ޗައިނާ ސަރުކާރުން ކ.ގުރައިދޫ ކައުންސިލަށް 100 ސޯލާ މަގުބައްތި ހަދިޔާކޮށްފިއެވެ.
ޗައިނާ ސަރުކާރުގެ ފަރާތުން ހަދިޔާކުރި މަގު ބައްތިތަކަކީ، ޗައިނާގެ ސަފީރުގެ ޚާއްސަ އިސްނެންގެވުމަކަށް އެރަށަށް ހަދިޔާކުރެއްވި މަގުބައްތިތަކެކެވެ.
މަގުބައްތި ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ޗައިނާ ސަރުކާރުގެ ފަރާތުން މަގު ބައްތިތައް ހަވާލުކޮށްދެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގ ލިޒިންއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާއި ޙަވާލުވެވަޑައިގަތީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.
ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި މަގު ބައްތިތަކަކީ، ކ.ގުރައިދޫއަށް ކުރި ޒިޔާރަތެއްގެ ތެރެއިން ޗައިނާގެ ސަފީރުގެ ޚާއްސަ އިސްނެންގެވުމަކަށް އެރަށަށް ހަދިޔާކުރެއްވި މަގުބައްތިތަކެކެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގ ލިޒިން ވިދާޅުވީ، ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތީ ޒަމާންވީ ގުޅުމެއްކަމަށާއި، ޗައިނާއިން އަބަދުވެސް މަސައްކަތްކުރާނީ ދިވެހީންނަށް ބޭނުންވާ ލުއިފަސޭހަގޮތްތަކެއް ހޯދައިދިނުމަށްކަމަށެވެ.
