އިސްލާމްދީނާއި، އިސްލާމީ ޙަޟާރަތު ކުރިއަރުވާނެ ސަރުކާރެއް މިއަދު ދިވެހިރާއްޖޭގައި ޤާއިމްވެފައި އޮތްކަމީ ޝުކުރުވެރިވާން ޖެހޭ ކަމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އިސްލާމްދީން ކުރިއަރުވާނެ ސަރުކާރެއް ނެތްނަމަ މިއަދު އަޅުގަނޑުމެން ތިބޭނީ ހިތާމަކުރަންޖެހޭ ފަދަ ޙާލަތެއްގައި ކަމަށާއި، ދީނަށް ނަޞްރު ދޭނެ ސަރުކާރެއް ޤާއިމްވެފައި އޮތްކަމީ ލިބިފައިވާ ނިޢުމަތެއްކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ނުވަސަތޭކަ އަހަރު ވަންދެން އިސްލާމީ ޙަޟާރަތު ރާއްޖޭގައި ދެމިގެން އައީ އެކި ޒަމާންތަކުގައި އެކި ވެރީން ކުރެއްވި މަސައްކަތްޕުޅު ތަކުންކަމަށާއި މި ދައުރުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަކީ ކުރިއަށް މިއޮތް ޤަރުނަށް އިސްލާމީ އަޤީދާއާއެކު ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ މަސައްކަތްތަކެއްކަމަށެވެ.
މިއަދުގެ ޖަލްސާގައި ވަނީ ކީރިތި ޤުރުއާން ހިތުދަސްކުރި 28 ޙާފިޡަކަށް ރައީސުލްޖުމުޙޫރިއްޔާ ދެއްވާ މެޑައްޔާއި، އިނާމު އަދި ހަނދާނީ ލިޔުން ދެއްވާފައެވެ.
