ވިލާ ގްރޫޕްގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަޔާތްޕުޅާ ބެހޭ ބަޔޯގްރަފީއެއް މި މަހުގެ 10 ވަނަ ދުވަހު ނެރުމަށް ހަމަޖެހިއްޖެއެވެ. މި ފޮތް ލިޔުއްވާފައިވަނީ ތަޖުރިބާކާރު ނޫސްވެރިޔާ މުޙައްމަދު ޖަމީލެވެ.
ހަތް ސަތޭކަ އަށްވުރެ ގިނަ ސަފުހާގެ މައްޗަށް އެކުލެވިގެންވާ މި ފޮތަކީ ޖަމީލް ކުރިން ލިޔުއްވާފައިވާ ރައީސް މުޙައްމަދު އަމީނު އަދި ރައީސް މުޙައްމަދު ވަޙީދުގެ ބަޔޯއޮގްރަފީތަކަށްފަހު ނެރުއްވާ ތިންވަނަ ބަޔޯގްރަފީއެވެ.
އާންމުންނަށް ހުޅުވާލެވިފައިވާ މި މައުރަޒު 11 ފެބްރުއަރީގެ ރޭ 10:30 އާ ހަމައަށް ކުރިއަށްދާނެއެވެ. މައުރަޒަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް ގާސިމް އިބްރާހިމްގެ ބައޮގްރަފީގެ ހިލޭ ކޮޕީއެއް ލިބޭނެއެވެ. ފޮތް ޗާޕުކޮށްފައިވަނީ ކުލަކޮށް، ހާޑްކަވަރ ބައިންޑިންގ އާއެކުގައެވެ.
ފޮތް ނެރުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖްގައި 10 ފެބްރުއަރީ ރޭގަނޑު ބާއްވާ ޚާއްސާ ހަފްލާއެއްގައެވެ. މި ހަފްލާގައި ފޮތުގެ އިތުރުން އޭގެ އޯޑިއޯ ވާޝަނާއި ފޮތަށް ޚާއްސަ ވެބްސައިޓެއް އިފްތިތާހުކުރުންވެސް ހިމެނެއެވެ. އަދި ގާސިމްގެ ހަޔާތްޕުޅު ތަމްސީލުކޮށްދޭ ފޮޓޯ މައުރަޒެއްވެސް އެރޭ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ތައުލީމަށް ގިނަ ގުނަ ހޭދަތަކެއް ކުރައްވާ ގާސިމް ގެންދަވަނީ އަމިއްލަ ކޮލެޖެއް ހައްދަވައި އެތައް ދިވެހި ދަރީންތަކަކަށް މަތީ ތައުލީމްގެ ފުރުސަތުތަށް ފަހިކޮށްދެއްވަމުންނެެވެ. ވިލާ ކޮލެޖްގެ ނަމުގައި ހިންގާ އެ ކޮލެޖުން މިހާތަނަށް 2،000 ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.
ގާސިމް އިބްރާހީމަކީ އެމަނިކުފާނުގެ ޒުވާން އުމުރުން ފެށިގެން، މެދުކެނޑުމެއްނެތި ދިވެހިރާއްޖޭގެ ތަރައްޤީއަށާއި، ވިޔަފާރިއަށާއި، އިޤްތިޞާދަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޤާސިމްގެ ދަރުމަވެރި ޚިދުމަތްތަކަކީ، ރާއްޖޭގައި އަމިއްލަ ފަރުދަކު މިހާތަނަށް ފޯރުކޮށްދެމުންދާ އެންމެ ފުޅާ ދާއިރާގެ ދަރުމަވެރި ޚިދުމަތްތަކެވެ.
ވޭތުވެދިޔަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އައިސްފައިވާ އަދި އަންނަމުންދާ ތަރައްޤީގައި ޤާސިމްގެ ހިއްސާ ފާހަގަކޮށްލެވޭ މިންވަރަށް ބޮޑެވެ. އެމަނިކުފާނު ކުރައްވާފައިވާ ތަޖުރިބާތައް ގިނަގުނައެވެ. ބިނާކުރެއްވި ދިވެހި ތަޢުލީމީ ޖީލު ފުޅާވެގެންވެއެވެ. ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތުގައި ގާސިމް އިބްރާހީމް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީވެސް އާރާސްތު މަސައްކަތްޕުޅުތަކެކެވެ.
ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފްކުރުމަށް އެކުލަވާލެވި، ފާސްކުރެވި، ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއަކީ އެބޭފުޅާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން، ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާއެކު ޙާޞިލުކުރެއްވި ނަތީޖާއެކެވެ. އަދި މި ވޭތުވެދިޔަ އަހަރުތަކުގައި އެ ޤާނޫނުއަސާސީއާއި ޑިމޮކްރަސީއާއި ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި، އެއްވެސް ފަސްޖެހިވަޑައިގަތުމެއްނެތި ކުރިއަށް ނުކުމެވަޑައިގެން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީވެސް، ފާހަގަކުރެވިގެންދާ މުހިންމު އަދި ބުރަދަން ހުރި މަސައްކަތްޕުޅުތަކެކެވެ.
