ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ބަންގްލަދޭޝް ކޮޅަށް އަލީ ފާސިރު (ސެންޓޭ) ވައްދާލި ހަމައެކަނި ލަނޑާއެކު ރާއްޖެ ބަނގްލަދޭޝް ބަލިކޮށްފި އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަޝުންދަރާ އެރީނާގައި މިއަދު ކުޅުނު މެޗު ރާއްޖެ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ބަންގްލަދޭޝްގައި ކުޅެގެން އެ ޓީމު އަތުން ރާއްޖޭން މޮޅުވި ފުރަތަމަ ފަހަރެވެ.
ރާއްޖެއިން މި މެޗަށް ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ނެރުނުއިރު، މި މެޗުގައި ބަންގްލަދޭޝް ޓީމުގެ ހަލުވި ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. ދިވެހި ކުޅުންތެރިންނަށް ލިބުނު ދަނޑިވަޅުތަކުގައި ވަނީ ތަފާތު ދައްކާ މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 18 ވަނަ މިނެޓުގައެވެ. އަލީ ފާސިރު (ސެންޓޭ) މި ލަނޑު ކާމިޔާބުކުރީ އޭރިއާބޭރުން ލިބުނު ހިލޭޖެހުމަކުން، ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗުގެ ފަހުކޮޅުގައި، ނަތީޖާ ދިވެހި ޓީމު ކޮޅުގައި ބޭއްވުމަށް ދިވެހި ޓީމު ފަހަތަށް ޖެހިގެން ކުޅެން މަސައްކަތް ކުރި އެވެ. އެކަމަކު ދޭތެރެދޭތެރެއިން ކުރި އަރައި ބަންގްލަދޭޝްފެ ގޯލަށް ނުރައްކާ ވެސް ކުރި އެވެ.
ނަތީޖާ ހަމަހަމަކުރަން ބަންގްލަދޭޝް އިން ކުރި އެޓޭކްތަކުގެ ތެރެއިން އެންމެ ރަނގަޅު ހަމަލާއެއް މެޗުގެ 43 ވަނަ މިނެޓުގައި ފޮނުވާލީ ސޮހޭލް ރާނާއެވެ. އޭރިއާބޭރުން އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ރާއްޖ ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ 2 ވަނަ މެޗް އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެ މެޗު ވެސް އޮންނާނީ ބަނގްލަދޭޝްގެ ޑާކާގަ އެވެ.
