ސިޔާސަތުތައް ބައްޓަންކުރާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވަން: ރައީސް

ދައުލަތުގެ ސިޔާސަތުތައް ބައްޓަން ކުރަން ސަރުކާރުން އިސްކަންދޭނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމާއި، މުޖުތަމައުގައި އެފަދަ ފަރާތްތަކުގެ ދައުރު އިތުރުކުރުމާއި، ކަރާމާތްތެރިކަމާއެކު ދިރިއުޅުމަށް އެހީތެރިވެވޭގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ބްރެއިލް ދުވަސް ފާހަގަކުރުމުގެ ގޮތުން، މިއަދު އާންމުކުރެއްވި މެސެޖެއްގައެވެ.

‎މިމެސެޖުގައި، ބްރެއިލްގެ އީޖާދީ، އިންޤިލާބީ ބަދަލާއެކު ލޮލަށް ފެނުމުގައި ދަތިކަންހުންނަ ފަރާތްތައް ބާރުވެރިކުރުމުގައި ބްރެއިލް އަދާކުރި މުހިންމު ދައުރަށް އެމަނިކުފާނު ވަނީ އަލިއަޅުއްވައިލައްވާފައެވެ. އަދި، ބްރެއިލަކީ އެފަދަ ފަރާތްތަކަށް މުޖުތަމަޢުގައި ކުރިމަތިވާ ހިރާސްތައް ނައްތާލުމަށް ލިބުނު ބާރުގަދަ ވަސީލަތެއް ކަމަށާއި އޭގެ ސަަބަބުން، އެފަދަ ފަރާތްތަކަކީ ޤައުމީ ތަރައްޤީގައި ފުރިހަމަ ބައިވެރިންނަށް ވެގެންދާކަަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ލޮލަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައިވެއެވެ.

‎ރައީސުލްޖުމްހޫރިއްޔާ ވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ޚިދުމަތްތަކާއި ވަޞީލަތްތައް ފަރުމާކޮށް، ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ކޮންމެ ޤައުމެއްގެވެސް އަސާސީ ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ. އަދި، މިއަދުގެ ސަރުކާރަކީ މުޖުތަމަަޢުގެ މިފަދަ ޒަރޫރީ ބޭނުންތަކަށް ރިޢާޔަތްކޮށް، ސިޔާސަތުތައް ތަންފީޒުކުރަމުންދާނޭ ސަރުކާރެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމާއި، މުޖުތަމައުގައި އެފަދަ ފަރާތްތަކުގެ ދައުރު އިތުރުކުރުމާއި، ކަރާމާތްތެރިކަމާއެކު ދިރިއުޅުމަށް އެހީތެރިވެވޭގޮތަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަށްކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެކަން ތަކުރާރުކުރައްވަމުންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *