ތަހުގީގަށް ބޭނުންވާނެ ލިޔުމެއް އެނދިތޯ ބަލަން ހައިދަރުއާ ސުވާލު ކުރަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި "ބިންވެރިޔާ" ސްކީމްގެ ބޭރުން ގޯތިތަކެއް ދިން މައްސަލައިގައި ތަހުގީގަށް ބޭނުންވާނެ ލިޔުމެއް އެނދިތޯ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.

ހައިދަރު އާ ސުވާލު ކުރުމަށް މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

މީކާއިލް ހުށަހެޅުއްވި ސުވާލުގައި ވަނީ "ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ހަވާލުކުރަން މަސައްކަތް ކުރިކަން ހާމަވެފައިވާއިރު، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާނެ އެއްވެސް ލިޔެކިޔުމެއް ހައުސިން މިނިސްޓްރީ އަނދައި ދިޔުމުގައި ނެތިގޮސްފައިވޭތޯ؟" އެވެ.

"ބިންވެރިޔާ" ސްކީމްގެ ބޭރުން ގޯތިތަކެއް ދިން މައްސަލައެއް ފެންމަތިވެ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އިތުރުން ބޯޑު މެމްބަރުން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށައިފައެވެ.

އެ މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން (އޭސީސީ) އިން ވެސް މިހާރު ވަނީ ވަދެފައެވެ.

ސްކީމްގެ ބޭރުން ގޯތިތަކެއް ދިންކަން ފެންމަތިވެފައިވަނީ ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް އެޗްޑީސީން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް އާންމުވުމުންނެވެ.

އެ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ފަޒީލް ރަޝީދާއި އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކަށެވެ. އެޗްޑީސީން ފޮނުވި ސިޓީއާ ގުޅިގެން ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.

އޭގެ ފަހުން، ދެން ފެނިގެން ގޮސްފައި ވަނީ އެ ގޯތިތަކުގެ ވަށާ ފާރު ރާނާފައި ހުއްޓައެވެ. އެ ތަނުން ފަޒީލްގެ ގޯތީގެ ވަށާފާރު ވެސް ހަތަރު ފޫޓަށް އަރައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *