޭ "ސޫރަތުލްކައުޘަރު"ގެ 3 ވަނަ އާޔަތަށް ނިކަން ބަލައިލަބަލާށެވެ. "ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރައްވާ މީހާ އެއީ، ހުރިހާ ހެޔޮ ކަމަކުން ކެނޑިގެންވާ މީހާ" ކަމަށް ބަޔާން ކުރައްވަވާފައި އޮތުމުން ނުފުދެނީ ހެއްޔެވެ؟
ކޯފާގެ އިދިކޮޅަކީ ލޯތްބެވެ. ލޯބި ހޯދޭނީ ލޯބިދީގެންކަން އެއީ އެންމެން ޤަބޫލުކުރާ ޙަޤީޤަތެކެވެ. ވީމާ އަހަރެމެންނަކީ "ހުރިހާ ހެޔޮ ކަމަކުން ކެނޑިގެންވާ މީހަކު ކަމުގައި ނުވުމަށް"ޓަކައި ރަސޫލް (ޞޢވ)ގެ ރުއްސެވުން ލިބިގަންނަން ގަދައަޅައި މަސައްކަތް ކުރަންޖެހޭކަން މިއާޔަތުން ނުއެނގެނީ ހެއްޔެވެ؟ ރަސޫލް (ޞޢވ) ގެ ލޯބި ލިބޭނީ ހަދީޘްފުޅުތަކަށް އަމަލުކޮށް އަދި ސުންނަތަށް އަމަލުކޮށްގެންކަން މިވަރުންވެސް ނުވިސްނެނީ ހެއްޔެވެ؟ އަހަރެން ބުނާނީ މި ކުރުކުރު އާޔަތުގެ މާނަ އެނގޭނަމަ އެމީހަކު މިކަންކަމަށް ޝައްކުވެސް ނުކުރާނެ ކަމަށެވެ.
– އިސްލާމީ ތިލަފަތުގެ ދަރުސަކުން
