އެމީހަކަށްޓަކާ ލިޔުއްވިގެންނުވާ އެއްވެސް ކަމެއް ކުރިމައްޗެއް ނުވާނެ!

عُبَادَةُ بنُ الصَّامِتِ رَضِيَ اللهُ عَنْهُގެ އަރިހުން ރިވާވެގެން އައިސްފައި ވެއެވެ. އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ. "އޭ ލޯބިވާ ދަރިފުޅާއެވެ! "ހަމަކަށަވަރުން ތިބާއަށް ﷲ މިންވަރު ކުރައްވައިފައިވާ ކަމެއް ތިބާއަށް ނުޖެހި ނުދާނޭ ކަމަށާއި، އަދި ތިބާއަށް އެކަލާނގެ މިންވަރު ކުރައްވައިފައި ނުވާ ކަމެއް ތިބާއަށް ނުޖެހޭނެކަން ދެނެގެންފުމަށް ދާންދެން އީމާންކަމުގެ ޙަޤީޤީ ރަހަ ތިބާއަކަށް ނުލިބޭނެތެވެ." އަދި ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. "ހަމަކަށަވަރުން الله تَعَالَى އެންމެފުރަތަމަ ހެއްދެވީ ޤަލަމެވެ. ފަހެ ޤަލަމަށް އެކަލާނގެ އެންގެވިއެވެ. "ލިޔާށެވެ!" އެހިނދު ޤަލަން ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! "ލިޔަންވީ ކޮން އެއްޗެއްތޯއެވެ؟" އެކަލާނގެ އެންގެވިއެވެ. "ޤިޔާމަތާ ޖެހެންދެން ހިނގާނޭ ހުރިހައި ކަމެއް ލިޔާށެވެ!" އޭ ލޯބިވާ ދަރިފުޅާއެވެ! އަދިވެސް ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. "މި ނޫން ގޮތެއްގެ މަތީގައި މަރުވާ މީހާއީ ތިމަންކަލޭގެފާނު އުޅުއްވި ގޮތުގެ ތެރެއިންވާ މީހެއްނޫނެވެ." عُبَادَةُ بْنُ الصَّامِتِ رَضِيَ اللهُ عَنْهُ އެ ކަލޭގެފާނުގެ ދަރިކަލުންނަށް މި ދަސްކޮށްދެއްވީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ޤަޟާ ޤަދަރަށް އީމާންވުމުގެ މުހިންމުކަމުގެ ވާހަކައެވެ. ޤަޟާ ޤަދަރަށް ފުރިހަމައަށް އީމާންނުވާ ނަމަ، އޭނާގެ އީމާންކަން ފުރިހަމަ ނުވާނޭ ވާހަކައެވެ. ޤަޟާ ޤަދަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ހަވަނަ ރުކުނެވެ. އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނަކަށް އިންކާރުކޮށްފި މީހާ އީމާންވި ކަމުގައެއް ނުވެއެވެ. އީމާންކަމަކީ ކޮބައިތޯ، ސަލާމްލެއްވި ޖިބްރީލުގެފާނު، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ގެ އަރިހުގައި، ސުވާލުދެންނެވުމުން ޙަދީޘްކުރެއްވިއެވެ. (أَنْ تُؤْمِنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِމާނައީ: "އެއީ، الله އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކަށާއި، އެކަލާނގެ ފޮނުއްވި ރަސޫލުންނަށާއި، އާޚިރަތް ދުވަހަށާއި، ހެޔޮ މިންވަރާއި ނުބައި މިންވަރަށް ތިބާ އީމާންވުމެވެ."

ޤަޟާ ޤަދަރަށް ނުވަތަ ހެޔޮމިންވަރާއި ނުބައިމިންވަރަށް  އީމާންވުމުގައި ހަތަރު ކަމަކަށް އީމާންވާން ޖެހެއެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ، الله سُبْحَانَهُ وَتَعَالَى ހުރިހައި ކަމެއް ދެނެވޮޑިގެންވާކަމަށް އީމާންވުމެވެ. ޚަލްޤުތަކުން ހެއްދެވުމުގެ މާކުރީން މާތް ﷲގެ އަޒަލިއްޔަ ޢިލްމުފުޅުގައި، އެ ތަކެއްޗާ ބެހޭ ހުރިހައި ކަމެއް ދެނެވޮޑިގެންވާކަމާއި، އުޑުތަކާއި، ބިމުގައި ހިނގައިފައިވާ ހުރިހައި ކަމަކާއި، ހިނގާ ހުރިހައި ކަމަކާއި، އަދި މުސްތަޤުބަލުގައި ހިނގާނޭ ހުރިހައި ކަމެއް ވެސް އެކަލާނގެ ދެނެވޮޑިގެންވާކަން ޤަބޫލުކުރުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި غيبގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ حضرةގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނެއްނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއް ވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއް ވިޔަސް، އަދި ރޯ އެއްޗެއް ވިޔަސް، ހިކި އެއްޗެއް ވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ." އަދިވެސް  އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް الله رزق ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ. އެ ތަކެތި ބިމުގައި އުޅޭ ތަނާއި، މަރުވެގެން ވަޅުލާ ތަނެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. މި ހުރިހައި ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވައިފައެވެ."

ޤަޟާ ޤަދަރަށް އީމާންވުމުގައި އީމާންވާންޖެހޭ ދެވަނަ ކަމަކީ اَللَّوْحُ الْمَحْفُوْظُ ގައި، الله سُبْحَانَهُ وَتَعَالَى ހުރިހައި ކަމެއް ލިޔުއްވައިފައިވާކަމަށް އީމާންވުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެއްވެސް މުޞީބާތެއް، ތިމަންރަސްކަލާނގެ އެ މުޞީބާތެއް، ވުޖޫދަށް ނެރުއްވުމުގެ ކުރީން ފޮތެއްގައި (އެބަހީ: اَللَّوْحُ الْمَحْفُوْظُ ގައި) ލިޔުއްވައިފައިވާ حالގައި މެނުވީ، ބިމަށް ވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް ވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެ ކަންތަކަކީ ﷲއަށް ދާދި ފަސޭހަ ކަމެކެވެ." އުޑުތަކާއި ބިން ހެއްދެވުމުގެ މާކުރީން الله سُبْحَانَهُ وَتَعَالَى ވަނީ ހުރިހައި ކަމެއް ލިޔުއްވައިފައެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި-ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (كَتَبَ اللهُ مَقَادِيْرَ الْـخَلَائِقِ قَبْلَ أَنْ يَـخْلُقَ السَّمَـٰوَاتِ وَالْأَرْضَ بِـخَمْسِيْنَ أَلْفَ سَنَةٍ)  މާނައީ: "އުޑުތަކާއި ބިން ހެއްދެވުމުގެ ފަންސާސް ހާސް އަހަރު ކުރީން، الله سُبْحَانَهُ وَتَعَالَى ޚަލްޤުތަކުންނަށް މިންވަރުކުރައްވައި ކަނޑައަޅުއްވައިފައިވާ ކަންތައްތައް ލިޔުއްވިއެވެ."

ޤަޟާ ޤަދަރަށް އީމާންވުމުގައި އީމާންވާން ޖެހޭ ތިންވަނަ ކަމަކީ ކޮންމެ ކަމެއްވެސް ހިނގަމުންދަނީ ﷲގެ އިރާދަފުޅުންކަމާއި، އިރާދަފުޅާ ނުލައި އެއްވެސްކަމެއް ނުހިނގާނެކަމަށް އީމާންވުމެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.  "އަދި ﷲ، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާ ނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ތިބާޔަށް ހެޔޮ ގޮތެއް މެދުވެރިކުރައްވާ ނަމަ، (އެ ކަން ދުރުކުރާނޭ އެހެން ފަރާތެއް ނުވެއެވެ.) ފަހެ، އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." ބަޔަކު ކިތަންމެ ގަދައަޅައި ތިބާއަށް ގެއްލުމެއްދޭން ނުވަތަ މަންފާއެއް ހޯދައިދޭން އުޅުނުކަމުގައި ވިޔަސް، އެކަލާނގެ އިރާދަފުޅުން މެނުވީ އެ ކަމެއް ނުވާހުއްޓެވެ. عَبْدُ اللهِ بْنُ عَبَّاسٍ رَضِيَ اللهُ عَنْهُمَا އަށް ނަސޭހަތް ދެއްވަމުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  (‏‏وَاعْلَمْ أَنَّ الْأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوْكَ بِشَيْءٍ لَـمْ يَنْفَعُوْكَ إلَّا بِشَيْءٍ قَدْ كَتَبَهُ اللهُ لَكَ، وَإِنِ اجْتَمَعُوْا

عَلَى أَنْ يَضُرُّوْكَ بِشَيْءٍ لَـمْ يَضُرُّوْكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللهُ عَلَيْكَ؛ رُفِعَتِ الْأَقْلَامُ، وَجَفَّتِ الصُّحُفُ) މާނައީ: "އަދި ކަލޭގެފާނު ދަންނާށެވެ! ހަމަކަށަވަރުން، އެންމެހައި މީސްތަކުން އެއްބައިވެ، ތިބާއަށް މަންފާއެއް ޙާޞިލުކޮށްދޭން އުޅުނަސް، ﷲ ތިބާއަށް ޓަކައި ލިޔުއްވައިފައިވާ މަންފާއެއް މެނުވީ ހޯދައެއް ނުދެވޭނެތެވެ. އަދި އެބައިމީހުން އެއްބައިވެ، ތިބާއަށް ގެއްލުމެއް ދޭން އުޅުނަސް، ﷲ ތިބާގެ މައްޗަށް ލިޔުއްވައިފައިވާ ގެއްލުމެއް ނޫނީ ނުދެވޭނެތެވެ. ފަތްފުށްތަކުން ގަލަންތައް އުފުލި، ދެލި ހިކިއްޖެއެވެ. (އެބަހީ: އެންމެހައި ކަމެއް ވަނީ اَللَّوْحُ الْمَحْفُوْظُގައި ލިޔެވި ނިމިފައެވެ. އަދި އެ ކަމަކަށް ބަދަލު އައުމެއް ނެތި އެ ކަންކަން ހިނގާނެއެވެ.)"

ޤަޟާ ޤަދަރަށް އީމާންވުމުގައި އީމާންވާން ޖެހޭ ހަތަރުވަނަ ކަމަކީ ކައުނާއި ކައުނުގައި ވާހައި ތަކެއްޗެއް ހެއްދެވީ الله سُبْحَانَهُ وَتَعَالَى ކަމަށް އީމާންވުމެވެ. އޭގެ ތެރޭގައި ހުރިހާ މަޚުލޫޤުން ކުރާކަންތަކާއި އެ މަޚުލޫޤުންތަކަށް ލިބިފައިވާ ކުޅަދާނަކަމަކާއި ހުރިހައި ބާރެއް ވެސް ހިމެނެއެވެ.  މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " އީ، ހުރިހައި އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ." އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ކުރާހައި ކަމެއް ހެއްދެވީ ﷲއެވެ."

ޤަޟާޤަދަރަށް އީމާންވާ މީހަކު އޭނާގެ ޙަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައެވެ. ފިތުނައިގެ ސަބަބުން އެ ފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެއެވެ. ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ވެސް ނުދާނެއެވެ. ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތް اللهގެ ޢިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިޢުތިޤާދުކުރާ ބަޔަކު ބިރުގަނެ، ހިތްނުތަނަވަސްވެ، މާޔޫސްވާކަށް ނުޖެހޭނެއެވެ. އޭނާއަށް ދިމާވެފައިވާ ކަންކަމާ، ހިތާމަކޮށް ފުރާނައަށް ގެއްލުމެއް ނުދޭނެއެވެ. މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ!  އަޅަމެންނަށް ލިޔުއްވައިފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، مؤمن ން ހަމައެކަނި،  އަށް وكيل ކުރާހުށިކަމެވެ!"

މާތް  މި ކައުނުގައި ލައްވައިފައިވާ ހުރިހައި ކަމެއް  ލައްވައިފައިވަނީ އަޅުތަކުންގެ މަޞްލަޙަތަށް ޓަކައެވެ. އަހަރެމެންނަށް އެ ކަން އެނގުނުކަމުގައި ވިޔަސް، އަދި ނޭނގުނު ކަމުގައި ވިޔަސް ހިނގާ ހުރިހައި ކަމަކީ އެ ކަމުގައި އެންމެ މަޞްލަޙަތު ހުރި ގޮތެވެ. އެކަލާނގެ ހައްދަވައިފައިވާ ތަކެއްޗާއި އެ ތަކެއްޗަށް މިންވަރުކުރައްވައިފައިވާ ގޮތް ދެނެވޮޑިގެންވަނީ ހަމަ އެކަލާނގެއެވެ. އެކަލާނގެއީ ހުރިހައި އުނިސިފަތަކަކުން ހުސްދުރުވެވޮޑިގެންވާ ރަސްކަލާނގެއެވެ. މާތް  ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެ ދެމެދުގައި ވާހައި ތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެވެ."

މާތް الله އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ތަކުލީފެއް ނުޖައްސަވައެވެ. އެކަލާނގެއީ އެންމެ ޢަދުލުވެރި ރަސްކަލާނގެއެވެ. އަދި ހަމަ އެފަދައިން އެކަލާނގެ އެއްވެސް އަޅަކަށް އަނިޔާވެރިވެވޮޑިއެއްނުގަންނަވާނެއެވެ. މާތް الله ވަޙީކުރައްވައިފައިވާ  ބަސްފުޅެއްގެ މާނައިގައި ވެއެވެ. "الله، (އެއްވެސް މީހަކަށް) ޛައްރެއްގެ މިންވަރު ވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ. އެއީ، ހެޔޮ ކަމެއް ކަމުގައިވާ ނަމަ، އެ ކަންތައް (އެބަހީ: އޭގެ ثَوَابُ) ގިނަގުނަ ކުރައްވަތެވެ. އަދި، އެކަލާނގެ ޙަޟްރަތުން ބޮޑުވެގެންވާ ދަރުމަ ދެއްވަތެވެ."

އަހަރެމެންނަށް ދިމާވާ މުޞީބާތްތަކުގައި، އަހަރެމެންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާޤަދަރަށް އީމާންވުމާއި، ކެތްތެރިކަން އިސްކުރުމެވެ. އީމާންކަމާއި، ކެތްތެރިކަމުން ޙިމާޔަތް ލިބިގެންފި ނަމަ، ދުނިޔެއާއި އާޚިރަތުގައި ދަރުމައާއި، ސަވާބު ހިސާބެއްނެތި ދެއްވައެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.  "ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއް ނެތިއެވެ."

  • މިއަދުގެ ހުކުރު ޚުޠުބާއިން
  • ޚުތުބާ ލިޔުއްވީ: އައްޝައިޚް ޢަބްދުލް ޤާދިރު މުޙައްމަދު
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *