ޙަޔާތުގެ ހުރިހާ ދުވަހަކު އެންމެ ލޯބިން އެކުގައި ދުނިޔޭގައި އުޅުމުގެ ތަޅުދަނޑި!

ކޮންމެ ކަމަކަށްވެސް ތަޅުދަނޑިއެއް އޮވެއެވެ. ޒަވާޖީ ޙަޔާތުގެ ހުރިހާ ދުވަހަކު އެކުގައި އުޅުމަށްވެސް ތަޅުދަނޑިއެއް އެބައޮތެވެ! އެތަޅުދަނޑި ކޮންމެ މީހެއްގެ އަތުގައިވެސް އޮވެއެވެ. ނަމަވެސް ދޮރުހުޅުވައި ވަންނަން މަސައްކަތް ނުކުރެވެނީއެވެ. ދޮރުން ނުވަދެ އެތަނެއްގައި ހުރި ރަން ނަމަވެސް ނުލިބޭނެ ނޫންހެއްޔެވެ؟

ކޮންމެ ދެމަފިރިއަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ލޯބިން މުޅި އުމުރު ހޭދަކޮށްލުން ކަމަށްވާއިރު ނުހަނު ފަސޭހައިން އެކަން ޙާޞިލުކުރެވެން އެބައޮތެވެ. އެއީ ވީހާގިނައިން އެކަކު އަނެކަކަށް މާފުކުރުމެވެ.

މާފުކުރުމުގައިވެސް އިންތަކަކާއި ދަރަޖަތަކެއް ހުންނާނެއެވެ. ގިނަފަހަރަށް ކަންކަން މެދުވެރިވާ ގޮތަކީ ވަރަށް ފަސޭހައިން މާފުކުރެވިދާނެ ކުދިކުދި ކަންކަމުގައިވެސް މާފުނުކުރެވެނީ އެވެ. ބެލެނީ މާފުނުކޮށް ބަދަލުހިފޭނެ ގޮތަކަށެވެ. އެވިސްނުން މުޅިން ދޫކޮށްލަން އެބަޖެހެއެވެ.

އެހެން އެވަނީ މާފު ކުރުމަކީ އެމީހާގެ ޢިއްޒަތާއި ޤަދަރަށް އުނިކަން އަންނަ ކަމެއް ކަމަށް  ބައެއް މީހުންނަށް ޤަބޫލުކުރެވޭތީއެވެ. މޮޅުވުމަކީ އަނެކަކު ކުށްވެރިކޮށް އެމީހާގެ ކިބައިން ބަދަލު ހިފުން ކަމަށް ޤަބޫލުކުރެވޭތީއެވެ. އެހެންކަމުން ގިނަވަމުންދަނީ މާފުކުރަން ބޭނުން ނުވާ މީހުންނެވެ.

މިއީ ވަރަށް ދެރަ ނިކަމެތި ސިފައެކެވެ. މާފުކުރަން ބޭނުން ނުވާ މީހަކަށް އަބަދުވެސް އުޅެން ޖެހޭނީ ބައަކާއި ދެބަސްވުމުގައެވެ. އަރާރުންވުމުގައެވެ. ތަޅާފޮޅުމުގައެވެ. ޢާއިލީ ދިރިއުޅުމަށް ބަލައިފިނަމަ މާފުކުރަން ބޭނުން ނުވާ ދެމަފިރިންނަށްވެސް އުޅެން ޖެހޭނީ ހަމަ މިފަދަ ޙާލެއްގައެވެ. ރުޅިވެރިކަމާއި ނަފްރަތުން ފުރިގެންވާ ޙާލަތެއްގައެވެ. މިފަދަ ޙާލަތުގައި ދިރިއުޅޭ އެއްވެސް ދެމަފިރިއަކަށް ދުވަހަކުވެސް އުފަލާއި ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.

ފުރަތަމަ ވިސްނައިލާށެވެ! ޢަފޫކުރެއްވެވުމުގައި ﷲ ތާޢާލާ އީ އެންމެ ދީލަތިވަންތަ ފަރާތެވެ. ޣަފޫރުއްރަޙީމްއެވެ. ގިނަގިނައިން ފާފަ ފުއްސަވައި ދެއްވަވާ ރަސްކަލާނގެއެވެ. މީހަކަށް ފާފައެއް ކުރެވުނު ނަމަވެސް އެމީހަކު ތައުބާވޭތޯ ބައްލަވަން މަލާއިކަތުން އެ ފާފަ ފަތުގައި ނުލިޔުއްވަވައި 6 ގަޑިއިރު އިންތިޒާރު ކުރއްވަވައެވެ.

ވީއިރު ﷲ ތަޢާލާ އުފެއްދެވި އިންސާނުން އެކަކު އަނެކަކަށް މާފުކުރަން އަވަސްވެނުގަންނަވީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެއާއިއެކު މާފުކުރާ މީހުންގެ ދަރަޖަ އުފުއްލަވައިދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

މާފުކުރުމުގެ ހުރި ރަނގަޅުކަން ނިކަން ދެކެބަލާށެވެ. އެންމެ އުފާވެރި ދިރިއުޅުމެއް އުޅެމުން ދަނީ އެކަކު އަނެކަކަށް މާފުކުރާ ދެމަފިރިންނެވެ.

ބައެއް މީހުންނަށް އުފަލަކަށްވަނީ މާފުނުކޮށް އަނެކާ ނިކަމެތިކުރުމެވެ. އެފަދައިން ކަންކަން ކުރާ މީހުން ﷲ ތަޢާލާ ނިކަމެތި ކުރައްވަވާނެކަންވެސް މިއޮތީ ޙަދީޘްފުޅުން އެނގޭށެވެ. ބޭނުންވަނީ ތިބާގެ މޮޅުކަމާއި ބާރުގަދަކަން މީސްތަކުންނަށް ދައްކަން ހެއްޔެވެ؟ ނޫނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހާގެ ޤަދަރު މަތިވެރިވެ އުފުލިގެން ދިއުން ހެއްޔެވެ؟

ދުނިޔޭގައި އުފަލުގައި ދިރިއުޅެން ބޭނުން ނަމަ އެކަކު އަނެކަކަށް މާފުކުރާ މީހުންނަށްވާށެވެ! މާފުކުރުމުން އަންގައިދެނީ އެމީހެއްގެ ހިތްތިރިކަމާއި އޯގާތެރިކަމުގެ ބޮޑުކަމެވެ. ހިތްތިރި އޯގާތެރިން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ހިތްތިރިކަމާއި އޯގާތެރިކަމަކީ ރިވެތިކަން ބޮޑު އަޚްލާޤީ ސިފަތައް ކަމުގައިވާތީއެވެ. ވީމާ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދުމަށްޓަކައި ވެސް މާފުކުރުމުގައި ދީލަތިކަން އިތުރުކުރާށެވެ! އެކަމުން ލިބޭ ހިތްހަމަޖެހުން މާބޮޑުވާނެއެވެ.

ހިނިތުންވުމަކީވެސް އަދި މާފުކުރުމަކީވެސް ހަމަ ޞަދަޤާތެކެވެ. ޞަދަޤާތް ކުރުން އިތުރުކުރި ވަރަކަށް އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު އިތުރުކުރައްވަވާނެތެވެ. އިންޝާ ﷲ!

–އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *