ކުޑަވެސް ޝައްކެއް ވަސްވާހެއް ނެތެވެ! ޒަމާނަކީ ނުހިނގައި ހުއްޓިފައި އޮންނާނެ އެއްޗެއް ނޫނެވެ! އެެހެނީ، ދުނިޔެ އިރުގެ ވަށައިގެން އޭގެ ފަލަކުގައި ހިނގަމުން ދައުރުވަމުން ދާތީއެވެ! އުޑުގައި ސާބިތުވެ ހުންނަ ނަކަތްތަކުގެ މަގުން ހިނގުމުގައި އެއް ފުނޯސް ނަކަތުން ފެށިގެން 27 ނަކަތަށްފަހު އަނބުރައި ފުނޯސް ނަކަތަށް އިޢާދަ ވެއްޖައުމާ ހަމައަށް ހިނގަހިނގާ ހުންނާތީއެވެ! އަދި ޤިޔާމަތާ ހަމަޔަށްވެސް އެ ހިނގުމުގައި މަޑުޖެހި ނުލާނެތީއެވެ.
ހަމަ އެފަދައިން އިރުގެ ވަށައިގެން ދުނިޔެ އެ ހިނގާ ހިނގުމުގައި ދުނިޔެ އޭގެ އަމިއްލަ ޖިސްމާއިގެން ފުރޮޅޭ ފުރޮޅުމުގައި ދުނިޔެ ބުރުއަޅާ 365 ބުރުގެ ހިނދުކޮޅުތައް ވަޒަންކޮށް މިންކުރުމަށްޓަކައި ސިކުންތުން، މިނެޓުން، ގަޑިން، ދުވަހުން، ހަފްތާއިން، މަހުން، އަހަރުން، ސާސަކަފަށް، ބަދަލުވެގެންދާ ދިއުމުގެ މިންވަރުތަކަށް ޖުމުލަކޮށް ޒަމާނޭ މިކިޔާ ހިނދުކޮޅުތަކުގެ ތެރޭގައި އިންސާނީ ޙަޔާތަށް ޠަބީޢީގޮތުން ބޮޑަތި ބަދަލުތައް ނައިހެއް ނުދެއެވެ. އެއީ، ކައުނީ ފިޠްރަތެވެ. ނުވަތަ ދެނެވޮޑިގެންވާ ކުޅަދުންވަންތަ ކަލާނގެ ކަނޑައަޅުއްވާފައިވާ ގޮތެވެ.
އެ ގާނޫނީ ތަރަހައިގެ އިމުގައި ގައުމުތަކުގެ ހާލަތުވެސް އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުވެގެންދާ ދިއުމުގައި އިންސާނީ ޖީލުތައްވެސް ބަދަލުވެގެންދާތީ އެ ބީދައިން ރާއްޖޭގެ ކަންތައްތައްވެސް ބަދަލުވެ ކަންކަމަށް ބޮޑަތި ތަފާތު ނައިހެއް ނުދާނެކަމީ ޤަބޫލުކުރާންޖެހޭ ޙަޤީޤަތެކެވެ.
ކަން ހުރީ އެފަދައިންކަމަށް ވިޔަސް، ގައުމުގެ ކަންތަކުގެ ތެރޭގައި އެއްގޮތަކަށްވެސް ބަދަލުވެގެން ދިޔަނުނީ ހިފަހައްޓާންޖެހޭ އަސާސީ ކަންތައްތަކެއް އެބަ ހުރެއެވެ. އެކަންކަން ބަދަލުވެއްޖެ ނަމަ އެގައުމެއް އެވަނީ އެބައެއްގެ އެބައެއްވަންތަކަން މުޅިން ބަދަލުވެގެން ގޮސްފައެވެ.
