ޔޫރިމޫންގެ ޤަލަމް 12: ދިވެހި ޑިމޮކްރަސީން މިހާރުން މިހާރަށް 3 ކަމެއް ފުހެލަމާ ތޯ!

މި ލިއުމުގައި ދިވެހި ޑިމޮކްރަސީ އިން މިހާރުން މިހާރަށްވެސް ފުހެލަންޖެހޭ 3 ކަމެއް އަޅުގަނޑު ފާހަގަ ކޮށްލާނަމެވެ.

ފުރަތަމަ ކަމަކީ، ވެރިކަމަށް އަންނަ ޕާރޓީ އިން ރައްޔިތުންނަށް ކަމެއް ނުކޮށްދެވި އަދި ވެރިކަމުގެ ޅަފަތުގައި ރައްޔިތުންނަށް އިއްވަންފަށާ އެއްވާހަކަ އަކީ، ދެވަނަ ދައުރަކަށް "އަންބޮނޑި" ބަނުމުގެ ވާހަކަ އެވެ. މިވާހަކަ ހުއްޓާލަން އެބަޖެހެއެވެ. މިކަމުގެ ސަބަބުން  ވެރިކަމަށް ލިބޭ ގެއްލުން ބޮޑެވެ. ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގައި ކުލަޖެހެނީ ، ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ވެރިކުރުވުމުންނެވެ. ކުރިޔަށް އޮތް 5 އަހަރަށް "ބަންނަ އަންބޮނޑީ" ގެ ތެރެއިންނެވެ. ނަތީޖާއަަކަށް ވަނީ ރައްޔިތުންގެ ކުރިމަތީގައިވި ވަޢުދުތަކާއި އަޙުދުތައް ނެތުމެވެ. ނުފުއްދާ ދެވުމެވެ. އޭގެ މައްޗަށް ރިޝްވަތާއި، ނިޕޮޓިޒަމް، އަދި ޚިޔާނާތް އިސްވަމުން ދިއުމެވެ.

މިހާތަނަށް ފެނިފައިވާ މިވާ ޑިމޮކްރަސީގެ ވެރިކަންތަކުގައި، އެއްވެސް ބަޔަކަށް ރައްޔިތުން ދެވަނަ ދައުރެއް ނުދިނެވެ. ރައްޔިތުން މިބުނަނީ ވަރަށް ބޮޑު ވާހަކައެކެވެ. ވެރިކަމަށް ވަޑައިގަންނަވާ ލީޑަރުން، ރައްޔިތުންގެ މިނިންމުންތަކަށް ފުންކޮށް ވިސްނަވާ، ޘަޤާފަތަަކަށް ވަމުންމިދާ ދެވަނަ ދައުރުގެ "އަންބޮނޑި ބަނުން" ދޫކޮށް 5 އަހަރުގެ ދައުރަކީ، ހެޔޮވެރިކަމެއްގެ އިޚްލާޞްތެރި ދައުރަކަށް ހައްދަވާ މެކުހަށް ޖައްސަވަން  އެބަޖެހެއެވެ. މިކަމުގެ ނަތީޖާގެ "ފޮނި މީރުކަން" ރައްޔިތުން ބަލައި ގަތުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.

މިހާރުން މިހާރަށް ދޫކޮށްލަންޖެހޭ ދެވަނަ ޘަޤާފަތަކީ، ވެރިކަމުގައި ތިއްބަވައިގެން ނިމިދިޔަ ވެރިކަމަށް ދިއްކުރާ " ތުހުމަތުގެ އިނގިލި" ތަކެވެ. ރައްޔިތުންގެ ކުރިމަތީގައި ވެރިކަމުން ވަކިވެގެން ދިޔަ ފަރާތްތަކަށް ކުރާބަދުނާމު ތަކެވެ.  ބޮޑެތި ވައްކަންތަކާއި ރިޝްވަތާއި، ޚިޔާނާތުގެ ތުހުމަތު ތަކެވެ. މިކަންކަން ކޮށްފައިވާކަން އެނގޭނަމަ، މައްސަލަތައް ޝަރީޢަތަށް ހުށަހަޅާ ކޯޓުތަކުން އެމީހުންނަށް ޙައްޤުވާ ޙުކުމް ހޯދައި ދިނުމަށް ބާރު އެޅުމަކީ، ވެރިކަމުގައި ތިބި ބައެއްގެ، ދައުލަތުގެ ޘަޤާފަތަކަށް ހަދަން އެބެޖެހެއެވެ. ހިތާމަޔަކީ، ވެރިކަމަށް އަންނަ މީހުން މިފަދަ ބަދުނާމު ތައް ކިތަން ވަރަކަށް އަޅުވަމުން ދިޔަނަމަވެސް، ޝަރީޢަތަށް މައްސލަތައް ނުފޮނުވާ ކަމެވެ. ނަތީޖާއަކީ، ރައްޔިތުން ލޯބި އަދާކުރަމުންދާ ޤައުމުގެ ޒިންމާދާރު ޝަޚްޞިއްޔަތް ތަކުގެ އިތުބާރު  ރައްޔިތުންނަށް ގެއްލި ދިއުމެވެ. މިކަން މި ގޮތުގައި ދެމި އޮންނަން ވެއްޖެނަމަ، ރައްޔިތުންގެ ވޯޓްލުމުގެ ޙައްޤަށް ފޫހިކަން އައިސް ވޯޓްލުމާ ދުރުވެދާނެ އެވެ. ޛިންމާދާރު ވެރިކަންތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭން އެބަޖެހެއެވެ.

