ގެދޮރުވެރިންގެ ފްލެޓް ލިސްޓް އިޢުލާން ކުރާނީ އަންނަ ނޮވެމްބަރ މަހު

މިދިޔަ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4،000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް އާންމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓެއް ކުރިން އޮތީ އާންމުކޮށްފައެވެ. މިހާރު ވެސް ފަހިދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ފްލެޓްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލެޓުތައް ދޫކުރުމުގެ މަސައްކަތް ލަސްވާތީ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު އެކަމަށް އެކި އިހުތިޖާޖުތައް ވެސް އަންނަނީ ބާއްވަމުންނެވެ.

ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފެށި ޖިނާއީ ތަހުގީގާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

ނަމަވެސް އޭގެ ފަހުން ހަތް ވަރަކަށް މަސްވީއިރު އަދިވެސް ހައުސިން މިނިސްޓްރީން ގެންދަނީ އެ ލިސްޓު ރިވިއުކުރަމުންނެވެ. މީގެ ކުރިން އެ މިނިސްޓްރީން ބުނީ އޮކްޓޯބަރު މަހު ފުލެޓު ލިސްޓު އާންމުކުރާނެ ކަމަށެވެ.

ނަމަވެސް އެ މިނިސްޓްރީން ބުނި ގޮތުގައި ރައީސް އެކުލަވައިލެއްވި ހައުސިން އެޑްވައިޒަރީ ކޮމިޓީއާއި، މާލޭ ސިޓީ ކައުންސިލުގެ ހައުސިން ކޮންސަލްޓޭޓިވް ކޮމިޓީއަށް ވެސް ލިސްޓުތަކުގައި މައްސަލަ އުޅޭކަމަށް ފެންނާތީ، ހުރިހާ އެޕްލިކޭޝަން ފޯމުުތައް އަންނަނީ އަލުން ބަލަމުންނެވެ. އެކަމަށް އިތުރު ވަގުތު ބޭނުންވާ ކަމަށާއި އެހެންކަމުން ދެން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަނީ މި ފެށޭ މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށްކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އެކުލަވާލި "ހައުސިންގ އެޑްވައިޒަރީ ކޮމެޓީ" އާއި މާލޭ ސިޓީ ކައުންސިލުން އެކުލަވާލި "ހައުސިންގ ކޮންސަލްޓިވް ކޮމެޓީ" އިން ވެސް މި ސްކީމްގެ ދާއިމީ ލިސްޓް އެކުލަވާލާފައިވާ ގޮތް ރަނގަޅު ކަމަށް ނުފެންނާތީ، މި ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ ފޯމެއް އަލުން އިވެލުއޭޓް ކުރަމުންދާ ކަމަށެވެ.

ކުރީގެ ސަރުކާރުން ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓެއް ކުރިން އާންމުކޮށްފައިވީ ނަމަވެސް، އެ ލިސްޓާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާ އުފުލުމާ ގުޅިގެން އޭސީސީން ވަނީ އެކަން ހުއްޓުވާފައެވެ. އޭސީސީން އެ މައްސަލަ ތަޙުޤީޤުކުރުމަށްފަހު ބުނެފައިވަނީ ކުރީ ސަރުކާރުން ދޫކުރި 4،000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތް ނިމި، ވަގުތީ ލިސްޓް އާންމުކުރުމުން، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ދެވޭނެއެވެ. އަދި އެ ޝަކުވާތައް ބެލުމަށްފަހު، ދާއިމީ ލިސްޓް އެކުލަވާލައި، ފްލެޓްތައް ހައްޤުވެރިންނާ ހަވާލުކުރެވޭނެ ކަމަށް އުންމީދު ކުރެވެއެވެ.

މި މަޝްރޫޢުގެ ސަބަބުން 4،000 އާއިލާއަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް ބެލެވޭއިރު، މިއީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *