ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެ މަގާމުން ވަކިކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ފައިސަލް ވަކި ކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާއި ހަވާލުކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ފައިސަލް މިއަދު މަގާމުން ވަކިކުރައްވާފައި ވާއިރު، ދާދި ފަހުން ރައީސް އޮފީހުން ވަނީ ރާއްޖެއިން ބޭރަށް ފައިސަލް ކުރައްވަން އުޅުނު ދަތުރުތަކެއް ހުއްޓުވައިފަ އެވެ.
މި ސަރުކާރުގެ ކެބިނެޓަށް އައްޔަންކުރެއްވި މިނިސްޓަރުންގެ ތެރެއިން ގާބިލްކަމާ ދޭތެރޭ ސުވާލު އުފައްދައި ފުރަތަމަކޮޅުގައި އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވި ފައިސަލްގެ ޓޫރިޒަމް ދާއިރާގެ މާބޮޑު ތަޖުރިބާއެއް ނެތް ނަމަވެސް ބިޒްނަސް މެނޭޖްމެންޓުން ފަސްޓް ޑިގްރީ ހާސިލުކުރެއްވި އިރު ތީސިސް ޚާއްޞަކުރީ ޓޫރިޒަމް ދާއިރާއަށެވެ.
