އަލަށް ޙައްޖުވާ މީހުންނަށް އިސްކަންދޭ ގޮތަށް އުސޫލު ބަދަލުކުރަން ނިންމައިފި

ފަރުޟު ޙައްޖުނުވާ މީހުންނަށް އިސްކަން ދޭ ގޮތަށް އުސޫލަށް ބަދަލުގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

އެ މަނިކުފާނު މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިހާރު މީހުން ޙައްޖަށް ގެންދަނީ ފައިސާ ދައްކާ ތަރުތީބުންނެވެ. އެކަމަކު، އެ އުސޫލު އަންނަ އަހަރުން ފެށިގެން ބަދަލުކޮށް، ފަރުޟު ޙައްޖުނުވާ މީހުންނަށް އިސްކަންދޭ ގޮތަށް އުސޫލު ބަދަލުކުރަން ރައީސް ވަނީ ނިންމަވައިފައެވެ.

އުސޫލަށް ގެނައި މައިގަނޑު ބަދަލުތަކަކީ:

  • އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން.
  • ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހުންގެ ތެރެއިން ޢުމުރުން 65 އަހަރުން ފެށިގެން މަތީގެ މީހުންނަށް ކޮންމެ އަހަރަކު ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ޚާއްޞަކުރުން
  • ފަރުޟު ޙައްޖުވެފައިވާ މީހުންނަށް ދެން ފުރުސަތު ލިބޭނީ އެންމެ ފަހުން ޙައްޖު ވިތާ ހިޖުރީ ސަނަތުން ފަސް އަހަރުވުމުން

އެކަމަކު، ޙައްޖު ކޯޕަރޭޝަނުން ޙައްޖު ޚިދުމަތްތެރީންގެ ގޮތުގައި ގެންދާ މީހުން އެ ހާލަތްތަކުން އިސްތިސްނާ ވާނެއެވެ.

މީގެ އިތުރުން، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ޢުމުރުން 75 އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ މީހުންނަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދޭން ވެސް ވަނީ ނިންމާފައެވެ. ނަމަވެސް، އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ލިސްޓުގައި އާއިލާ މީހަކު ހިމެނޭ ނަމަ އެ މީހެކެވެ. އެ ނޫން މީހަކު ގެންދާނަމަ ގެންދަން ޖެހޭނީ އަލަށް ޙައްޖުވާ މީހެކެވެ. ކުރިން ޙައްޖުވެފައިވާ މީހަކު ގެންދެވޭނީ އެ ނޫން ހާލަތެއް ނެތް ނަމައެވެ.

ރައީސް އޮފީހުން ބުނީ، ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ފަރުޟު ޙައްޖު ކުރުމުގެ އިންތިޒާރުގައި ތިބި ފަރާތްތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ އިތުރުކުރަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *