ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިންޑިއާގެ ތާރީޚީ މުހިންމު ބިނާއެއް ކަމުގައިވާ ތާޖް މަހަލަށް ޒިޔާރަތް ކުރައްވައިފިއެވެ. މި ޒިޔާރަތްކުރައްވާފައިވަނީ، އިންޑިއާގެ ވިޔަފާރި މަރުކަޒު މުމްބާއީއަށް ވަޑައިގަތުމުގެ މަގުމަތީގައެވެ.
ތާޖް މަހަލް ހުންނަ އިންޑިއާގެ އުއްތަރުޕްރެދޭޝްގެ އާގްރާ އަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ އުއްތަރުޕްރެދޭޝްގެ ޗީފް މިނިސްޓަރު ޔޮގެންދްރަ އާދިތުޔަނާތުގެ ފަރާތުން ސްޓޭޓް މިނިސްޓަރު ޔޮގެންދްރަ އުޕްދަޔާއެވެ.
ދުނިޔޭގެ އަޖައިބުތަކުގެ ތެރޭގައި ހިމެނޭ ތާޖްމަހަލްއަކީ އިންޑިއާގެ އާގްރާގައި ސަތާރަ ވަނަ ގަރުނުގައި އިމާރާތް ކުރި ބިނާއެކެވެ. މި ބިނާއަކީ މަޝްހޫރު މޫގަލް އެމްޕެރަރ ޝާހް ޖަހާން އޭނާގެ އަނބިކަނބަލުން މުމްތާޒްގެ ހަނދާނުގައި ބިނާ ކުރެއްވި ގަނޑުވަރެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
އިންޑިއާއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރްޕަތީ މުރްމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އެ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ، އިންޑިއާގެ ރައީސްގެ އިތުރުން ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އިންޑިއާ ސަރުކާރުގެ މުހިންމު ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާގެ ނިއުދިއްލީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އަންނަ އަހަރަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު ޚާރިޖީ ގުޅުން ރަސްމީ ސިފައެއްގައި ގާއިމްކުރިތާ 60 އަހަރު ފުރޭ އަހަރު ކަަމަށް ވުމުން އެ މަނިކުފާނު ވަނީ އެ މުނާސަބާ ފާހަގަކުރުމަށް މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވައިފައެވެ. އަދި މޯދީ ވަނީ އެ ދައުވަތު ގަބޫލުފުޅު ވެސް ކުރައްވާފައެވެ.
ހަމައެއާއެކު މި ދަތުރުފުޅުގައި ރުޕޭ ކާޑު ތައާރަފްކުރުމާއި، ހަނިމާދޫ އެއާޕޯޓުގެ ރަންވޭ އިފްތިތާހުކުރުމުގެ އިތުރުން މުހިންމު ބައެއް އެއްބަސްވުންތައް ދެ ގައުމު ދެމެދު ބަދަލުކޮށްފައިވެއެވެ.
