ބެލަރޫސްގައި ބޭއްވި ރިޔާސީ އިންތިޚާބު، ރައީސް އަލެކްސާންދްރަ ލުކަޝެންކާ ކާމިޔާބު ކުރައްވައިފިއެވެ. މިއީ އަލެކްސާންދްރަ ލުކަޝެންކާ ރައީށް ކަމުގެ މަގާމް ކާމިޔަބު ކުރެއްވި 7 ވަނަ ފަހަރެވެ. ލުކަޝެންކާ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ކަން ބެލަރޫސްގެ އިންތިޚާބީ ކޮމިޝަނުން ހާމަކުރުމާ އެކު ހުޅަނގުން ވަނީ އެ ކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ.
ބެލަރޫސްގެ އިންތިޚާބީ އިދާރާއިން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު ލުކަޝެންކާ ވަނީ އިންތިޚާބުގައި ވޯޓުލާފައިވާ މީހުންގެ ތެރެއިން %86.8 މީހުންގެ ތާޢީދު ހޯއްދަވާފައެވެ. މިއާ އެކު، ފާއިތުވި 31 އަހަރު ބެލަރޫސްގެ ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ލުކަޝެންކާ މި ވަނީ އިތުރު ފަސް އަހަރުގެ ދައުރަކަށް އިންތިޚާބުވެ ވަޑައިގަންނަވާފައެވެ. އިންތިޚާބުގައި އިތުރު ހަތަރު ކެނޑިޑޭޓުން ވާދަކޮށްފައިވީ ނަމަވެސް، އެ ކެނޑިޑޭޓުންގެ ފަރާތުން ލުކަޝެންކާއަށް އެއްވެސް ވަރެއްގެ ގޮންޖެހުމެއް ކުރިމަތިވެފައެއް ނެތެވެ.
ބަލަރޫސްގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރުމާ އެކު، އެ ނަތީޖާއަށް އެންމެ ބޮޑަށް ފާޑުކިޔާފައިވާ ފަރާތްތަކުގެ ތެރޭގައި ވިލާތުގެ ޤައުމުތަކުގެ ސިޔާސީން ހިމެނެއެވެ. އެ ފަރާތްތަކުން ބުނީ، ބެލަރޫސްގައި ބާއްވާފައި ވަނީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ކަމަށް ބެލުމުގެ ފުރުޞަތު ނެތް ކަމުގައެވެ. ސަބަބަކީ، ލުކަޝެންކާގެ ސަރުކާރާ ދެކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލާފައިވުމެވެ. ނުވަތަ، މަޖުބޫރުން އަރުވައިލެވިފައި ވުމެވެ. އަދި، އިންތިޚާބުގެ ކަންކަން ރިޕޯޓު ކުރުމަށް ބޭރުގެ މީޑިޔާތަކަށް ފުރުޞަތު ދީފައި ނެތުމެވެ.
"ބެލަރޫސްގެ ރައްޔިތުންނަށް އިތުރު ގޮތެއް ނެތް. މިއީ، މިނިވަންކަމާއި ޑިމޮކުރަސީގެ އިންތިޒާރުގައި ތިބި މީހުންނަށް ލިބުނު ހިތްދަތި ކަމެއް،" އިންތިޚާބުގެ ނަތީޖާއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު އަނަލިނާ ބެއަރބޮކް ވިދާޅުވިއެވެ.