އެހެންކަމަށްވާތީ އެފަދަ ކަންކަން ޒަމާނާއެކު ބަދަލުވެެގެން ދިޔަނުދީ ހިފެހެއްޓުމަކީ ގައުމުގެ ހަމަ ކޮންމެ ފަރުދެއްގެ މައްޗަށްވެސް ލާޒިމުވެގެންވާ ކަންކަމެވެ. އެފަދަ ކަންތައްތައް ދެނެގަނެ އެހެން މީހުންނަށް އަންގައިދީ ވިސްނައިދީ އަދި އެކަންތައްތަކުގެ މައްޗަށް ހޭލުންތެރި ކުރުވާން ޖެހެއެވެ. އެކަންކަމުގެ މައްޗަށް ތާއަބަދު ފާރަވެރިވެ ނުތިބެވިއްޖެނަމަ ގައުމުގެ އެބައެއްވަންތަކަން މުލުން ލުހި ނެތިގެންދާނެއެވެ. ގައުމު ބަދަލުވެ މުޅިން އެހެންބައެއްވަންތަ ބަޔަކަށް ބަދަލުވެގެން ދާނެއެވެ.
އެބާވަތުގެ ކަންތައްތަކުގެ ތެރެއިން އެންމެ އިސްކަންތައްތަކެއްގެ ގޮތުގައި އެބައެއްގެ ބަހާއި އާދަކާދަޔާއި ސަގާފަތު ހިމެނޭކަން ދަންނަން ޖެހެއެވެ.
މިއަދު މިގައުމުން ވަރަށް ބާރު އިސްޕީޓެއްގައި އެކަންތައްތައް ބަދަލުވަމުން ނެތެމުން ދާކަން ދެނެގަންނަން ޖެހިއްޖެއެވެ.
އެހެން އެކަން ވެގެން އެދަނީ ޒަމާނުގެ ކޮންމެވެސް ހިސާބަކުން އެކަންކަމުގެ މައްޗަށް ވެވިފައިވާ އިހުމާލުވުމެއް ދިގުދެމިގެން ދާތީއެެވެ. މިހާރު އަހަރެމެންގެ ހުރިހައިކަމެއްގެ 60 އިންސައްތަ ބަދަލުވަމުންގޮސް މުޅީން އެހެންބައެއްވަންތަ ބައެއްގެ ގޮތަށް ބަދަލުވެފައި ނުވެއެކޭ ބުނެވޭކަށް ނެތެވެ.
ތެދެކެވެ! އަހަރެމެންގެ މިއަދުގެ ހަގު ޖީލުތަކަށް ދިވެހިބަހުން ދައްކާ ހުރިހައި ވާހަކައެއް ރަނގަޅަކަށް ދޭހައެއް ނުވެއެވެ. އިނގިރޭސި ބަހުން ބުނެދީގެން މެނުވީ މޭރުމެއްވެސް ނުވެއެވެ.
ދިވެހީން އެކަންކަމުގެ މަތީގައި ދެމިތިބި ކަންތައްތަކުގެ އެނގުމެއްވެސް ނެތެވެ. އޮޑިއެއް އޮޑިވަޅެއް ނޭނގެއެވެ. ހަރެއް ހަރުގަނޑެއް ހަރުގެއެއް އޮޑިހަރުގެއެއް ނޭނގެއެެވެ. ތިލޯއްޓެއް މުންޑާމެއް ނޭނގެއެވެ. އެންއޮޑިއެއް ހުސްއޮޑިއެއް ނޭނގެއެވެ. އެންކޮޑިއެއް އެންވައްޓެއް ނޭނގެއެވެ. ފައްޔެއް ޅާނބެއް މެއްކެއް ނޭނގެއެެވެ. ފާއެއް އުނގުރިއެއް ކޮޅުއުނގުރިއެއް މަސްއުނގުރިއެއް ނޭނގެއެވެ. ވަތެއް މަސްވަތެއް ކޮޅުވަތެއް ނޭނގެއެވެ. ބުޑުވަކެއް ވައްކޮރެއް މަސްކަނދެއް ނޭނގެއެވެ. ހަންޖާއެއް ސަވާއެއް ނޭނގެއެވެ. ކަތްޕެއް ކުނބެއް ސާމޯރެއް ނޭނގެއެވެ. ފަރުމާނެއް ދަންމާނެއް ނޭނގެއެެވެ. އިންނަފަތެއް ސާރިއިންނަފަތެއް ނޭނގެއެވެ. ހުންގާނެއް ހުންގާނުދޫންޏެއް ނޭނގެއެވެ. ދިރުނބާކޮޅެއް ކޮޅުފަސްކޮޅެއް ނޭނގެއެވެ. ދޯންޏެއްގެ ބައްތެއްޔެއް ބޮއްކުރައެއް ވަކުކުރާކަށް ނޭނގެއެވެ. މާވަނިކިބައެއް ކުޑަވަނިކިބައެއް ނޭނެއެވެ. ނިއުޅުން ކުރުމެއް ދިހަމޮހުމެއް ނޭނގެއެވެ. ނެރެއް ނެރުހެރިއެއް ކަނޑިންމައެއް ނޭނގެއެވެ. ރިޔަލެއް ފަންރިޔަލެއް ހަމަރިޔަލެއް ނޭނގެއެވެ. މިސްރާބެއް ދިމަދިމާއެއް ބިތްބިތެއް ނޭނގެއެވެ. ހިރިއެއް ގިރިއެއް ނޭނގެއެވެ. ހަލެއް ފަލެއް ނޭނގެއެވެ. ފަޅެއް ތިލައެއް މާޑެއް ނޭނގެއެވެ.
ހަމައެހެންމެ މޫސުމެއް ނަކަތެއް، ވައެއް ވައިނަގުލެއް ނޭނގެއެވެ. އޮއެއް އޮއިވަރެއް ވަވޮއެއް ފުޅޮއެއް ނޭނގެއެވެ. ވިލާގަނޑެއް ކޮޅިގަނޑެއް ކޮއްބޯއެއް ވިލާދުންޏެއް ވިލާރޮއްޖެއް ނޭނގެއެވެ. ކަނޑެއް ކަނޑުއޮޅިއެެއް ނޭނގެއެވެ.
މިކަންކަން މިމަގަށް ހުރިއިރު، އެންހިފާ ހާހަލާއި ހާހަލުން އެންހިފާ ގޮތްތަކެއްވެސް ޒުވާން ޖީލުތަކަށް ފޯރުކޮށެއް ނުދެވެއެެވެ. މިއަދު އެކަންކަން އެނގެމުން ދަސްވަމުންދަނީ މުޅީންވެސް ބޭރުމީހުންނަށެވެ. ދޯންޏެއްގެ ހުންގާނުގައި ހިފައިގެން އެތެރެވަރިއާއި ދެއަތޮޅެއްގެ ދޭތެރޭގައި ދަތުރުކުރެއް ކުރާންވެސް އެނގެމުންދަނީ ބޭރުމީހުންނަށެވެ. ހަމައެފަދައިން ދަތުރު ކުރާއިރު ފެންނަ އަތޮޅުތަކާއި ރަށްރަށާއި ފަޅުފަޅާއި ފަރުފަރާއި ގިރިގިރިއާވެސް އެނގެމުންދަނީ ބޭރުމީހުންނަށެވެ. ދިވެހީންކުރާ ދޮށީގެ މަސްވެރިކަމާއި ނަނުގެ މަސްވެރިކަންވެސް އެނގެމުންދަނި ބޭރުމީހުންނަށެވެ.
ރާވެރިކަން ކުރާންވެސް އެނގެމުންދަނީ މުޅީންވެސް ބޭރުމީހުންނަށް ކަމަށް ވެއްޖެއެވެ. ރުއްރުކަށާއި ގަސްގަހަށް އަރައި އަޅައި ކަނޑައި ހަދާންވެސް އެނގެމުންދަނީ ބޭރުމީހުންނަށް ކަމަށް ވެއްޖެއެވެ.
ސުބްޙާނަﷲ އެވެ! މިރާއްޖޭގެ ކަންތައްތަކުގެ ތެރެއިން ބޭރުމީހުން ލައްވައި ކުރުވައިގެން ނުވާނޭ ކަންތައްތައްވެސް އެބަ ހުންނާން ޖެހެއެވެ. އެފަދަ ކަންކަމަކީ ޤާނޫނަކުންވެސް މަނާކުރެވޭންޖެހޭނެ ކަންކަމެވެ.
އެއްގޮތަކަށްވެސް އެއިން ކަމެއް ބޭރުމީހުންނަށް އެނގިގެނެއް ނުވާނެއެވެ. އަންގައިގެންވެސް ނުވާނެއެވެ. އެފަދަ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ އެތެރެވަރިއާއި އަތޮޅުތަކުގެ މެދުގައި ދަތުރު ކުރުން ހިމެނެއެވެ. އެކަންކަމުގެ އާޖުފާޖުވެސް ބޭރުމީހުންނަށް އެއްގޮތަކަށްވެސް އެނގިގެނެއް ނުވާނެއެވެ. އަންގައިދީގެނެއްްވެސް ނުވާނެއެވެ.
އެކަމަކު އެކަންކަމާމެދުގައިވެސް މިއަދު އަހަރެމެން މިތިބީ ޒާތަކަށް ޣާފިލުވެ ނިދާފައެވެ. ބޭރުމީހުންކުރެ ބައެއް މީހުން އެކަންކަން ހިތުދަސްވެސް ކޮށްފިއެވެ.
އެއިންކަމެއް އަހަރެމެންގެ ފަހުގެ ޖިލުތަކަށް އަންގައެއްވެސް ނުދެވެއެވެ. އަންގައިދޭން ޖެހޭކަމާއި އޭގެ ސަބަބާމެދު ވިސްނައިގަންނާން އެނގޭ ބަޔަކުވެސް އަހަރެމެންގެ ކަންކަމާ މަތިވެފައި ނެތީއެެވެ.
ހަމައެކަނި ދުނިޔޭގެ ނަންމަޝްހޫރު ސަނަދުތަކެއް ޙާޞިލުކޮށްގެން އޮފީސް އޮފީހުގެ މޭޒުމޭޒު ދޮށުގައި ތިބެގެން ކުރެވޭ ކަންކަމުން ދިވެހި ގައުމު ދިވެހި ގައުމުގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި އަހަރެމެންގެ އައުޖީލުތައް ބިނާ ކުރެވޭނެނަމަ އަހަރެމެން ދިވެހީން ތިބީހީ ދިވެހި ވަންތަކަމުގައި ދެމިތިބި ބައެއްގެ ގޮތުގައިކަމަށް ނުވީސް ހެއްޔެވެ؟
މިހިރީ ޒަމާން ފުރޮޅޭ ފުރޮޅުމުގެ މައްޗަށް ވިސްނައި ހޭވެރިވެ ނުތިބެވޭކަމުން އަހަރެމެން ދިވެހި ވަންތަކަމާ ފެޔަށް ޖެހެވެމުންދާ މިންވަރެއް ނޫންހެއްޔެވެ؟
އެޒާތަށް ފުރޮޅިގެންދާ ނުރަނގަޅު އަނެއްކަމަކީ، ބޭރުން އައިސްތިބޭ މީހުންނަށް ފުރަތަމަ ކޮޅުގައި އަހަރެމެންގެ ބަސްނޭނގޭތީ އެމީހުން ދިވެހިބަހުން ވާހަކަދައްކާއިރު ވާހަކަދެއްކޭ އުނިގޮތްތައް އަހަރެމެން ދަސްކޮށްގެން އެގޮތަށް އެމީހުނާ ވާހަކަދައްކާ ދެއްކުމެވެ.
އޭގެ ގެއްލުމަކީ، އުނިގޮތްގޮތަށް އަހަރެމެން ބޭރުމީހުންނާ ދައްކާ ވާހަކަ އަޑުއިވޭ ހިސާބުގައި ތިބޭ އަހަރެމެންގެ ޅަދަރީންނަށް ދިވެހިބަސް ދަސްވަނީ އަހަރެމެން ބޭރުމީހުން ވާހަކަދައްކާ އުނިގޮތަށް ކަމުގައިވާކަމެވެ. ބޭރުމީހުންނާ އަހަރެމެން އެ އުނިގޮތަށް ވާހަކަ ދެއްކީމާ އޭގެ ނޭދެެވޭ އަސަރު އަހަރެމެންގެ ޅަދަރީންނަށް ފޯރާކަން ވިސްނާ އެކަކުވެސް ނެތެވެ.
ވިސްނޭ ގޮތުގައި ފުރިހަމަ ދިވެހިބަހުން ބިދޭސީންނާ ވާހަކަ ދައްކާނަމަ ދައްކަންވާނީ ދިވެހިބަހުގެ ހަމަތަކާ އެއްގޮތަށް ކަމުގައި ހަދާން ޖެހޭނެއެވެ. އެކަމަކީ އެފަދައިން ކުރުމަށް ޤާނޫނަކުން ލާޒިމުވެސް ކުރާން ޖެހޭފަދަ ކަމެކެެވެ.
ބިދޭސީންނާ ދިވެހިބަހުގެ ހަމަގޮތަށް ވާހަކަ ދައްކާނަމަ އެމީހުންނަށް ދިވެހިބަސް ދަސްވާނީ ދިވެހިބަހުގެ ފުރިހަމަ ގޮތަށެވެ. އެއީ، ދިވެހިބަހަށް ލިބޭ ކިހައިބޮޑު ކުރިއެރުމެއް ތޯއެެވެ.
އާދޭހެވެ! އެއީ، ދިވެހި ބަހަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ނުވެއެެއް ނުދާނެއެވެ! ސަބަބަކީ، އެތައްހާސް ބިދޭސީންނަށް ރަނގަޅު ގޮތަށް ދިވެހިބަސް ދަސްވުމެވެ.
އެހެން ވެއްޖެނަމަ ދުނިޔޭގެ އެހެން ބައެއްގެ ތެރެއަށް ދިވެހިބަސް ފެތުރިގެން ދާނެއެވެ. އެހެން އެކަން ވަމުންދާނަމަ ދިވެހިބަސް މަރުވެ ނެތިގެންދިއުމަށް ކުރިމަތިވެފައިވާ ބިރުވެރިކަންވެސް ނެތިގެން ދިއުމުގެ ސަބަބަކަށްވެސް އެކަން ވެގެން ދާނެއެވެ.
އަހަރެމެންނަށް އިނގިރޭސިބަސް ފިޔަވައި ސިންގަޅަ، ތަމަޅަ، ހިނދީ، އުރުދޫ، ދަސްވެފައިވާ ފަދައިން، މިސަރަހައްދުގެ މީހުންނަށް ދިވެހިބަސް ދަސްވުމުގެ ސަބަބުން ދިވެހިބަހަށް އައު ދިރުމެއް ލިބި ދިވެހިބަސް ދިރިގެން ދިއުމަކީ، ރާއްޖޭގައި އުޅޭ ބޭރުމީހުންނާ ވާހަކަ ދެއްކުމުގައި ދިވެހިބަހުގެ ހަމަގޮތްތައް އަހަރެމެން ހިފަހައްޓައިފިނަމަ ވަރަށް ފަސޭހައިން ޙާޞިލުވެދާނޭ ލަނޑުދަނޑިއެކެވެ.
