އެމެރިކާގެ ރައީސް ކަމަށް ދެވަނަ ފަހަރަށް ޓްރަމްޕް

އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބު އެ ގައުމުގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކާމިޔާބުކޮށްފިއެވެ. އޭނާ އެ އިންތިހާބު ކާމިޔާބު ކުރީ އެމެރިކާގެ މިހާރުގެ ނައިބު ރައީސް އަދި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ކަމަލާ ހެރިސް އާ ވާދަކޮށްގެންނެވެ. ޑޮނަލްޑް ޓްރަމްޕް ވަނީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ވަނީ ވަރަށް ބޮޑުތަނުން ނާކާމިޔާބުވެފައެވެ.

އެމެރިކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި 224 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މިހާތަނަށް 138 މިލިއަން ވޯޓު ވަނީ ގުނައިފައެވެ. އެ ނަތީޖާއިން ދައްކާ ގޮތުގައި ޓްރަމްޕަށް 51.06 ޕަސެންޓު ވޯޓު ލިބިފައިވާއިރު ނައިބު ރައީސް އަދި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ކަމަލާ ހެރިސްއަށް ލިބިފައިވަނީ 47.45 ޕަސެންޓް ވޯޓެވެ.

އެ އިންތިޚާބުގައި ކެންޑިޑޭޓުންނަށް ކުރި ލިބޭނީ އެ ބޭފުޅަކަށް އެންމެ ގިނައިން ވޯޓު ލިބޭ ސްޓޭޓެއްގެ ގޮތުންނެވެ. އެގޮތުން ކޮންމެ ސްޓޭޓެއްގައި ކޮންމެ ކެންޑިޑޭޓަކަށް ވެސް، އެ ސްޓޭޓެއްގެ ކޮންގްރެސް މެންބަރުންނާ އެއް އަދަދަކަށް 'އިލެކްޓާސް' ކަނޑައަޅައިފައި ތިބޭނެއެވެ.

އެހެންކަމުން ބައެއް ސްޓޭޓްތަކުގައި އިލެކްޓާސް ގިނައިރު، އެހެން ސްޓޭޓުތަކުގައި މަދުވާނެ އެވެ. އަދި އިންތިޚާބުގައި އާންމު ރައްޔިތުން ދޭ ވޯޓަށް ފަހު، ކޮންމެ ސްޓޭޓެއްގެ އިލެކްޓާސް ވެސް ފަހުން އެއްވެ، ވޯޓު ދޭނެއެވެ. އެ އިލެކްޓާސްގެ ވޯޓު ދޭނީ އެ ސްޓޭޓެއްގެ އެންމެ ގިނަ ރައްޔިތުން ވޯޓު ދިން ކެންޑިޑޭޓަކަށެވެ.

ރައީސް ކަމަށް އިންތިޚާބު ވާނީ ޖުމްލަ 538 އިލެކްޓާސްގެ ތެރެއިން 270 އިލެކްޓޯރަލް ވޯޓު ލިބޭ ކެންޑިޑޭޓެކެވެ.

މިހާތަނަށް ގުނައިފައިވާ ވޯޓުން ދައްކާ ގޮތުގައި ޓްރަމްޕަށް ވަނީ 277 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައެވެ. ހެރިސްއަށް ލިބިފައިވަނީ 224 އިލެކްޓޯރަލް ވޯޓެވެ.

އެހެންވެ، ޓްރަމްޕަށް ވަނީ އެމެރިކާގެ 47 ވަނަ ރައީސްކަން ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ކަން ޓްރަމްޕް ވެސް ވަނީ އިއުލާންވެސް ކޮށްފައެވެ. އަދި އޭނާ ވަނީ ސަޕޯޓަރުންނާ ވެސް ބައްދަލުކޮށް ވާހަކަ ދައްކައިފައެވެ.

ސަޕޯޓަރުންނާ ބައްދަލުކޮށް ޓްރަމްޕް ބުނީ އޭނާއަށް ލިބުނީ ތާރީހީ ކާމިޔާބީއެއް ކަމަށާއި އެމެރިކާގެ ރައްޔިތުން އޭނާ އަށް ދެވަނަ ފުރުސަތެއް ދީފައިވާ ކަމަށެވެ. އަދި އެމެރިކާގެ ސެނެޓްގެ މެޖޯރިޓީ ވެސް އަނބުރާ ހޯދާފައިވާ ކަމަށް ޓްރަމްޕް ބުންޏެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *