ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިނިސްޓަރ ރަމީލާ އިސްތިޢުފާ ދެއްވައިފި

ޞިއްޙީ ޙާލުކޮޅު ހުރިގޮތުން، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑރ. ޢާއިޝަތު ރަމީލާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޑރ. ރަމީލާގެ އިސްތިއުފާ ގަބޫލްފުޅު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަލާސްކަންފުޅުގައި އުޅުއްވަމުންވެސް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން، މި ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް، ޑރ. ރަމީލާ ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރައްވާ ކަމަށެވެ.

އަދި ޑޮކްޓަރ ޢާއިޝަތު ރަމީލާ ފަދަ ހީވާގި، އަމާނާތްތެރި، ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވިކަމީ، އެ މަނިކުފާނު ނުހަނު އުފާފުޅުކުރައްވާ ކަމެއް ކަމަށާއި، ކުރިއަށް އޮތްތާނގައިވެސް ޑޮކްޓަރ ޢާއިޝަތު ރަމީލާގެ ޚިދުމަތް، ދިވެހި ޤައުމަށް ލިބޭނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި ބަޔާން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޑޮކްޓަރ ޢާއިޝަތު ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅުން ޑޮކްޓަރ ޢާއިޝަތު ރަމީލާއަށް އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި، އަދަށްވުރެ އުފާ ފާގަތި މުސްތަޤުބަލެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.

ޑޮކްޓަރ ޢާއިޝަތު ރަމީލާ ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަޤާމާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އެންޑް ފެމެލީގެ މަޤާމުވެސް އަދާކުރައްވާފައެވެ. ޑޮކްޓަރ ޢާއިޝަތު ރަމީލާ، ދިވެހި ސަރުކާރުގެ ޚިދުމަތް ފެއްޓެވީ 1990 ވަނަ އަހަރު، ނަރުހެއްގެ ވަޒީފާއިންނެވެ. ވޭތުވެ ދިޔަ 34 އަހަރުދުވަހުގެ ތެރޭގައި، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި ޚިދުމަތްތަކުގެ ދާއިރާގައިވެސް އެ ކަމަނާގެ ޚިދުމަތް ދިވެހި ޤައުމަށް ދިޔައީ ލިބެމުންނެވެ. އެކަމަނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގައި ޕީއެޗްޑީ ޙާޞިލްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމަށް ޑޮކްޓަރ ޢާއިޝަތު ރަމީލާ ޢައްޔަނު ކުރެއްވީ ނޮވެމްބަރ 17، 2023 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވާ ކުރެއްވުމަށްފަހު، އެ ރޭގެ ވަގުތެއްގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *