އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވާ ޑޮނަލްޑް ޓްރަމްޕް ކުރައްވައިފިއެވެ.
ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އެމެރިކާގެ ކެޕިޓޮލް ރޮޓަންޑާގައެވެ. އެ ރަސްމިއްޔާތުގައި އެމެރިކާގެ ކުރީގެ ރައީސުންނާއި، ކެބިނެޓް މިނިސްޓަރުންގެ އިތުރުން އެހެން ބައެއް އިއްޒަތްތެރިންވެސް ބައިވެރިވެވަޑައިގަތެވެ.
ޓްރަމްޕްގެ އިތުރުން ނައިބު ރައީސް ޖޭޑީ ވާންސް ވެސް ވަނީ މަގާމުގެ ހުވާކުރައްވާފައެވެ.
އެމެރިކާގެ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އާންމު ގޮތެއްގައި ބާއްވަނީ ކެޕިޓޮލްގެ ބޭރުގައި ނަމަވެސް، މިއީ 40 އަހަރަށް ފަހު ކެޕިޓޮލް އެތެރޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. އެ ބަދަލު ގެނެސްފައި ވަނީ މިއަދު ވޮޝިންޓަންގައި އާދަޔާ ޚިލާފަށް ފިނި ވާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވުމުންނެވެ.
2020ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސްކަމުގެ އިތުރު ދައުރަކަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް އެންމެ ފަހުގެ އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދަވައި އައު ދައުރެއް ޓްރަމްޕް ޔަޤީންކުރެއްވީ ކުރިއަށްވުރެ ވަރުގަދަ ކޮށެވެ. 2021ވަނަ އަހަރު ވައިޓް ހައުސް ދޫކުރައްވާ ވަޑައިގަންނަވަމުން ޓްރަމްޕު ވިދާޅުވި ބަސް މިއަދު އިވޭ ކަހަލައެވެ. ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހުނު ނަމަވެސް ހިތްވަރު އެލުވާ ނުލައްވައި އެ ދުވަހު ޓްރަމްޕް ވިދާޅުވީ އޭނާ ފެެއްޓެވި މަސައްކަތް އަދި ނިމުމާ ގާތް ވެސް ނުވާ ކަމަށެވެ. އެ ކަން މިއަދު އޭނާ އެ ދަނީ ސާބިތު ކޮށްދެއްވަމުންނެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރު ނިމިގެން ދިޔައީ ދެރަވަރު ގޮތަކަށެވެ. އޭރު އޭނާ ވަނީ ސިޔާސީ މަސްރަހުން ބާކީ ކޮށްލައި އޭނާގެ އަމިއްލަ ޕާޓީން ވެސް އެކަހެރި ކޮށްލައިފައެވެ. މީސްމީޑިޔާ ޕްލެޓުފޯމްތައް ބޭނުންކުރެއްވުން މަނާކުރުމުގެ އިތުރުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުން ވެސް ދިޔައީ އޭނާ މަޤާމުން ދުރު ކުރުމަށް އައު ހިތްވަރަކާ އެކު މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއަދު މި ވަނީ ޙާލަތު މުޅިން ބަދަލުވެފައެވެ. އުމުރުން 78 އަހަރުގެ ޓްރަމްޕް އައު ދައުރެއްގެ ހުވައި ކުރެއްވީ ކުރިއަށްވުރެ ބޮޑު ސިޔާސީ ރައުސުލްމާލަކާ އެކުގައެވެ. އޭނާއަކީ 21ވަނަ ޤަރުނުގެ އެންމެ ފާހަގަ ކޮށްލެވޭ ސިޔާސީ ޝަޚުސިއްޔަތު ކަމާމެދު ޝައްކެއް ނެތެވެ. ކުރިން ވެރިކަމަށް ވަޑައިގެންނެވި ގޮތާ ޚިލާފަށް އައު ދައުރު އޭނާ ކާމިޔާބު ކުރެއްވީ މަޤުބޫލު ވޯޓުގެ އިތުރުން އިލެކްޓޯރަލް ކޮލެޖުގެ އަޣުލަބިއްޔަތު ވެސް ހޯއްދަވައިގެންނެވެ. ރިޕަބްލިކަން ޕާޓީން ވެސް ވަނީ އެ ޕާޓީގެ މައި ލީޑަރުގެ ގޮތުގައި އޭނާ ބަލައިގެންފައެވެ. ޕާޓީ ތެރޭގައި ތިބި އޭނާއަށް ފާޑު ކިޔާ މީހުންގެ އަޑު މަޑުވެ މިއަދު ގުގުމާލަމުން ދަނީ އޭނާގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ހިތްވަރު ދީ އެހީތެރިވާން ތައްޔާރަށް ތިބި މީހުންގެ އަޑެވެ.
ޓްރަމްޕްގެ އާރާއި ބާރުގެ ފަހަތުގައިވާ އަސްލަކީ ވޮޝިންގޓަންގެ މައްޗަށް އޮތް އޭނާގެ ބިޔަ ނުފޫޒެވެ. ސުޕްރީމު ކޯޓުގައި ތިއްބެވި ފަނޑުޔާރުންގެ ތެރެއިން ތިން ބައިކުޅަ އެއް ބަަޔަކީ ޓްރަމްޕް ޢައްޔަނު ކުރައްވާފައިވާ ފަނޑިޔާރުންނެވެ. އެހެން ކަމުން ސުޕްރީމު ކޯޓު ވެސް އޮތީ ޓްރަމްޕަށް ލެނބިފައެވެ. އެއާ އެކު އޭނާގެ ސިޔާސަތުތައް ކުރިއަށް ގެންދިއުމަށް މާ ބޮޑު ހުރަހެއް މިއަދަކު ނެތެވެ. އޭގެ އިތުރުން ސިލިކަން ވެލީގެ މުހިންމު ޝަޚުސިއްޔަތުތައް ވެސް ތިބީ ޓްރަމްޕުގެ ރުހުން ހޯދުމަށް ފެންބޮވައިގެންފައެވެ. ޓްރަމްޕާ ގުޅުން ބަދަހި ކުރަން ކުރިން ބޭނުން ނުވި ޓެސްލާގެ އީލޯން މަސްކާއި މެޓާގެ މާކް ޒަކަބާގު ވެސް މިއަދު ތިބީ ޓްރަމްޕްގެ ފަހަތުގައެވެ. ގިނަ ޢަދަދެއްގެ އިންފްލުއެންސަރުންނާއި ޕޮޑްކާސްޓަރުން ވެސް ދަނީ ޓްރަމްޕްގެ ވާހަކަތައް އެތައް މިލިޔަން މީހުންނަށް ގެނެސްދީ އޭނާގެ ސިޔާސަތުތައް މަޝްހޫރު ކޮށްދެމުންނެވެ.
އައު ދައުރުގައި ޓްރަމްޕަށް ވާރުތަ ވަނީ ވަރުގަދަ އިޤްތިޞާދެކެވެ. މިހާރުގެ ރައީސް ޖޯ ބައިޑަނަށް ކުރިމަރިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސަރަޙައްދީ ރޮނގުތަކުން ޤަވާއިދާ ޚިލާފަށް އެތެރެވަމުން ދިޔަ މީހުންގެ މައްސަލައެވެ. ނަމަވެސް އެ މައްސަލަ ވެސް މިހާރު މި ވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ކަން މިހެން އޮތް ނަމަވެސް ޓްރަމްޕް ރާއްވަވަމުން ދަނީ ވިޔަފާރިއާއި އިޤްތިޞާދީ ބައިވެރިންގެ މައްޗަށް ބޮޑެތި ފީތަކެއް ކަނޑައަޅުއްވައި އެމެރިކާގައި ޤަވާއިދާ ޚިލާފަށް ދިއިރުޅޭ މީހުން މިލިޔަނުން އަނބުރާ ޤަައުމުތަކަށް ފޮނުވުމަށެވެ. އެއީ އެމެރިކާގައި ތަކެތީގެ އަގު އުފުލި ޙިއްޞާގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުޞަތު އޮތް ފިޔަވަޅުތަކެކެވެ. ޓްރަމްޕްގެ ހަރުކަށި ވިޔަފާރި ސިޔާސަތުތަކާއި ސަރުކާރުގެ ޚަރަދު ކުޑަ ކުރުމަށް ދެއްވައި އަޙައްމިއްޔަތުކަމުގެ ސަބަބުން އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އިތުރުވެ ޔަޤީންކަން ކުޑަވުމަކީ ވުން އެކަށީގެންވާ ކަންކަމެވެ. ޤައުމުގެ ދަރަނި ބޮޑުތަނުން އިތުރުވާ ނަމަ ބޮންޑު ބާޒާރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ވެސް ބެލެވެއެވެ. 2017ވަނަ އަހަރު ޓެކްސް ކުޑަ ކުރަން ޓްރަމްޕް ނިންމެވި ނިންމެވުގެ މުއްދަތު އިތުރު ކުރަން ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ކަންތައް ނުކުރައްވައިފި ނަމަ ދުނިޔޭގެ ބާޒާރުތަކުން އެކަން ބަލައި ނުގަތުން އެކަށީގެންވެއެވެ.
ރައީސްކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ޤައުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ޓްރަމްޕް ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެ ގޮތުުން މައި ސަރުކާރުގެ ހިންގުމަށާއި ޝަރުޢީ ނިޒާމަށް ފުޅާ ދާއިރާއެއްގައި ބަދަލުތައް ގެންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޑެންމާކުގެ ބައެއް ކަމުގައިވާ ގްރީންލޭންޑު ގަތުމަށް ވިސްނަވަމުންދާ ޓްރަމްޕް ވަނީ ޕެނަމާ ކެނޭލް ވެސް އެމެރިކާގެ ބާރުގެ ދަށަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. ގިނަ ބައެއްގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ މި ފަދަ ބޮޑެތި ރޭވުންތަކުގެ ސަބަބުން ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރެކޭ އެއްގޮތަށް ކުރިއަށް އޮތް ދައުރަކީ ވެސް ހަލަބޮލި އަދި އާދަޔާ ޚިލާފު ދައުރަކަށް ވާނެކަމާމެދު ސުވާލެއް ނެތެވެ.
