ފަތިސް ނަމާދުކުރުމުން ﷲ ތައާލާ ދެއްވަވާ ރަޙްމަތްތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިންވެސް އެންމެ ބޮޑު އެއް ރަޙްމަތަކީ މުޅި ދުވަހު ﷲ ތަޢާލާގެ ރައްކައުތެރިކަމުގައި ލެއްވެވުމެވެ.
މީހަކަށް ﷲ ތައާލާގެ ރައްކައުތެރިކަން ލިބިއްޖެ ނަމަ ދެން އިތުރަށް ބޭނުންވާނީ ކޮން ރައްކައުތެރިކަމެއް ހެއްޔެވެ؟ ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިފައިވާ މީހާއަށް އެއްވެސް ގެއްލުމެއް ދެވޭނީ ކާކަށް ހެއްޔެވެ؟ އެކަން ކުރެވޭނެ މިހަކު މިދުނިޔޭގައި ހުންނާނެ ހެއްޔެވެ؟
އެ ފުރުޞަތަކީ ޢާންމުކޮށް އެންމެންނަށް ﷲ ތަޢާލާ ހުޅުއްވަވައިލައްވަވާ ފުރުޞަތެކެވެ. ކޮށްލަން ޖެހޭ ހަމައެކަނި ކަމަކީ ޖަމާޢަތުގައި ފަތިސް ނަމާދުކޮށްލުމެވެ. ޖަމާއަތުގައި ފަތިސް ނަމާދު ކުރީމާ މުޅި ދުވަހު އެމީހާ ހުންނާނީ ﷲ ތަޢާލާގެ ބެލެހެއްޓެވުމުގެ ދަށުގައެވެ. ﷲ ތަޢާލާގެ ބެލެނިވެރިކަމުގެ ދަށުގައެވެ. އެހެންކަމަށްވާއިރު އެމީހާއަށް އިތުރު އެއްވެސް މީހެއްގެ ބެލެނިވެރިކަން ބޭނުމެއް ނުވާނެއެވެ.
މީސަތަކުންނޭވެ! އަހަރެމެންނަށް ބޭނުންވާ ރައްކައުތެރިކަމާއި ހިމާޔަތް މިހާ ފަސޭހައިން ލިބެން އޮތް އިރުވެސް އެކަމަށް އަހަރެމެން މިވަނީ ޣާފިލުވެފައެވެ. ﷲ ތަޢާލާގެ ރައްކައުތެރިކަން ދޫކޮށް އަހަރެމެން ރައްކައުތެރިކަން ހޯދަން މި މަސައްކަތް ކުރަނީ ﷲ ތަޢާލާ އުފެއްދެވި ހަމަ ތިބާ ފަދަ އިންސާނުންގެ ކިބައިންނެވެ. ބޮޑީ ގާޑުންނާއި ހަތިޔާރުގެ ބޭނުންކޮށްގެންނެވެ!
ނިކަން ބުނެ ބަލާށެވެ! މިއީ ކޮން ގޮތަކުން ދެކޮޅު ޖެހޭ ކަމެއް ހެއްޔެވެ؟ ސަލާމަތް ބުއްދިއަށް ގަބޫލުކުރެވޭނެ ކަމެއް ހެއްޔެވެ؟
– އިސްލާމީ ތިލަފަތުގެ ދަރުސަކުން
