ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.
މި ކޮންފަރެންސަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވުމަށް ރޭވިފައިވާ ސިލްސިލާ ކޮންފަރެންސްތަކުގެ ތެރެއިން އެންމެ ފުރަތަމަ ބޭއްވޭ ކޮންފަރެންސް ކަމުގައިވާއިރު، މިފަހަރު ބޮޑުތިލަދުންމަތީގައި ބޭއްވުމަށް ނިންމާފައިވެއެވެ.
އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކޮންފަރެންސްގެ ފޮޓޯތައް ވަނީ ހިއްސާކޮށްފައެވެ. މި ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިޙާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން ވެސް ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިޞްލާޙުތަކާ ގުޅިގެން ކައުންސިލްތަކަށް ލިބިދޭ ބާރުތައް ކަނޑުވާލާކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތައް ހިއްސާކުރުމާއި، އެކަމާ ގުޅޭގޮތުން ބޮޑުތިލަދުންމަތީގެ އެމްޑީޕީ ކައުންސިލަރުންނާއެކު މަޝްވަރާކުރުމެވެ. އެމްޑީޕީން ބުނާ ގޮތުގައި، މި ކޮންފަރެންސްގައި އިޤްރާރުވާ ކަންކަން ހާމަކޮށް، އެކަންކަން ރަނގަޅުކުރުމަށް ސަރުކާރަށް ގޮވާލާނެއެވެ.
އެމްޑީޕީގެ ލީޑަރޝިޕްގެ މި ދަތުރަކީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ދަތުރެކެވެ. މި ކޮންފަރެންސްގެ ސަބަބުން ލާމަރުކަޒީ ނިޒާމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވި، ކައުންސިލްތަކުގެ ބާރުތައް ހިމާޔަތްކުރުމަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރެވެއެވެ.
މި ދަތުރުގައި ހއ. ހދ. އަދި ށ. އަތޮޅުގެ އެކި ރަށްތަކަށް އެމްޑީޕީން ދާއިރު، ރޯޑްމެޕް އެކުލަވާލުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީން މީގެ ކުރިން ބުނެފައިވެއެވެ.
