ދިވެހީން ދިވެހީންނަށް އަނިޔާވެރި ވަނީ ކީއްވެތަ؟

ފުން ނަޒަރިއްޔާތަކުން ވިސްނާލާއިރު ދިވެހީންނަށް އަނިޔާވެރި ކަމަށް ބުނެވިދާނެއެވެ. އަދި މިކަމަކީ މުޖްތަމަޢުގައި ވިސްނާލާ، ރަނގަޅުކުރަން ޖެހޭ މައްސަލައެއް ކަމަުގައި ވެސް ދެކެމެވެ. އަދި މިކަމަކީ ފަރުދީ ނަޒަރަކުން ބަލާ، އިޞްލާޙް ކުރެވިދާނެކަމެއް ކަމަށް ވެސް ދެކެމެވެ.

ވަޒީފާގެ މާޙައުލަށް ބެލިޔަސް، ދިވެއްސެއްގެ ގާތު، ދިވެއްސަކަށް އުޅެވެނީ، ނިސްބަތުން މަދު ބަޔަކަށެވެ. އިނގިލިތަކުން ގުނާލެވޭހާ މަދު ބަޔަކަށެވެ. މަސައްކަތް ދޭފަރާތާއި، ކޮށްދޭފަރާތުގެ މެދުގައި، އިތުބާރެއް ނުއުފެއްދެއެވެ. ދެފަރާތުންވެސް ކުރާ ޝަކުވާތައް ގިނައެވެ. ކޮންމެ މީހެއްގެ ގާތުވެސް އަނެކާ ކުށްވެރި އެވެ. ޖުމްލަކޮށް ކުރުކޮށް ބުނާނަމަ، އަނގަބަހުން ނަމަވެސް އެއްބަސްވެވޭ، އެއްބަސްވުމާ އެއްގޮތަށް މަސައްކަތުގެ މާޙައުލުގައި، ދެފަރާތުންވެސް ކަންތައްތައް ނުބަހައްޓަނީ އެވެ.

ނަތީޖާއެއްްގެ ގޮތުން ގެއްލިގެން ދަނީ ދިވެހީންގެ ވަޒީފާއެވެ. ދޭދޭ ފަރާތްތަކުގެ މެދުގައި އެތައް އަހަރެއްވަންދެން އޮތް ކުރީގެ ބަދަހި ގުޅުމެވެ. އިތުބާރުގެ ގުޅުންވެސް މެއެވެ.

މިވަކިވަކިވުމުގެ އަސަރު، ބައެއްފަހަރަށް ޢާއިލާގެ ތެރޭގައި ވެސް ނިމުމެއް ނެތް ގޮތުގައި ދެމިގެން އެބަދެއެވެ. މިގެއްލިގެންދާ އިތުބާރުގެ ސަބަބުން މިއަދު ފައިދާނަގަނީ ބޭރުގެ މީހުންނެވެ. ދިވެހީން ބިކަވަނީ އެވެ.

ޢާއިލީ ގުޅުންތައްވެސް ހަމަ މިފަދަ އެވެ. މިސާލަކަށް ޢާއިލާއަށް ފައިދާހުރި މަސައްކަތެއް ކުރުމުގެ ޚިޔާލެއް އުފެދިދާނެއެވެ. އެކަމުގެ ވާހަކަ ޢާއިލާގެ ތެރޭގައި ހިންގިދާނެއެވެ.

އެހެންނަމަވެސް ގިނަ ފަހަރަށް އާޚިރު ނަތީޖާއަކަށް ވަނީ، އެޚިޔާލަށް ތާއީދު ކޮށް، ޢަމަލީ ގޮތުން ބައިވެރިވާނެ ޢާއިލީ މެމްބަރަކު ނުލިބުމެވެ.

އެކަމަކީ، ކުރެވިއްޖެނަމަ، ކިތަންމެ ރަނގަޅު ކަމަކަށް ވިޔަސް، އަދި ކިތަންމެ ދަތިހާލެއްގައި އުޅެމުން ދިޔަނަމަވެސް، މިފަދަކަމެއް ކޮށްގެން ރަނގަޅު ނަތީޖާއެއް ނެރުމުގެ ވިސްނުމެއް، ނުއުފައްދާނެއެވެ. މަސައްކަތެއް ނުކުރާނެއެވެ. ކުރު ގޮތަކަށް ބުނާނަމަ ޢާއިލާގެ އެއްމެމްބަރަކުވެސް އަނެއް މެމްބަރަކަށް، އެއްވެސް ކަމެއްގައި ސަޕޯރޓެއް ނުދޭނެއެވެ.

ބޮޑެތި ޢާއިލާތަކެވެ. މިސާލަކަށް، އެންމެހާ އަޚުންނާއި އުޚުތުންގެ މައިންބަފައިން މުސްކުޅިވީ އެވެ. އެންމެން ގުޅިގެން މައިންބަފައިން ބެލުމުގައިވެސް އަޅާލުމެއް އެހީތެރިކަމެއް ނުދެވެއެވެ.

