ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބޮލީވުޑްގެ މަޝްހޫރު ތަރިންނަށް ރާއްޖޭގައި ފިލްމު ކުޅުމަށް ޚާއްޞަ ދަޢުވަތެއް ދެއްވައިފިއެވެ. މި ދަޢުވަތު ދެއްވީ އިންޑިއާ ސަރުކާރުގެ ޚާއްޞަ ދަޢުވަތަކަށް އެ ޤައުމަށް ވަޑައިގެން މުންބާއީގެ ތާޖު މަހަލް ޕެލެސްގައި އިންވެސްޓަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ރައީސް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ފަތުރުވެރިކަން މުހިންމު ކަމަށެވެ. އަދި ފަތުރުވެރިކަމަކީ ހަމައެކަނި ދަތުރުކުރުމެއް ނޫން ކަމަށާއި، އެއީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކޮށް، ސަގާފީ ވިސްނުން ކުރިއެރުވުން ކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ މިހާތަނަށް އިންޑިއާގެ 100,000 އަށްވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖެއިން މަރުޙަބާ ކިޔާފައިވާ ކަމަށާއި، ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނަށް ޖެހިޖެހިގެން 4 އަހަރު ރާއްޖެ ހޮވިފައިވާކަން ރައީސް ފަޚުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އެ ކާމިޔާބީ ލިބިފައިވަނީ އެހެން ޤައުމުތަކުން ލިބޭ އެއްބާރުލުމުގެ ސަބަބުން ކަމަށާއި، އިންޑިއާއަކީ އެ ކާމިޔާބީގައި މުހިންމު ބައިވެރިއެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވަނީ ބޮލީވުޑްގެ ތަރިންނަށް ރާއްޖެއަށް އައިސް ފިލްމު ކުޅުމުގެ ދަޢުވަތު ދެއްވައި، ރާއްޖޭގެ ރީތިކަން ފިލްމު އުފެއްދުމުގައި ބޭނުންކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފިލްމު ޓޫރިޒަމްގައި ރާއްޖެ އިޚްތިޔާރު ކުރުމަށް ބޮލީވުޑް އިންޑަސްޓްރީއަށް މަރުޙަބާ ކިޔާނެ ކަމަށްވެސް ވިދާޅުވިއެވެ.
މުމްބާއީގައި ބޭއްވި "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު ފަހިވެފައިވާ އިންވެސްޓްމަންޓް ފުރުޞަތުތަކަކީ، އިޤްތިޞާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ކުރިއެރުން ގެނައުމަށް ދިވެހިރާއްޖެ ދެކޭ ތަޞައްވުރަށް ބާރުދޭ ފަދަ ފުރުޞަތުތަކެއް ކަމުގައެވެ. މީގެ ތެރެއިން، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގައްޔާއި، ލަގްޒަރީ ޕްރައިވެޓް އައިލެންޑްތަކުގައްޔާއި، ތިމާވެއްޓާ ރަޙުމަތްތެރި ރިސޯޓާއި އިންޓަގްރޭޓަޑް ޓުވަރިޒަމުގެ މަޝްރޫޢުތަކުގައި އިންވެސްޓުކުރުމަށް ހުރި ފުރުޞަތުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ބައްދަލުވުންތަކާއި، އިންސެންޓިވްތަކާއި، މަހާސިންތާތަކާއި، މައުރަޒުތަކަށް ޚާއްޞަ ނުވަތަ "މައިސް ޓުވަރިޒަމް" ފަދަ ފަތުރުވެރިކަމުގެ އައު ބާވަތްތައް ތަޢާރަފުކުރުމަށް އަމާޒުކުރައްވައިގެން، ފަތުރުވެރިކަމުގެ ލާސާނީ ތަޖުރިބާތަކެއް ފަރުމާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
