މަސްތުވާތަކެތީގެ ވަބާއިން މުޅި ރާއްޖެ ސަލާމަތްކުރުމަކީ އެންމެ އިސްކަންދެއްވާ އެއް މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަލާމަތީ ޚިދުމަތްތަކުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖެ ސަރަހައްދުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެެވެ. މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އަޅުގަނޑުމެން އެއްމެ އިސްކަންދޭ އެއްކަންތައްކަމަށެވެ. އަދި ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މިދާއިރާއިން ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ލަންކާގެ އެ މަސްބޯޓު އަތުލައިގަތީ މަކުނުދޫ ބޭރުން ކަމަށެވެ. އަދި އެ ބޯޓުގެ މައުލޫމާތު އެނގުނީ ރޭ ދަންވަރު 12:45 ހާއިރު އެމްއެންޑީއެފުން ރިޕޯޓުކުރުމުން ކަަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވި ގޮތުގައި މިހާރު އެ ބޯޓު އޮތީ ހދ. ކުޅުދުއްފުށީގައި ބަނދަރުކޮށްފައެވެ. އަދި "އަށަންޕުތަ" ނަމަކަށް ކިޔާ އެ ބޯޓުގައި ތިބީ ފަސް ފިރިހެނުން ކަމަށާއި އެއީ ލަންކާ މީހުން ކަމަށް ސީޕީ މައުލޫމާތުދެއްވިއެވެ
