އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑު މެންޗެސްޓާ ސިޓީއަށް ކުޅޭ ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީއަށް ލިބިއްޖެއެވެ. މިއީ އޭނާއަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.
އުމުރުން 28 އަހަރުގެ ރޮޑްރީއަށް މި ޝަރަފު ލިބުނީ ޖުލައި މަހު ޖަރުމަނުވިލާތުގައި ބޭއްވި ޔޫރޯ މުބާރާތް ސްޕެއިނަށް ކާމިޔާބުކޮށްދިނުމުގައި އޭނާ އަދާކުރި ދައުރާ ގުޅިގެންނެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ކްލަބާއި ޤައުމަށް އެންމެ މެޗެއް ފިޔަވާ އެހެން ހުރިހާ މެޗެއްގައި ކުޅެފައެވެ.
ރޮޑްރީވަނީ އިނގިރޭސި ޕްރިމިއާ ލީގު ސިޓީއާ އެކު ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ކާމިޔާބުކޮށް، ޔުއޭފާ ސުޕާ ކަޕާއި ކްލަބް ވޯލްޑް ކަޕް ވެސް ސިޓީއާ އެކު ކާމިޔާބުކޮށްފައެވެ. ރޮޑްރީވެފައިވަނީ ސިޓީގެ ތާރީޚުގައި ވެސް ބެލޮންޑިއޯ ކާމިޔާބުކުރި އެ ކްލަބްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މި ފަހަރުގެ ބެލޮންޑިއޯއަށް ގިނަ ކުޅުންތެރިންތަކެއް ވާދަކުރި ނަމަވެސް ރެއާލް މެޑްރިޑަށް ކުޅެމުންދާ ބްރެޒިލްގެ ފޯވަޑް ވިނީޝިއަސް ޖޫނިއާއަށް ލިބިގެންދިޔައީ ދެވަނައެވެ. އޭނާ އަކީ މި އެވޯޑް ކާމިޔާބުކުރާނެ ކަމަށް ގިނަ ފަރާތްތަކަކުން ކިޔަމުންދިޔަ ކުޅުންތެރިޔާއެވެ. ތިންވަނަ ލިބުނީ ރެއާލަށް ކުޅެމުންދާ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމަށެވެ.
މި އަހަރުގެ ބެލޮންޑިއޯ އެވޯޑުގެ އަހަރުގެ އެންމެ މޮޅު ކުލަބަކަށް ހޮވިފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެސް އެ ކްލަބުގެ ކާލޯ އަންޗެލޮޓީއެވެ.
އެންމެ މޮޅު ކްލަބުގެ މަގާމަށް ރެއާލު މެޑްރިޑް އާއި ވާދަކުރީ ދެ ވަނަ ހޯދި ޖަރުމަނުގެ ބެޔާ ލެވަކޫސަން އާއި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް އަތުން ބަލިވި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑެވެ. އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް އަންޗެލޮޓީއާ ވާދަކުރީ ލެވަކޫސަންގެ ޒަބީ އޮލޮންސޯއެވެ. ތިން ވަނަ އަކީ ސްޕެއިނުގެ ލުއިސް ޑެ ލާ ފުއެންޓޭއެވެ.
