އެމެރިކާގެ އިސްތިއުމާރީ ބާރުގެ ދަށަށް ޣައްޒާ ގެންދަން ބޭނުންވާ ކަމަށް އެގައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވައިޓްހައުސްގައި ބޭއްވި ބައްދަލުުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕު ބުނީ އޭނާގެ އަމާޒަކީ ޣައްޒާ އަލުން އާރާސްތުކުރުން ކަމަށާއި، އެކަމަށްޓަކައި އެ ސަރަހައްދުގައި ތިބި މީހުން އެހެން ގައުމުތަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. އެއަށްފަހު އެމެރިކާއިން އެ ތަން އަލުން އާރާސްތުކޮށް ޒަމާނީ ވަސީލަތްތަކާއެކު ވަޒީފާތަކާއި އެހެނިގެން ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށެވެ.
ޣައްޒާ މި ވަގުތު އޮތީ ސުންނާފަތި ކޮށްލައިފައެވެ. ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އެ ސަހަރުގެ އުމްރާނީ ވަސީލަތްތައް ސުންނާފަތި ކޮށްލައިފައި ވަނީ އެމެރިކާގެ ވާތްގާއި އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން 15 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ލާއިންސާނީ ޢުދުވާނުގައެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފެށި ޢުދުވާން ނިމުމަކަށް ގެނެސްފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.
ޢުދުވާން މެދުކަނޑައިލުމާ އެކު ޓްރަމްޕް ވަނީ ޣައްޒާ ހުސްކުރަން ބޭނުންވާ ކަން ހާމަ ކުރައްވާފައެވެ. އަދި، އެ ސަހަރުގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ ރައްޔިތުން، މިޞްރާއި އުރުދުނަށް ގެންދިޔުމަށް އޭނާ ވަނީ އެ ދެ ޤައުމުގެ ވެރިންނަށް ގޮވައިލައްވާފައެވެ. ނަމަވެސް، އެ ޤައުމުތަކުގެ އިތުރުން ޢަރަބި ޤައުމުތަކުން ވެސް ވަނީ އެ ކަމަށް އިންކާރު ކޮށްފައެވެ. ޓްރަމްޕް ސިފަ ކުރައްވާ ގޮތުގައި މި ވަގުތު ޣައްޒާއަކީ އިމާރާތްތައް ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ގޮނޑެއް ފަދަ ތަނެކެވެ. ޣައްޒާއަކީ، އިޤުތިޞާދީ ގޮތުން ބޮޑެތި ނަފާތަކެއް ހޯދޭނެ ބިމެއް ކަމުގައި ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، ޓްރަމްޕްގެ ހުށަހެޅުމަށް އެމެރިކާއާ ދެކޮޅު ޤައުމުތަކުގެ އިތުރުން އެ ޤައުމުގެ އެކުވެރިން ވެސް ނުރުހޭނެއެވެ. އަދި، މި ހުށަހެޅުމާ އެކު، މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ ސަޢޫދީ ޢަރަބިއްޔާއާއި ޔަހޫދީންނާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ހިޔަނި އެޅޭނެ ކަމުގައި ވެސް އެ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޔަހޫދީން ފޭރިގަނެފައިވާ ފަލަސްޠީނުގެ ބިމުގައި ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކޮށްދިނުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ވަޢުދެކެވެ. އެއީ، އެމެރިކާއިން ވެސް މިހާތަނަށް ތާޢީދު ކޮށްފައިވާ ސިޔާސަތެކެވެ. ނަމަވެސް، އެމެރިކާއިން ޣައްޒާއަށް އަތްގަދަ ކުރަން ބޭނުންވާ ކަން ޓްރަމްޕް ހާމަ ކުރެއްވުމަކީ، ބައިނަލްއަޤުވާމީ ސިޔާސަތުތަކާއި އެމެރިކާގެ ސިޔާސަތާ ފުށުއަރާ ނިންމުމަކަށް ވާނެއެވެ.
