2028 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަ ކުރައްވާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޟް މިހެން ވިދާޅުވެފައިވަނީ އެޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސް އެޕް ގްރޫޕަށް ހިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގްރޫޕަށް ކުރެއްވި މެސެޖެއްގައި ފައްޔާޟް ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާކަމަށާއި ހުރިހާ މީހުންވެސް ސަޕޯޓްކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް ޢިއުލާން ކުރައްވާފައިވަނީ ފައްޔާޟް އެކަންޏެވެ. މިދިޔަ އާދިއްތަ ދުވަހު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ, 2028 ވަނަ އަހަރު އިންތިޚާބުގައި ވާދަކުރައްވާނަންތޯ ސުވާލު ކުރުމުން އެމަނިކުފާނު އެކަމަށް ސާފު ޖަވާބެއް ނުދެއްވި ނަމަވެސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތާއި ކުރިމަގާ ބެހޭގޮތުން ޕާޓީގެ އިސްވެރިންނާ ވާހަކަދައްކަވާފައި ވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ނިންމުން އެއްވެސް ޝައްކެއް ނެތް މިންވަރަށް މިހާރު ޕާޓީގެ ލީޑާޝިޕަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ލީޑާޝިޕްގެ އިސްވެރިންގެ ތެރޭގައި ފަސް ބޭފުޅަކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ފަސް ބޭފުޅުންގެ ކިބައިން ޞާލިޙު އެދިވަޑައިގަތީ އަމިއްލަ ޝައުގުވެރިކަން އެކަމުގައި އޮތް ނަމަވެސް ޕާޓީއާއެކު ކުރިއަށް ވަޑައިގަތުމަށެވެ.
