ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ފަހުރުވެރި ޗެމްޕިއަންކަން ބ. އޭދަފުށި ހޯދައިފިއެވެ.
މިރޭ ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި އައްޑޫ ސިޓީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ 2-0 ން ކުރި ހޯދައިގެންނެވެ.
މުބާރާތުގެ ފައިނަލާ ހަމައަށް އައްޑޫ ކުރި ދަތުރުގައި އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެ އެވެ. ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ކ. މާފުށި އަތުން އޭދަފުށި ބަލިވި އެވެ.
ގަލޮޅު ދަނޑުގައި އައްޑޫގެ ޓީމަކުން އޭދަފުށްޓާއި ދެކޮޅަށް މި ނުކުތީ 36 އަހަރަށް ފަހު އެވެ. މީގެ ކުރިން އޭދަފުށްޓާއި ދެކޮޅަށް ގަލޮޅު ދަނޑުގައި މެޗަކަށް ނުކުތީ 1988 ގަ އެވެ. ސ. ފޭދޫ ޓީމުން އޭދަފުށްޓާ ދެކޮޅަށް ކުޅުނު އެ މެޗު އޭދަފުށީން ކާމިޔާބު ކުރީ ވެސް 2-0 ންނެވެ.
އޭދަފުށިން މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުން ދިޔަ އިރު، އައްޑޫ ބޮޑަށް ކުޅުނީ ފަހަތަށް ޖެހިގެންނެވެ. އޭދަފުށިން އެޓޭކަށް ބޮޑަށް ސަމާލުކަން ދީގެން ކުޅެމުން ގޮސް، އައްޑޫގެ ފަހަތަށް ފުލުފުލުގައި ނުރައްކާ ކުރިއެވެ. މެޗުގެ ކުރީކޮޅުގައި ހަމްޒާ މުހައްމަދު (ހަމްޕު) އަރިމަތިން ނުރައްކާތެރި ގިނަ ހުރަސްތަކެއް ނަގަމުން ދިޔަ އިރު، އަލީ ފާސިރު (ސެންޓޭ) ކުރީކޮޅުގައި ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު އަތަށެވެ.
އޭގެ އިރުކޮޅެއްފަހުން އައްޑޫން ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި ނަމަވެސް، އޭދަފުށިން މެޗުގެ ކޮންޓްރޯލް ގެއްލުވާނުލާ ނުރައްކާކުރިއެވެ. ނަތީޖާއެއްގެ ގޮތުން، ފުރަތަމަ ހާފު ނިމެން ދަނިކޮށް އޭދަފުށި ވަނީ ލީޑު ނަގައިފައެވެ. އެއީ މެޗުގެ 39 ވަނަ މިނިޓްގައި ޖޯޒީ ނަމްބަރު 10 ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ކޯނަރަކުން ޖޯޒީ ނަމްބަރު 11 މުހައްމަދު ފާސިރު ބޮލުން ޖަހާ ގޯލުގެ ކަނަށް ފޮނުވާލި ހިތްގައިމު ގޯލަކުންނެވެ.
ފުރަތަމަ ހާފުގައި ބޮޑަށް ގޭމް ކޮންޓްރޯލްކޮށްގެން ކުޅުނީ އޭދަފުށިންނެވެ. އަދި އައްޑޫ ގޯލަށް އޭދަފުށިން ނުރައްކާތެރި ހަމަލާތަކެއް އަމާޒު ކުރިނަމަވެސް ކީފަރު ވަނީ ގިނަ ހަމަލާތައް ދިފާއު ކޮށްފައެވެ.
އައްޑޫ އަތުން ފުރުސަތުތައް ބޭކާރުވުމުގެ ފައިދާ މެޗުގެ ފަހު ވަގުތުގައި އަނެއްކާވެސް ނެގީ އޭދަފުށިންނެވެ. ފަހު ވަގުތު އޭދަފުށި މޮޅު ޔަގީންކުރި ގޯލު ޖެހީ އަލީ ފާސިރު އެވެ. އޭރިއާ ތެރެއަށް ވަދެ އައްޑޫ ޑިފެންޑަރު ނައްޓާލައިފައި އޭނާ ފޮނުވާލި ބޯޅަ ތިރިިތިރިން ގޯލަށް ވައްދާލީ ވަރަށްވެސް ފަސޭހަ ކޮށެވެ.
ދެޓީމުގެ ކުޅުންތެރިންވެސް މޮޅު ކުޅުމެއް ދެއްކި މި މެޗުގެ ދެވަނަ ހާފުގައި އައްޑޫ ސިޓީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެންދިޔައީއެވެ.
ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އަދި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިއު އާއި މިނިސްޓްރީގެ ބައެއް އިސް ވެރިންވެސް މިރޭގެ މެޗު ބައްލަވާލެއްވުމަށް ދަނޑަށް ވަޑައިގެންނެވިއެވެ. މިއީ ފަހުގެ ތާރީޚެއްގައި ގަލޮޅު ދަނޑު ފުރާލި ފުރަތަމަ މެޗެވެ.
