މިއަދު ބޮޑުވެ ބިޔަވަމުންދާ ދިވެހި ސަރުކާރުވެސް އުފެދިގެން އައީ، ގަހެއް ހެއްދުމަށް ބިމުގައި ވަޅުލެވޭ ކުޑަކުޑަ އޮށެއްގެ ސިފައި ގައެވެ. ޢިމާރާތެއްގެ ތެރޭގައި ބެހެއްޓޭ ދެގޮނޑިއަކާ، ދެމޭޒަކާ، ދެ މުއައްޒިފެއްގެ ގޮތުގައެވެ. ބޭނުމަކީ، ޤައުމުގައި ރައްޔިތުންނަށް ދޭންވާ ކޮންމެވެސް ޚިދުމަތެއްގެ މަގު ފަހިކުރުމެވެ. މި ކޮންމެ އުފެދުމަކީ ވެސް މިއަދު ފެންނަމުންމިދާ ބޮޑު އޮފީހެއްގެ ފެށުމެވެ. މި މޭޒުތަކާ ގޮނޑިތަކުގައި މަސައްކަތްކުރާ މީހުން ވެގެންދިޔައީ، ސަރުކާރު ހިންގުމުގެ ބައިވެރީންނަށެވެ. ސަރުކާރު ހިންގުމަށް މިއުފެދިގެންދަނީ، ސިވިލް ސަރވިސް އެވެ. ދިވެހި ސަރުކާރެވެ.
އަޅުގަނޑަކީ ވެސް ސަރުކާރުގައި، (ސިވިލްސަރަވިސް) ގައި މެދުނުކެނޑި 40 އަހަރު ޚިދުމަތް ކުރުމަށް ފަހު ވަކިވެފައިވާ މީހެކެވެ. 70ގެ އަހަރުތަކުގެ ތެރޭގައި ކިޔަވަން މާލެ އައި ނަމަވެސް، ކިޔެވުމަށް ވުރެ މުހިންމު ވީ ސަނަދެއް ނަގައިގެން ސަރުކާރަށް ވަނުމަށެވެ. އޭރު ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްގެ ވަޒީފާތަކަށް ވަދެވެނީ އެދާއިރާއަކަށް އޮންނަ ސަނަދެއް ނަގައި ގެންނެވެ. އޭރުގެ ކަސްޓަމް ( ބޮޑުފާލަމުގެ ކައިރީގައި ހުރި ޢިމާރާތެއް) ގައި ސަރުކާރުގެ ތެރޭގައި ހުސްވެފައި ހުންނަ މަދު ވަޒީފާތައް އިޢުލާން ކުރެވިފައިހުންނަ ނޯޓީސް ބޯޑެއް ހުރެއެވެ. މި ބޯޑު ބަލައިގެން އެމީހަކު ބޭނުންވާ ވަޒީފާތަކަށް މީހުން ކުރިމަތިލަމުން ދެއެވެ.
ވަޒީފާތަކަށް ކުރިމަތިލެވެނީ، އެވަޒީފާއަކާއި ގުޅޭ ސަނަދެއް ނަގައިގެންނެވެ. ސަނަދު ނަގަން ކިޔަވާ ކްލާސްތައް ހިންގުމުގެ ފުރުޞަތު ޝަރުޠު ފުރިހަމަވާމީހުންނަށް މިކަމަށް އެދުމުން ސަރުކާރުން ދެއެވެ. މި ކްލާސްތަކުން ކިޔަވާ މީހުންނަށް ސަނަދުލިބެނީ، އޭރުގެ އެޑިޔުކޭޝަން މިނިސްޓްރީން އިމްތިހާނުގައި ބައިވެރި ވެގެން، ފާސްވެ ސަނަދު ނަގައިގެން، އެނެގި ސަނަދެއްގެ ވަޒީފާއެއް ހުސްވެފައި އޮތްނަމަ، އެ ވަޒީފާއެއް ހޯދުމަށް އޮންނަ އުޞޫލުތަކުގެ މަތީންނެވެ. ވަކި މީހަކާގުޅިގެން ވަޒީފާ ލިބޭނެ އުޞޫލެއް ނެތެވެ.
އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ސިވިލްސަރވިސް ގެ މިޤަވާއިދު ފޮތަކީ، ބޭނުމެއްނެތް މާއްދާތައްގިނަ، ދެމީހަކަށް އެއްމާނައެއް ނުނެގޭނެ މާއްދާތައް ގިނަ، މާނަ އޮޅޭފަދަ ދިގު ޖުމްލަތައް ގިނަ، ޤަވާޢިދެކެވެ.
އެންމެ އާއްމު ވަޒީފާތަކުގެ ތެރޭގައި، މަސައްކަތު މީހުންް، ޕިޔޯނުން، ސަރުދާރުން، 2 ނަންބަރު ކާތިބުން، 1 ނަންބަރު ކާތިބުން، އިނގިރޭސި ކާތިބުން، ދިވެހިސެކްރެޓެރީން ، އިނގިރޭސި ސެކްރެޓެރީން ހިމެނެއެވެ. މި ކޮންމެ ވަޒީފާއަކަށް ވެސް ސަނަދެއް ނަގަން ޖެހެއެވެ. ކިޔެވުން ތަފާތެވެ. އެއްވަޒީފާއިންއަނެއް ވަޒީފާއަކަށް، ކިތަންމެ ގިނަދުވަހެއް ވިޔަސް އޭރު ބަދަލެއް ނުވެވެއެވެ. ފަހަރުގައި ދިމާވާގޮތަކުން ސަނަދެއްނެތް މީހަކަށް ވަޒީފާއެއް ހަމަޖެހުނު ނަމަވެސް، ސަނަދު އޮތް މީހަކު ސިޓީލުމުން ، އެވަޒީފާ އޭނާއަށް ހަމަޖެހިގެންދާނެއެވެ.
އޭރު މާލެއައިސް ކިޔަވަން ފައިބާ ކުދިންގެ މަސައްކަތަކަށް ވާނީ، ސަނަދު ކްލާސްތަކަށް ވަދެ ކިޔަވައިގެން ވަޒީފާ ހޯދައިގެން، އެއަށްވުރެމަތީ ވަޒީފާއަކަށް ދިއުމަށް ކިޔެވުމެވެ. ސަނަދު ނެގުމެވެ. ކޮންމެ ސަނަދަކަށް 4، 5 މާއްދާއެއް އޮވެއެވެ. ފާސްވަން ޖެހޭނީ 75 މާރކްސް އަށްވުރެ މަތީންނެވެ. މާއްދާއަކުން ފާސް ނުވެއްޖެނަމަ، އެމާއްދާއަކުން ފާސްވަންދެން އެމީހަކުޖެހޭނީ އިމްތިހާނުގައި ބައިވެރި ވާށެވެ. ފާސްވާ މާއްދާއެއްގައި ދެވަނަ ފަހަރު ބައިވެރި ވާކަށް ނުޖެހެއެވެ. ސަނަދު ލިބޭނީ، ހުރިހާ މާއްދާއަކުން ފާސްވެގެންނެވެ.
ނަތީޖާއެއްގެ ގޮތުން މާލޭގައި، ޚާއްޞަކޮށް ރާއްޖެތެރެއިން މާލެއަންނަ ޒުވާނުންގެ މެދުގައި އޮންނާނީ ވަޒީފާއެއް އަދާކުރުމާއި ސަނަދު ނެގުމަށް ކިޔެވުމެވެ. ރޭގަނޑު ހޭދަކުރާނީ ކިޔެވުމުގައެވެ. ބައެއް ކުދީން ފުޅިބައްތި އަލީގައެވެ. ބައެއް ކުދިން ހޮޅިބުރި ހުންނަ ދަނޑިތަކުގެ ކައިރީގައި ޖަމާވެގެން ތިބެތެވެ.