އެތަނުން އެކަކު ދެމީހަކު މައިން ބަފައިން ބެލުމުގައި ޙަވާލުވުމުންވެސް، އެހެން މީހުންނަށް އެލިބިގެންދާލުއި ފަސޭހަކަމުގެ ބޭނުންވެސް  ދެންތިބިމީހުން ހިފާކަށް ބޭނުމެއް ނުވެއެވެ. އެކަމެއް ކުރާމީހާ ކަންފަތިވެ ދާންވީ އެވެ.  ބޯލާކޮޅަށް ބަލާލަންވެސް ބޭނުން ނުވަނީ އެވެ.

ރަޙިމްގެ ގުޅުންވެސް ހަނދާންނެތި ކޮށްލަނީ އެވެ.

އެއްތަނެއްގައި ވަޒީފާ އަދާ ކުރާ މީހުންނަކީ، އެކަކު އަނެކަކަށް އެހީތެރިކަން ބޭނުންވާ މީހުންނެވެ. އެއްޓީމެއްގެ ގޮތަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އެހެންނަމަވެސް ރަނގަޅު އިތުބާރެއް، އެކެއްގެފަރާތުން އަނެކަކަކަށް އެހީތެރި ވުމެއް ދީީފާނެ ކަމުގެ ރަނގަޅު އިތުބާރެއް ޔަޤީންކަމެއް ނުދެވެއެވެ. ނޯވެއެވެ.

އަވަށްޓެރީންނަކީވެސް، މުހިއްމު ބައެކެވެ. ކަމެއްދަމެއް ބޮޑުވާއިރު އެންމެ ފަސޭހައިން އެކަކު އަނެކަކަށް ގޮވާލެވޭނެ މީހުންނެވެ. އެކަމަކު އެގާތްކަމެއް ނުބޭއްވެއެވެ.  އަވަށްޓެރިއަކު ހައްދާ ގަހެއް ހެއްދުމަށް ސަޕޯރޓެއް ދީ ބައިވެރިވެ ލުމެއްވެސް ނޯވެއެވެ. ވިސްނަމުންދާނީ، އެގަހެއް ހެއްދުނަ ނުދިނުމަށެވެ. ވިސްނައިދޭން މަސްކަތް ކުރާނީ ހެއްދުމުން ނުކުމެދާނެ ގެއްލުންތަކަށެވެ.

ނަތީޖާއަކީީ މުޅި ޤައުމު، އެކަކަު އަނެކަކަށް، އިތުބާރެއް ނެތް، ކަންނެތްކަމުގެ އިނގިލި ދިއްކުރާ ، އެކުވެރިކަމުގެ ގުޅުމެއްނެތް މުޖްތަމައެއްގެ ގޮތުގައި، އޮތުމެވެ.  ގުޅިގެން މަސައްކަތް ކުރުމުން ޤައުމަށް ލިބެން އަންނަ އިޖްތިމާޢީ ފައިދާތަކުން މަހްރޫމް ވުމެވެ. ފަރުދީ ޢާއިލީ  ކުރިއެރުންތައް، ދޮންފޫޑުވެފައިވާ، ކުރިމަރުވެފައިވާ ގަސްތަކެއްގެ ސިފާގައި އަހުރެމެންގެ ދިރިއުޅުން ދެމެމުން ދިއުމެވެ.

ދިރިއުޅުމުގެ ޙަޔާތުގައި ޙާޞިލްކުރެވޭނެ ކުރެވެން އޮތް އެތައްލަނޑު ދަނޑިތަކެއްހާޞިލް ނުވެ ދިއުމެވެ. ބޭރުމީހުންގެ މައްޗަށް ދިވެހީންގެ ހިތްތައް ލެނބި، ޤައުމުގައި ނަގާކިޔާބަޔަކަށް ބޭރުމީހުން ވެގެން ދިއުމެވެ.

އަހުުރެމެން އެންމެންނަކީ މުސްލިމުންނެވެ. އިސްލާމީ އެއް އުއްމަތެކެވެ. އެހެންނަމަވެސް އަހުރެމެންގެ ދިރިއުޅުމުގައި މިވަހްދަތެއް ނެތެވެ. މައިންބަފައިންނާއި ގުޅުމެއްނެތެވެ. ރަޙިމްގެ ގުޅުމެއް ނެތެވެ. އަވަށްޓެރީންގެ ގުޅުމެއްނެތެވެ. އެކުވެރިކަމުގެ ރޫޙެއް، ދިރިއުޅުމުގައި ކުރިއަރާދިއުމުގެ ރޫޙެއްނެތެވެ.

ދެވަނަ ވިސްނުމަކަށްބަދަލުވެ، މަސްއޫލިއްޔަތު އުފުލާ ޒިންމާދާރު ބަޔަކަށް ވަމާހިނގާށެވެ. މަސްއޫލިއްޔަތު އުފުލުމަކީ ޒިންމާދަރުވުމަކީ، އަޅުވެތިކަމުގެ ކަސްތޮޅުންނެއްޓި މިނިވަން ވުމެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *