ވޭތުވެދިޔަ ދެތިން އަހަރު ނިޒާމީ ގޮތުން ދައުލަތުގެ ޚަރަދު ރެކޯޑުކުރަމުން ދިޔަ ގޮތާ ގުޅޭ ސީރިއަސް، އަދި ޤާނޫނާ ފުށުއަރާފަދަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މާލީ ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި ބޭރުގެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކަށް ބޭރުގެ މާލީ އިދާރާ ތަކުން ދޫކޮށްފައި ހުރި ދޮޅު ބިލިއަނާއި ދެ ބިލިއަން ރުފިޔާއާ ކައިރި ކުރާ އަދަދެއް މި އަހަރުގެ ތެރޭގައި ރެކޯޑްކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ މިދިޔަ އަހަރާއި އޭގެ ކުރި އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ ޖުމްލަ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވާ ކަމަށާއި އޭގެއިތުރުން ވެސް މިފަދަ ބިލުތައް އެކި މިނިސްޓްރީތަކުގެ ހުރުން އެކަށީގެންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ދެނެގަތުމުގެ މަސައްކަތް އޮޑިޓަ ޖެނެރަލްގެ އޮފީހާއެކީ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ބަޖެޓުގައި ޕޯސްޓްކޮށްފައިހުރި، އެހެން ނަމަވެސް 2023 ވަނަ އަހަރުގެ ކޭޝްޕްލޯއިން ފައިސާ އަދާ ނުކުރެވި ހުރި ތިން ބިލިއަނެއްހާ ރުފިޔާ މި އަހަރުގެ ކޭޝްފްލޯއިން އަދާކޮށްފައިވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ދައުލަތުގެ ޚަރަދު ރެކޯޑުކުރަމުން ދިޔަ ގޮތާ ގުޅޭ ސީރިއަސް، އަދި ޤާނޫނާ ފުށުއަރާފަދަ މައްސަލަތަކެއް ފާހަގަކުރެވުމާއި އެކު މާލީ ވުޒާރާއިން ވަނީ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" އާންމުކުރުން މަޑުޖައްސާލާފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވާޒީރު މޫސާ ޒަމީރު ވިދާޅުވީ އެ ރިޕޯޓު ނެރުން މަޑުޖައްސާލީ ޤައުމުގެ ފިސްކަލް އެކައުންޓްސް އަކީ ތެދު މައުލޫމާތުމައްޗަށް އާންމުކުރެވޭ ރިޕޯޓަކަށް ހެދުމަށް ކަމަށެވެ.
"މިއަހަރުގެ ބަޖެޓުގައި ހިމަނައިފިނަމަ 2 ބިލިޔަން ރުފިޔާ އިތުރުވާނެ، މިކަމުގައި އޮޑިޓަރ ޖެނެރަލް އަދި އެޓަރނީ ޖެނެރަލްގެ ލަފާއާއި އެކު ކަމުގައި އަމަލުކުރާނެގޮތެއް ނިންމާނީ" ވަޒީރު ޒަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ބަޖެޓުގައި ޕޯސްޓްކޮށްފައިހުރި، އެހެން ނަމަވެސް 2023 ވަނަ އަހަރުގެ ކޭޝްޕްލޯއިން ފައިސާ އަދާ ނުކުރެވި ހުރި 3 ބިލިއަނެއްހާ ރުފިޔާ ވަނީ މި އަހަރުގެ ކޭޝްފްލޯއިން އަދާކޮށްފައިކަމަށްވެސް ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
"ކުދި އަދަދެއް ބަޖެޓުގައި ޖަހާފައި، އެއަށްވުރެ ބޮޑަށް ޚަދަރު މިކުރަނީ، މިއީ ޤާނޫނާއި ގަވާއިދުތަކާއި ހިލާފު ކަންތައްތައް" ވަޒީރު ވިދާޅުވިއެވެ.