އެކަމަކު، ކުރާނީ ކީއްތޯއެވެ؟ ގައުމު އަމިއްލަ ވަންތަކަންމަތީގައި ދެމެހެއްޓުމަށްޓަކައި ހިފަހައްޓާންޖެހޭ އަސާސީ އެތައްކަމެއް މިއަދު އަހަރެމެންގެ ކިބައިން ފިލައި ނެތިގެން ދިއުމުގެ އިތުރުން، އަހަރެމެންގެ ހުރިހައިކަމެއް ބޭރުމީހުންގެ އަތްމައްޗަށްގޮސް ނިމެނީކަންވެސް ފިކުރެއްކޮށް ދެނެގަނެ އެފަދަ ނޭދެވޭ ކަންތައްތަކުގެ ގެއްލުންތަކުން ގައުމީ ސަލާމަތަށާއި ގައުމިއްޔަތަށާއި ގައުމަށް ފޯރާނެ ނުރައްކާ ތަކުން ގައުމު މިންޖުކުރާނެ ފަރާތެއް އަދިއެއް ފެންނާކަށް ނެތެވެ.
މުޅި ގައުމު އޮތީ ސިޔާސީ ތަޢައްޞުބުގައި ޣަރަޤުވެފައެވެ. ސިޔާސީ ވެރީން ދެކެނީ އެމީހުންގެ ގައުމީ ވާޖިބަކީ، އިދިކޮޅު އަނެއް ޕާޓީއެއްގެ މީހުން ބަދުނާމުކޮށް އާންމުންގެ މެދުގައި އެމީހުންގެ މަޤްބޫލުކަން ނަގައިލެވޭނޭ ގޮތްތައް ސައްލާކޮށްގެންވެސް ހޯދުމާއި އެކަންކަން ކުރުން އެކަނި ކަމުގައެވެ.
އެއީ، ވަރަށް ވެސް ދެރަކަމެކެވެ. އެންމެ އިސް އެއްޗަކަށް ވާންޖެހެނީ ގައުމެވެ. އެންމެ އިސް ކަންތައްތަކަކަށް ހަދާން ޖެހެނީ ގައުމީ ކަންތައްތަކެވެ.
މިފަދަ ކަންތައްތަކުގެ މައްޗަށް ވިސްނައި ގައުމަށް އިޚްލާޞްތެރި ވެވިއްޖެނަަމަ، އަހަރެމެނީ ޒަމާނީ އޮއިވަރާ ބެހިގެން ނުގޮސް، އެހެންބައެއްވަންތަ ބަޔަކަށްވެސް ނުވެ، ދިވެހީންގެ ކިބައިގައި އިހަށް ހުރި، ރިވެތި އާދަތަކާއި އަޚްލާޤާއި ދިވެހިވަންތަކަންމަތީގައި ތިބޭ ބަޔަކަށް ނުވެއެއް ނުދާނެއެވެ.
އަދި ދިވެހި ގައުމުގެ ތަޢުލީމީ ބިންގާ އެކަންކަމުގެ މައްޗަށް ބައްޓަންވާނޭހެން ނާޅައެއްވެސް ނުތިބޭނެއެވެ.
އެޑިޓަރުގެ ނޯޓް:
ޢަބްދުﷲ ރަޝީދު އަދަބީ އެކި ރޮނގުތަކުން ފަސޭހަކަމާ އެކު ލިޔުއްވައެވެ. އޭނާއަކީ، މޮޅު ޅެންވެރިއެއް ވެސް މެއެވެ. ޚާއްސަކޮށް ދިވެހިރައިވަރުގެ ހަމަތައް ހެޔޮ ގޮތުގައި ދަމަހައްޓަން ބާރު އަޅުއްވައި އޭގެ ރާގުތައް އާންމުކުރައްވަން ގިނަގުނަ މަސައްކަތް ކުރައްވައެވެ. ޅެމުގެ އެކި ވައްތަރުތަކާއި ރައިވަރު ކޮންމެ މައުޟޫޢަކަށް ވެސް ފަސޭހަކަމާ އެކު ހައްދަވައެވެ. ޢަބްދުﷲ ރަޝީދަކީ އެކި މައުޟޫޢުތަކަށް މޮޅަށް ލިޔުއްވާ ލިޔުންތެރިއެއް ވެސް މެއެވެ.
