މިރޭ ފެންނާނެ ފުރިހަމަ ހަނދަކީ (ފުލް މޫންއަކީ) މިއަހަރުގެ އެންމެ ބޮޑު ފުރިހަމަ ހަނދު ކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ނިޝާނުލްޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ވިދާޅުވެއްޖެއެވެ.
މައުމޫނު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފުރިހަމަ ހަނދަކީ ސުޕާ ހަންޓާޒް ފުރިހަމަ ހަނދު ކަމަށާއި، މިއީ މިއަހަރު ފެންނާނެ އެންމެ ބޮޑު އަދި އެންމެ އަލިގަދަ "ފުލްމޫން" ކަމުގައެވެ.
މައުމޫން އިތުރަށް ވިދާޅުވެފައިވަނީ މިރޭ ހަނދު އަރާނީ މިއަދު ހަވީރު 5:49 ގައި ކަމަށާއި، އޮއްސޭނީ މާދަމާ ހެނދުނު 6:23 ގައި ކަމަށެވެ. އަދި މި މަންޒަރު ބަލާލުމަށް އާންމުންނަށް ހިތްވަރުދެއްވާފައިވެއެވެ.
މައުމޫނަކީ ފަލަކީ ޢިލްމުގެ ރޮނގުން ދިރާސާކުރައްވާ، އެ ދާއިރާއަށް ވަރަށް ކުޅަދާނަ ބޭފުޅެއް ކަމުގައި ފާހަގަކުރެވެއެވެ.
ސުޕަ ހަންޓާޒް ފުލްމޫނުގެ އިތުރުން މި އަހަރުގެ މިހާތަނަށް ހަތަރު ސުޕަމޫން ފެނިފައިވެ އެވެ. އެއީ އޭޕްރީލް މަހާއި އޮގަސްޓް މަހުގެ ތެރޭގައި ފެނުނު ބްލޫ ސުޕަމޫނާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެނުނު ސުޕަމޫން އެވެ.
