ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ އިދާރާ އިން ރީނދޫ ސަމާލު ނެރެފައި ވަނީ ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.
މި ސަމާލު ނެރެފައި ވަނީ މިއަދުގެ 11:30 އިން ފެށިގެން މެންދުރު ފަހު 15:30 އަށެވެ.
އެގޮތުން ހަވީރު 5:30 އާ ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ނެރުނު ރީނދޫ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރުނު އިރު، ހަވީރު 4:00 އާ ހަމައަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް އޮތީ ހުދުސަމާލު ވެސް ނެރެފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު މޫސުން ގޯސްވެފައިވަނީ ރާއްޖެއާ ކައިރި ހިސާބެއްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މި ކޮޅިގަނޑާ ގުޅުންހުރި ވިއްސާރަ ވިލާތައް ރާއްޖޭގެ ސަރަހައްދަށް މަޑުމަޑުން މިހާރު އަރަމުންދާ ކަމަށެވެ.
މެޓް އިން ވަނީ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މާލޭގެ ވަރަށް ގިނަ ގެތަކާއި ފެން ވަންނާނެ ކަމަށް ލަފާކުރެވޭ އިމާރާތްތަކުގައި ވަނީ ވެލި ބަސްތަތާތައް ވެސް ޖަހާފައެވެ. އަދި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް ވަނީ ޓާސްކްފޯހެއް ވެސް އުފައްދާފައެވެ.
