އިޒްރޭލުން އީރާނަަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ވައިގެ މަގުން އިޒްރޭލުން އީރާނަށް ރޭ ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

އިޒްރޭލުން އީރާނަށް އަމާޒުކޮށް ދިން އަސްކަރީ ހަމަލާ ކުށްވެރިކޮށް، ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހަމަނުޖެހުންތައް އިތުރަށް ބޮޑުނުވެ، މެދުއިރުމަތީގައި ސުލްހަ ޤާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށާއި، ސަރަޙައްދުގެ ދެމެހެއްޓެނިވި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް މަޝްވަރާތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

އިޒްރޭލުން ރޭ ފަތިހުގެ ވަގުތެއްގައި އިރާނަށް ވައިގެ ހަމަލާތަކެއް ދީފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު އިރާނުން އިޒްރޭލަށް 300 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ހަމަލާދީ، އިޒްރޭލަށް އެކިވަރުގެ ގެއްލުންތައް ދީފައިވާތީ، ރައްދު ހަމަލާގެ ގޮތުގައެވެ.

ތިންފަހަރެއްގެ މަތިން އީރާނުގެ ޖުމްލަ 20 އަސްކަރީ ތަނަކަށް ފައިޓާޖެޓުންނާއި މިސައިލުން ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު ހަމަލާތައް މިހާރުވަނީ ހުއްޓާލާފައެވެ. މިތަންތަނަކީ ކުރީއްސުރެ ހަމަލާދޭން ކަނޑައަޅާފައިވާ އަސްކަރީ 20 ތަންތަންކަމަށްވެސް އިސްރާއީލުން ބުނެފައިވެއެވެ.

އީރާނުން ކުރިން ބުނެފައިވާގޮތުން އިސްރާއީލުން ދޭ ރައްދު ހަމަލާތަކުން އީރާނަށް މާބޮޑު ގެއްލުމެއް ނުލިބޭނަމަ އީރާނުން ސީދާގޮތެއްގައި އިސްރާއީލަށް ރައްދު ނުދިނުމަކީ އެކަށީގެންވާ ކަމެކެވެ. އެޢީ ސަރަހައްދީ ހަނގުރާމައަކަށް ދާން އީރާން ބޭނުންނުވާތީއެވެ.

ނަމަވެސް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ ކުރިން އިސްރާއީލަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކަށްވުރެ އެތައް ގުނައެއް ބާރުގަދަ ހަމަލާތަކެއް އިސްރާއީލަށް ދޭނެއެވެ. އަދި އީރާނުގެ ތެލާއި ގޭހުގެ މަރުކަޒުތަކާއި ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދީފިނަމަ އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒު ބިމާ ހަމަކޮށްލެވޭ ވަރުގެ ހަމަލާތަކެއް ދޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ގަތުލްއާންމުގައި މިހާތަނަށް ގާޒާ އިން ވަނީ 42،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *