ކުރީ ސަރުކާރުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި ދިން 64 މިލިއަން ރުފިޔާއަކީ ދޭން ނުޖެހޭ ފައިސާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓެއްގައި ފާހަގަކޮށްފިއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބަދަލު ދިނުމަށް ނިންމާފައިވަނީ ކުންފުނީގެ ހަރަދުތަކާއި މާލީ ހިސާބުތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ނުކޮށެވެ. އަދި ދީބާޖާއަށް އެންމެ ގިނަވެގެން ލިބުނު ގެއްލުމަކީ 48 މިލިއަން ރުފިޔާ ކަމަށް ބެލެވޭއިރު، އެއަށްވުރެ 16 މިލިއަން ރުފިޔާ އިތުރަށް ދޭން ނިންމާފައިވެއެވެ.
އެ ރިޕޯޓުގައިވާ ގޮތުން ފެރީގެ ހިދުމަތް ދިނުމުގެ އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން އެންމެ ގިނަވެގެން ވެސް ދީބާޖާ އަށް ލިބޭނީ 48 މިލިއަން ރުފިޔާގެ ގެއްލުމެއް ކަމަށް ބެލެވެ އެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން ދީބާޖާ އަށް ދޫކުރި ރ. ކުޑަކުރަތު ސަބްލީޒް އެއްބަސްވުމެއްގެ ދަށުން އެ ކުންފުނިން 65 މިލިއަން ރުފިޔާ އަށަ އެހެން ކުންފުންޏަކަށް ވިއްކާލާފައިވާތީ، އެ ކުންފުންޏަށް ލިބުނު ގެއްލުމަށް ވުރެ ލިބުނު ފައިދާ ބޮޑުވާނެ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ ރިޕޯޓުގައިވަނީ ދީބާޖާ އަށް 64 މިލިއަން ރުފިޔާގެ ބަދަލެއް ދޭން މިދިޔަ އަހަރު ސަރުކާރުން އެއްބަސްވެ އޭގެ ތެރެއިން ބައެއް ފައިސާ ދޫކުރީ ދީބާޖާއިން ކުރި ހަރަދުތަކަށް ބެލުމެއް ނެތި އަދި ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އަދި ރ. ކުޑަކުރަތުގެ ލީސް ވިއްކާލުމުގެ ސަބަބުން ދީބާޖާއަށް ފައިސާ ލިބިފައިވާތީ އެ ކުންފުންޏަށް ސަރުކާރުން އިތުރު ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ވެސް އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން، ދީބާޖާއަށް ސަބްސިޑީގެ ގޮތުގައި ދޫކުރެވުނު ރ. ކުޑަކުރަތު ރިސޯޓް ތަރައްޤީ ކުރުމުގެ ހައްޤު 65.5 މިލިއަން ރުފިޔާއަށް ވިއްކާލައިގެން ކުންފުންޏަށް ފައިދާވެސް ވެފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ގޮވާލާފައިވަނީ މި މައްސަލައިގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށެވެ.