މިދައްކަނީ، އަޅުގަނޑުމެންގެ ޙަޔާތުގައި އަޅުގަނޑުމެންނަށް ސަރުކާރާއި ސަރުކާރުގެ ވަޒީފާތައް (މިހާރުނަމަ ސިވިލްސަރވިސް) ފެށިގެން ފެނިގެން އައި ގޮތެވެ. ހަރުދަނާ ނިޒާމެއް އޮތްކަމަށް ޤަބޫލުކުރެވެއެވެ. މެރިޓް އުޞޫލުން ވަޒީފާތައް ހަމަޖެހިގެންދާކަމަށް ޤަބޫލުކުރެވެއެވެ. މިސާލަކަށް ސެކްރެޓެރީ އެއްގެ ސަނަދު ނަގާމީހަކަށް، ކޮންމެ އޮފީހެއްގެވެސް ސެކްރެޓެރީ ކަމަުގެ ވަޒީފާއަދާކުރެވޭނެއެވެ. ސެކްރެޓެރީންނަކީ، ސަރުކާރުގެ އޮފީސްތައް ވެރިއެއްގެދަށުން ހިންގާ އިސްފަރާތެވެ. މިހާާރުގެ ގޮތަށް ބަލާނަމަ، ޕީއެސްގެ މަޤާމެވެ.
އަޅުގަނޑު 1976 ވަނަ އަހަރު ސަރުކާރަށް ވަނީ 2 ނަންބަރު ކާތިބުކަމުގެ ސަނަދު ނަގައިގެންނެވެ. އެއްފަހަރާދެތިން އޮފީހަށް ސިޓީީލައިގެންނެވެ. ވަޒީފާ ލިބުނީ ޓެލެކޮމިއުނިކޭޝަން ޑިޕާރޓްމަންޓުންނެވެ. އަޅުގަނޑުގެ މަސްއޫލިއްޔަތަކީ ، ރާއްޖޭގެ އަތޮޅުތަކުންނާއި، ބޭރު ޤައުމުތަކުންއަންނަ މެސެޖްތައް، ވީހާވެސް އަވަހަކަށް އެފަރާތްތަކަށް ރައްދުކުރުމަށް މެސެންޖަރުންނާއި ޙަވާލުކޮށް، އެއެއްޗެތި ރައްދު ކުރެވޭގޮތް ބެލެހެއްޓުމެވެ. ދުވާލަކު އެތައްސަތޭކަ މެސެޖެއް އާދެއެވެ. މެސެޖްނަގަނީ ވަޔަރލެސް އޮޕަރޭޓަރުންނެވެ. މީ އިނގިރޭސި ސެކްރެޓެރީންފެންވަރުގެ ވަޒީފާ އެކެވެ. ޢިލްމީ ބައެއްގެ ވަޒީފާއެކެވެ.
އަޅުގަނޑުގެ ވަޒީފާއަކީ "ޑިސްޕެޗް ކްލާރކް" އެވެ. މިކަމަށް ވަރަށް ހަރުކަށި ޤަވާޢިދެއް އޮތެވެ. މެސެޖެއް ފޮނުވާންވާފަރާތް ނޫން އެހެން ފަރާތަކަށް ފޮނުވައިފިނަމަ، ފުރަތަމަ ފަހަރު -/1ރ ، 2 ވަނަފަހަރު، -/2ރު، 3 ވަނަފަހަރު، -/4 ރު. އިން، 4 ވަނަފަހަރު -/8ރު. އިން، 5 ވަނަ ފަހަރު، -/16 ރ. އިން ޖޫރުމަނާކުރުމަށްފަހު ކަނޑާލެވޭނެއެވެ. އަޅުގަނޑުގެ 3 އަހަރުގައި 1 މެސެޖް ފޮނުވުނެވެ.
މިދައްކަނީ ބޮޑުޤަވާއިދު ފޮތެއް އޮންނަ، މިހާރުގެ ނަމުންނަމަ، ސިވިލްސަރވިސް ގެ ވާހަކައެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ސިވިލްސަރވިސް ގެ މިޤަވާއިދު ފޮތަކީ، ބޭނުމެއްނެތް މާއްދާތައްގިނަ، ދެމީހަކަށް އެއްމާނައެއް ނުނެގޭނެ މާއްދާތައް ގިނަ، މާނަ އޮޅޭފަދަ ދިގު ޖުމްލަތައް ގިނަ، ޤަވާޢިދެކެވެ. ސިވިލް ސަރވިސް ހަރުދަނާކުރުމަށްޓަކައި މިޤަވާޢިދު ވަރަށް ސިމްޕަލް ކުޑަ ޤަވާޢިދަކަށް ހަދަން އެބަޖެހެއެވެ.