ތިންވަނަ ކަމަކީ، ކޮންމެ ސަރުކާރަކުންވެސް ކޮންމެ ކަމެއްވެސް ދައްކަން އުޅެނީ ކޮންމެ ކަމަކީ ވެސް "މި ސަރުކާރުން" ކުރިކަމެއްގެ ގޮތަށްދެއްކުމަށެވެ. އެހެންވީމާ "އެންމެ ފުރަތަމަ" މިބަސް ޚަބަރުތަކުގައި އަދި ދައްކާ ވާހަކަ ތަކުގައި ގެނެވޭލެއް އެބަ ގިނަވެއެވެ. އަދިއެއީ ހަޤީޤަތެއް ނޫންކަން ރައްޔިތުންނަށް ރައްޔިތުންނަށް އެނގޭފަހަރުތައްވެސް އަންނަލެއް މަދެެއްނޫނެވެ.

ފާހަގަ ކުރެވުނު 3 ކަންތައް،  (ދެވަނަ ދައުރަކަށް އަންބޮނޑި ބަނުން، ، ތުހުމަތުގެ އިނގިލި ދިއްކުރުން، " އެންމެފުރަތަމަ" ކިޔާ މެޑެލްޖަހަން މަސައްކަތް ކުރުން) ސަރުކާރުންނާއި ޕާރޓީ ތަކުން ވެރިން ހުއްޓާލަން އެބަޖެހެއެވެ. ނޫންނަމަ ޝަޚްޞިއްޔަތް ތަކުގެ ހަރުދަނާކަން ރައްޔިތުންގެ ކުރިމަތީގައި ވެއްޓި، ޤައުމުގައި ވެރިކަން ކުރާ ފަރާތްތަކުގެ އިތުބާރު ރައްޔިތުންނަށް ގެއްލި، އިތުބާރު ގެއްލޭ ގޮތް މެދުވެެރި ވަމުންދާނެ އެވެ. މި އިތުބާރު ގެއްލިގެންދަނީ، މާދަމާގެ ޖީލަށް ދައްކަން އޮތް ނަމޫނާ ޝަޚްޞިއްޔަތް ތަކެވެ.

ފުންނަޒަރަކުން ވިސްނާލާއިރު، އިޙްތިރާމްދީ އިޙްތިރާމް ބަލައިގަންނަ ބަޔަކަށް ވެ، ޤައުމީ ނަމޫނާ ޝަޚްޞިއްޔަތް ތަކަށް "ކުރަފި އެރުވުން" ހުއްޓާލާ މާދަމާގެ ޖީލު ފަޚްރުވެރިވާނެ ނަމޫނާޝަޚްޞިއްޔަތް ތަކެއް، ދައްކައިދޭން އެބަޖެހެއެވެ. ނޫންނަމަ ޤައުމެއް ނޯންނާނެއެވެ.

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ފުރިހަމަ ލިޔުމެއް. ސަޅި ޔޫރިމޫގެ ލިޔުންތައް ވަރަށް ކިޔާހިތުން ކިޔާލެވޭ

  2. ވަރަށް މޮޅު ޚިޔާލެއް. މިހާރު ކުރަންވެފައި ހުރި ކަންތައްތަކެއް. ފުރަތަމަ ކަންކުރެވޭތޯ ބަލަންވީ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *